ޚަބަރު

ޕޮންޒީ ސްކީމުގެ މައްސަލަ ފުލުހުން ތަޙުޤީގުކުރަން ފަށައިފި


ދިވެހި ރާއްޖޭގައި އަމިއްލަ ކުންފުންޏަކުން ގިނަ އަދަދެއްގެ ރައްޔިތުންގެ މާލީ މަސްލަހަތަށް ބުރޫއަރާ ގޮތަށް ޕޮންޒީ ސްކީމަކާ އެއްގޮތްވާގޮތަށް މުއާމަލާތުތަކެއް ހިންގަމުންދާ މައްސަލައިގެ ޖިނާޢީ ތަހުޤީގެއް ފަށާފައިވާކަމަށް ފުލުހުން ހާމަކުރައްވައިފިއެވެ.

ފުލުހުން ވިދާޅުވީ، ގިނަ އަދަދެއްގެ ރައްޔިތުންގެ މާލީ މަސްލަހަތަށް ބުރޫއަރާ ގޮތަށް ޕޮންޒީ ސްކީމަކާ އެއްގޮތްވާގޮތަށް މުއާމަލާތުތަކެއް ހިންގަމުންދާކަމަށް ކަމާ ބެހޭ އިދާރާތަކުން ފުލުހުންގެ ސަމާލުކަމަށް ގެނެސްފައިވާކަމަށެވެ. އަދި މިކަމާގުޅިގެން ފުލުހުން ބެލި ބެލުމުން، ޖިނާއީ ތަހުގީގެއް ކުރިއަށްގެންދަން ޖެހޭފަދަ ކަންތައްތަކެއް ފާހަގަކުރެވިފައިވާތީ އެ މައްސަލައިގެ ޖިނާއީ ތަހުޤީގެއް ހިންގަމުންދާކަމަށެވެ. ފުލުހުން ވިދާޅުވީ މި މައްސަލައިގެ ތަހުޤީގު ކުރިއަށްދާ ވަރަކުން މިކަމާގުޅޭ އިތުރު މަޢުލޫމާތު ހިއްސާކުރާނެކަމަށެވެ.

އާންމު ރައްޔިތުން ތަފާތު މިއުޗުއަލް ފަންޑްސްއާއި، ސްކީމްތަކުގައި އިންވެސްޓުކުރުމުގައި، މިބާވަތުގެ ކަންކަމާގުޅޭ ފަންނީ މައުލޫމާތާއި މާކެޓް ރިސްކުތަކަށް ފަރުވާތެރިވުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ކަމާބެހޭ ގާނޫނީ އޮނިގަނޑުތަކާ އެއްގޮތަށް ރަޖިސްޓްރީކުރެވި ލައިސަންސް ނުވަތަ އެކަށީގެންވާ ހުއްދަ އޮންނަ އިތުބާރުކުރެވޭ ފަރާތްތަކުގައި ނޫނީ ފައިސާ އިންވެސްޓު ނުކުރުމަށްވެސް ފުލުހުން ދަންނަވާފައިވެއެވެ. އެހެންނޫންނަމަ މިފަދަ ކަންކަމުގެ ސަބަބުން މާލީ ގެއްލުންތަކެއް ކުރިމަތިވެދާނެތީ، މިފަދަ ކަންކަމަށް ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ.

ޕޮންޒީ ސްކީމަކާ އެއްގޮތްވާގޮތަށް މުއާމަލާތުތަކެއް ހިންގަމުންދާ މައްސަލައެއް ފުލުހުން ތަހުޤީގުކުރަން ފަށާފައިވާއިރު، އޮޅުވާލައިގެން ފައިސާ ހޯދުމަށް ހިންގާ ސްކީމްތަކާމެދު ސަމާލުވުމަށް މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ، އެމް.އެމް.އޭއިންވެސް އިލްތިމާސްކުރައްވާފައިވެއެވެ.

އެމް.އެމް.އޭއިން ވިދާޅުވީ، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ފައިދާއެއް ދޭނެކަމަށް ބުނެ ޢާންމުންގެ އަތުން ފައިސާ ހޯދުމަށްޓަކައި، ފޭސްބުކާއި ޓެލެގްރާމްފަދަ ސޯޝަލް މީޑިއާ ވަސީލަތްތައް މެދުވެރިކޮށް ހިންގާ ސްކީމެއްގެ މަޢުލޫމާތު އެ އޮތޯރިޓީއަށް ލިބިފައިވާކަމަށެވެ. މިފަދަ ސްކީމްތައް ހިންގާ ފަރާތްތަކުން، ޢާންމުންގެ ކިބައިން ނަގާ ފައިސާއިން އެ ފަރާތްތަކަށް އިންވެސްޓްކޮށްދިނުމުގެ ބަދަލުގައި، އެ ފައިސާ ބޭނުން ކުރަނީ އަމިއްލަ ބޭނުމަށްކަމަށް އެމް.އެމް.އޭއިން ވިދާޅުވެއެވެ. އަދި ސްކީމް ރޫޅިގެންދާ ހިސާބުން، އެ ސްކީމްގައި ބައިވެރިވެ، ފައިސާ ދިން ގިނަ ބަޔަކަށް އެމީހުން ދިން ފައިސާވެސް ނުލިބި، ބޮޑެތި މާލީ ގެއްލުންތަކާ ކުރިމަތިލާން ޖެހޭކަން އެމްއެމްއޭއިން ފާހަގަކުރައްވައެވެ.