ޚަބަރު

އެގާރަ އަހަރު ފަހުން ޢަރަބި ޤައުމަކަށް ބައްޝާރު ވަޑައިގެންފި


އެގާރަ އަހަރު ފަހުން ޢަރަބި ޤައުމަކަށް ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދު ރަސްމީ ދަތުރުފުޅެއް ކުރައްވައިފިއެވެ.

2011ވަނަ އަހަރުގެ ތެރޭގައި ސޫރިޔާގައި ދާޚިލީ ހަނގުރާމަ ފެށުނު ފަހުން ޢަރަބި ޤައުމަކަށް ކުރައްވައި ރަސްމީ ދަތުރުފުޅުގައި ބައްޝާރުވަނީ ޔޫއޭއީއަށް ވަޑައިގެން ދުބާއީގެ އެންމެ އިސްވެރިޔާ ޝޭޚް މުޙައްމަދު ބިން ރަޝީދު އާލްމަޚްތޫމާއި އަބޫ ދާބީގެ ވަލީއަހުދު ޝޭޚް މުޙައްމަދު ބިން ޒައީދު އާލްނަޙްޔާނާ ބައްދަލުކުރައްވައިފައެވެ. ބާއްޝާރާ ބައްދަލުކުރައްވައި އެ ދެ ބޭފުޅުންވަނީ ސޫރިޔާގެ އިތުރުން ޢަރަބި ދުނިޔޭގައި ޞުލްޙައާއި އަމަންއަމާންކަން ޤާއިމުކުރެވޭނެކަމުގެ ޔަޤީންކަން އައުވެފައިވާކަމަށް ވިދާޅުވެފައެވެ. އަދި ސޫރިޔާއާއެކު ޚާރިޖީގޮތުންނާއި މާލީގޮތުންނާއި އިޤްތިޞާދީގޮތުން ގުޅުންބަދަހިކުރުމުގެ ދޮރުހުޅުވިއްޖެކަމަށް އެ ބޭފުޅުންވަނީ ވިދާޅުވެފައެވެ. އަދި ބޭރު ޤައުމުތަކުގެ ފައުޖުތައް ސޫރިޔާއިން ފައިބައި އެ ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލު ކަށަވަރުކުރުމާ ގުޅޭގޮތުންވެސް އެ ބޭފުޅުންވަނީ ބައްޝާރާއެކު މަޝްވަރާކުރައްވައިފައެވެ.

ސޫރިޔާގެ އިދިކޮޅު ފަރާތްތަކާ ގާތްގުޅުމެއް ބާއްވައި ޔޫއޭއީއަށް ބައްޝާރު ރަސްމީ ދަތުރުފުޅެއް ކުރެއްވުން ވެފައިވަނީ ޢަރަބި ދުނިޔެއިން ސޫރިޔާ ބަލައިގަތުމަށް ކުރަމުންދާ މަސައްކަތްތަކަށް ލިބުނު ކުރިއެރުމަކަށެވެ. ޔޫއޭއީގެ އިތުރުން އުރުދުންނާއި ލުބުނާނުންވެސްވަނީ ސޫރިޔާއާ ގުޅުންބަދަހިކޮށް އެ ޤައުމާ ދެކޮޅަށް ހުޅަނގުގެ ބާރުތަކުން އަޅާފައިވާ އިޤްތިޞާދީ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށް ގޮވާލައިފައެވެ. އަދި ޢަރަބި ލީގުގައި އަލުން ސޫރިޔާ ބައިވެރި ގުޅުމާ ގުޅޭގޮތުންވެސް ނުފޫޒުގަދަ ޢަރަބި ޤައުމުތަކުންވަނީ މަސައްކަތް ފަށައިފައެވެ.