ޚަބަރު

އެމްއެންޑީއެފް "ފަޔަރ ޕްރިވެންޝަން ވީކް 2022" ފަށައިފި


އަލިފާނުގެ ޙާދިސާތަކާމެދު ހޭލުންތެރިކުރުވުމަށް ކޮންމެ އަހަރެއްގެ ރޯދަ މަހާ ދިމާކޮށް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ކުރިއަށްގެންދާ "ފަޔަރ ޕްރިވެންޝަން ވީކް 2022" ފަށައިފިއެވެ.

އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހިންގާ މި ޕްރޮގްރާމަކީ، އަލިފާނުގެ ނުރައްކަލުން އާންމު ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން ޢާއްމު ރައްޔިތުންނަށް ފޯރުކޮށްދޭން ބޭނުންވާ މެސެޖުތައް އެންމެ ފުރިހަމައަށް ފޯރުކޮށްދިނުމަށް މަގުފަހިކުރުމުގެ ގޮތުން ކޮންމެ އަހަރަކު ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. ރަމަޟާން މަހާ ގާތްކޮށް، މިޙަރަކާތް ކުރިއަށް ގެންދިއުމުގެ ބޭނުމަކީ ރަމަޟާން މަހަކީ އަލިފާނުގެ ހާދިސާތައް ހިނގުން ނިސްބަތުން ގިނަ މަހެއްކަމަށް ފާހަގަ ކުރެވޭތީވެ، މިފަދަ ހަރަކާތެއްގެ ތެރެއިން ރައްޔިތުންނަށް ދޭން ބޭނުންވާ މެސެޖުތައް ފޯރުކޮށްދީ ހޭލުންތެރި ކުރުވުމެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން އެމްއެންޑީއެފްގެ ވޮރެންޓް އޮފިސަރ 3 އާސިމް ރަޝީދު ވިދާޅުވީ ވޭތުވެދިޔަ އަހަރު ތަކުގައިވެސް މި ޕްރޮގްރާމްއަށް އާއްމުންގެ ވަރަށް ބޮޑު ތަރުހީބެއް ލިބިގެންދިޔަކަމަށެވެ. އެހެންނަމަވެސް ކޯވިޑާއި ގުޅިގެން ވޭތުވެދިޔަ ދިޔަ ދެ އަހަރު ތެރޭ މި ޕްރޮގްރާމް މީޑިއާ ކެމްޕެއިންއެއްގެ ގޮތުގައި ކުރިއަށް ގެންދިއުމަށްފަހު އަނެއްކާވެސް މިއަހަރު މި ޕްރޮގްރާމް ޕަބްލިކްގައި ކުރިއަށް ގެންދަމުންދާކަމަށް އާސިމް ވިދާޅުވިއެވެ.

"މީގަ އަޅުގަނޑުމެން މިގެނެސްދެނީ އަލިފާނުގެ ހާދިސާއެއް ހިނގާނަމަ އަމަލުކުރާނެ ގޮތްތައް. އޭގެ ތެރޭގައި ބަދިގޭގައި ދިމާވާ އެކިއެކި ހާދިސާތަކާއި ނުވަތަ ލައިގެން ހުންނަ ހެދުމުގައި ރޯވެއްޖެ ހާލަތެއްގައި ކަންތައް ކުރާނެ ގޮތުގެ ހޭލުންތެރިކަން އިތުރުކުރާނެ ގޮތްތައް ކިޔާދެވިގެންދާނެ. އަދި ގޭސްފުޅި ގުޅުމާއި އެ ނެއްޓުން އަދި ފަޔަރ ބްލޭންކެޓް އަޅަން ދަސްކޮތްދިނުންފަދަ ކަންތައްތައް ވެސް ކުރިއަށްދާނެ. " އެމްއެންޑީއެފްގެ ވޮރެންޓް އޮފިސަރ 3 އާސިމް ރަޝީދު ވިދާޅުވިއެވެ.

މި ޙަރަކާތް ރާވާލާފައިވަނީ މީހުން އެންމެ ގިނައިން އެއްވެ އުޅޭ ސަރަހައްދުތަކާއި، ގޭބިސީތައް ގިނަ ސަރަހައްދުތަކަށް އަމާޒުކޮށްގެންނެވެ. އާންމު ރައްޔިތުންގެ ކޮންމެ މީހަކަށް ވެސް ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމް، އެމްއެންޑީއެފް އޭރިއާތަކުގައި ޤާއިމުކޮށްފައިވާ ފަޔަރ ސްޓޭޝަންތަކުގައި ކުރިއަށްގެންދާނެއެވެ. އަދި ޓީވީއާއި ރޭޑިއޯ މެދުވެރިކޮށް ވެސް އަލިފާނުގެ ހާދިސާތަކުން ހޭލުންތެރިކުރުމަށް މަޢުލޫމާތު ދިނުން މިޕްރޮގްރާމްގެ ދަށުން ކުރިއަށްދާނެއެވެ.

މިމަހުގެ 19 އިން 24ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮގްރާމް ފެށުމުގެ ގޮތުން މާލެ ސިޓީގެ ރަސްފަންނު ސަރަހައްދުގައި ކުރިއަށްދިޔައިރު މާރިޗު 21ވަނަ ދުވަހު މި ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައި ވަނީ ވިލިމާލޭ، ފެރީ ޓާމިނަލް ސަރަހައްދުގައެވެ. އަދި މާރިޗު 22ވަނަ ދުވަހު މި ޕްރޮގްރާމް ތިލަފުށީގެ ކަނޑައެޅޭ ވަކި ސަރަހައްދެއްގައި ހިންގުމަށް ހަމަޖެހިފައިވާއިރު، މާރިޗު 23ވަނަ ދުވަހު މަސްވެރިންނަށް އަމާޒުކޮށްގެން ހުޅުމާލޭ ފޭސް 1 ގެ މަސްމާރުކޭޓް ސަރަހައްދުގައިވެސް މި ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން މާރިޗު 24ވަނަ ދުވަހު ހުޅުމާލޭ ފޭސް 2 ގެ ހިޔާފުލެޓް ސަރަހައްދުގައި ވެސް މި ޕްރޮގްރާމް ކުރިއަށްގެންދާގޮތަށް ވަނީ ހަމަޖެހިފައެވެ.

2012ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގައި ވެސް ކުރިއަށްގެންދާ ފަޔަރ ޕްރިވެންޝަން ވީކްއަކީ އަލިފާނުގެ ނުރައްކަލަށް އާންމު ރައްޔިތުން ހޭލުންތެރިކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ކޮންމެ އަހަރެއްގެ ރަމަޟާން މަހުގެ ކުރިން ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަރާތުން ކުރިއަށް ގެންދާ ޚާއްޞަ ހަރަކާތެކެވެ. މި ހަރަކާތް އެންމެ ފުރަތަމަ އަމާޒު ކުރެވެމުން އައީ ގްރޭޓަރ މާލެ އޭރިއާއަށް ނަމަވެސް ފަހުން މި ހަރަކާތް އިތުރަށް ފުޅާކޮށް، މާލޭ އޭރިއާގެ ބައެއް ރަށްތަކާއި އޭރިއާތަކުގައި ޤާއިމުކޮށްފައިވާ ފަޔަރ ސްޓޭޝަންތައް މެދުވެރިކޮށް އަތޮޅުތެރޭގެ ބައެއް ރަށްރަށުގައި ވެސް ކުރިއަށް ގެންދެވިފައިވެއެވެ.