ޚަބަރު

ކޮނޑޭގައި ޢިމާރާތްކުރާ މިސްކިތުގެ ޢަމަލީ މަސައްކަތް ފަށައިފި


ގއ.ކޮނޑޭގައި ޒަމާނީ ފަރުމާއަކަށް ތަރައްޤީކުރާ މިސްކިތުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ. ކޮނޑޭގައި ބޭއްވި ރަސްމިއްޔާތެއްގައި މިމަސައްކަތް ރަސްމީކޮށް ފައްޓަވާދެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ.އަޙްމަދު ޒާހިރު ޢަލީއެވެ. ގއ.ކޮނޑޭގައި ޒަމާނީ ފެންވަރުގެ މިސްކިތެއް ޢިމާރާތްކުރުމަށް އިސްލާމިކް މިނިސްޓްރީގެ ފަރާތުން އަމޭން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގައެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ ކޮނޑޭގައި ޢިމާރާތްކުރާ މިސްކިތަކީ އެހެން މިސްކިތްތަކާއި ޚިލާފަށް ޒަމާނީ ފެންވަރަށް ތަރައްޤީކުރާ މިސްކިތެއްކަމަށެވެ. އެގޮތުން ޢާއްމުގޮތެއްގައި ރާއްޖޭގެ މިސްކިތްތައް ފަރުމާކުރުމުގައި މިސްކިތުގެ އެތެރޭގައި ހުންނަ ތަނބުތައް މިމިސްކިތުގެ ފަރުމާގައި ނުހުންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ. އާބާދީގައި 600 މީހުން ދިރިއުޅޭ ކޮނޑޭގައި ތަރައްޤީކުރާ މިމިސްކިތަކީ 300 މީހުންގެ ޖާގައިގެ މިސްކިތެކެވެ. އެއް އަހަރު ދުވަހުގެ ތެރޭގައި މިސްކިތުގެ މަސައްކަތް ނިންމުމަށް އަމޭން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްފައިވަނީ 7.6 މިލިއަން ރުފިޔާއަށެވެ.

ރާއްޖޭގެ ބައެއް ރަށްރަށުގައި އާބާދީ ކުޑަނަމަވެސް އެރަށްރަށުގައިވެސް ޚިދުމަތްތައް ފުޅާކޮށް ވަޞީލަތް ހަމަކުރުމުގެ މަސައްކަތް ސަރުކާރުން ގެންދަވަނީ ކުރައްވަމުންނެވެ. އެގޮތުން މިވަގުތުވެސް ރާއްޖޭގެ ބައެއް ރަށްރަށުގައި މިސްކިތް ބިނާކުރުމުގެ މަސައްކަތް ކުރިއަށް އެބަދެއެވެ. މީގެއިތުރުން ކުރިއަށް އޮތް ރަމަޟާން މަހާދިމާކޮށް މިސްކިތްތަކުގެ އާބާތުރަފިލުމުގެ މަސައްކަތްވެސް އިސްލާމިކް މިނިސްޓްރީން އަންނަނީ ކުރަމުންނެވެ.