ޚަބަރު

ޅ.ކުރެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ އަމަލީ މަސައްކަތް މިމަސްތެރޭ ފަށަނީ


ޅ.ކުރެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ އަމަލީ މަސައްކަތް މިމަސްތެރޭ ފެށުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީން އަންނަނީ ތައްޔާރުވަމުންނެވެ. ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫގެ އަމަލީ މަސައްކަތް ފެށުމަށްޓަކައިވަނީ ސައިޓް މޮބިލައިޒް ކޮށްފައެވެ.

ކުރެންދޫއަކީ ރަށްގިރުމުގެ މައްސަލަ އަބަދުވެސް ކުރިމަތިން ވަމުން އަންނަރަށެކެވެ. ރަށްގިރަމުންގޮސް ރަށުގެ ރީތި ގޮނޑުދޮށުން ބޮޑުބައެއް މިހާރުވެސްވަނީ ގިރައިގެން ގޮސްފައެވެ. ރަށްވަށައިގެން ގިރާއިރު ބައެއް ސަރަހައްދުތަކުން ހޭޅިފަށާ ހަމަށް މޫސުން ގޯސްވާ ދުވަސްތަކުގައި ރާޅު އަރާކަމަށް އެރަށު ކައުންސިލްގެ ނާއިބު ރައީސް އިބްރާޙިމް މުފީދު މައުލޫމާތުދިނެވެ. އުދަ އަރާ ދުވަސްތަކުގައި މިޝަކުވާ ބޮޑުވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިމައްސަލައަށް ހައްލެއް ހޯދުމަށް ކުރި މަސައްކަތުން ރައީސުލްޖުމްހޫރިއްޔާގެ އިބްރާހީމް މުހައްމަދު ޞާލިޙްގެ ސަމާލުކަމަށް ގެނެވުނު ހިސާބުން މަސައްކަތް ފެށިގެން ދިޔަކަމަށް މުފީދު ވިދާޅުވިއެވެ.

ކުރެންދޫ ވަށައިގެން ހިމާޔަތް ކުރުމަށް އެމްޓީސީސީން ތައްޔާރު ވަމުންދާއިރު މިމަޝްރޫއުގެ ދަށުން 9100 ކިއުބިކް މީޓަރުގެ ސަރަހައްދަކަށް ވެލިއެޅުމަށްވަނީ ހަމަޖެހިފައެވެ. އަދި 361 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލުމާއި 822 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓްޖެހުމުގެ މަސައްކަތްވެސް މިމަސައްކަތުގެ ތެރޭގައި ހިމެނޭ ކަމަށް އެމްޓީސީސީން ވިދާޅުވެއެވެ.

2000 ވުރެ ބޮޑު އާބާދީއެއް އޮންނަ ކުރެންދޫގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތަށް 44.9 މިލިއަން ރުފިޔާ ޚަރަދުވެއެވެ.