ޚަބަރު

ރަޝިޔާގެ އެންމެ ބާރުގަދަ ހައިޕަސޯނިކް މިސައިލުތަކުން ޔޫކްރެއިނަށް ޙަމަލާދެނީ


ރަޝިޔާގައި އުފައްދާފައިވާ އެންމެ ބާރުގަދަ އަދި އެންމެ ޒަމާނީ ހައިޕަސޯނިކް މިސައިލުތަކުން ޔޫކްރެއިނަށް ޙަމަލާދޭން ފަށައިފިއެވެ.

ރަޝިޔާގެ ދިފާޢީ ވުޒާރާއިން ބުނެފައިވާ ގޮތުގައި ހަތަރުވަނަ ހަފުތާއަކަށް ދިގުލައިގެން ގޮސްފައިވާ ޔޫކްރެއިނުގެ ހަނގުރާމާގައި ފުރަތަމަ ފަހަރަށް އަޑަށްވުރެ 10ގުނަ ބާރަށް ދަތުރުކުރާ ހައިޕަސޯނިކް މިސައިލުން ޙަމަލާދޭން ފަށައިފައިވާކަމަށެވެ. އެ ގޮތުން އެ މިސައިލުތައް ބޭނުންކޮށްފައިވަނީ ޔޫކްރެއިނުގެ ހުޅަނގުގައި އޮންނަ އިވަނޯ-ފުރެންކިވިސްކުގެ ބިމުއަޑީގައި ޤާއިމުކޮށްފައިވާ ހަތިޔާރު ގުދަންތައް ނައްތާލުމަށްކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ.

ރަޝިޔާގެ ހައިޕަސޯނިކް މިސައިލުތަކަކަކީ ދުނިޔޭގައި އުފައްދާފައިވާ އެފަދަ އެންމެ ޤާބިލު މިސައިލުތަކެވެ. އެ ގޮތުން ޔޫކްރެއިނުގެ ހަނގުރާމައިގެ މައިދާނަށް ރަޝިޔާއިން ނެރެފައިވަނީ ކިންޒަލް ނުވަތަ ހަނޖަރުގެ ނަން ދީފައިވާ ހައިޕަސޯނިކް މިސައިލެވެ. އެފަދަ މިސައިލެއް ހުއްޓުވުމުގެ ޤާބިލުކަމެއް އެއްވެސް ޤައުމަކަށް ހޯދިފައެއް ނުވެއެވެ.

ރަޝިޔާގެ ދިފާޢީ ވުޒާރާއިން ބުނެފައިވާ ގޮތުގައި ހައިޕަސޯނިކް މިސައިލުތައް އުފުލުމަށް ބޭނުންކުރަނީ ސުޕަސޯނިކް ހަނގުރާމަމަތީ މަތިންދާބޯޓެއްކަމަށްވާ މިގު-31ކޭއެވެ. އެއީ އަޑަށްވުރެ ބާރަށް ދަތުރުކުރާ މަތިންދާބޯޓެވެ.

ފެބްރުއަރީ މަހުގެ 24ވަނަ ދުވަހުން ފެށިގެން ޔޫކްރެއިނަށް ދެމުންދާ ވަރުގަދަ ޙަމަލާތަކުގައި ރަޝިޔާއިން އުފައްދާފައިވާ ބާރުގަދަ މިސައިލުތަކާއި ހަނގުރާމަމަތީ މަތިންދާބޯޓުތަކާއި އެ ނޫންވެސް ޒަމާނީ ހަތިޔާރުތައް މީގެ ކުރިން ބޭނުންކޮށްފައެއް ނުވެއެވެ.