ކުޅިވަރު

ގައުމީ ބާސްކެޓް ތަށި ކިންގްސްއިން މިލްކުކޮށްފި


ފަހަތުން އަރައި ރެޑްވިންގްސް ބަލިކޮށް ޤައުމީ ބާސްކެޓްބޯޅަ މުބާރާތުގެ ތަށި ކިންގްސް ބީސީއިން މިލްކުކޮށްފިއެވެ. މިތަށި ކިންގްސްއިން މިލްކު ކޮށްފައިވަނީ ފައިނަލްގައި ރެޑްވިންގްސް ބާސްކެޓް ބޯލް ކުލަބާއި ވާދަކޮށް 14 ޕޮއިންޓްގެ ތަފާތުން މެޗް ކާމިޔާބުކޮށްގެންނެވެ. އެއީ 88 ޕޮއިންޓް 74 ޕޮއިންޓުންނެވެ. ޤައުމީ މުބާރާތާއި ގައުމީ ލީގު ޗެންޕިއަންކަން ކިންގްސްއިން ހޯދާފައިވަނީ އެއްވެސް މެޗަކުން ބަލިނުވެއެވެ.

މިމެޗްގެ ފުރަތަމަ ކުއަޓަރގައި މޮޅަށް ކުޅެފައިފައިވަނީ ރެޑްވިންގްސްއިންނެވެ. ފުރަތަމަ ކުއަޓަރގެ ކުރީކޮޅުގައި ކިންގްސްއަށް މާރަގަނޅު ކުޅުމެއް ދެއްކިފައެއް ނުވެއެވެ. އޭގެ ފައިދާ ނަގައި، ރެޑްވިންގްސްއިން ލީޑް ނަގާ މެޗްގެ ފުރަތަމަ ކުއަޓަރ ނިމުނުއިރު ރެޑްވިންގްސްއިން ކުރީގައި އޮތީ 25 ޕޮއިންޓް 15 ޕޮއިންޓުންނެވެ. މެޗްގެ ދެވަނަ ކުއަޓަރގައި ކިންގްސްއިން ވަނީ ވަރަށް ބޮޑަށް ކުޅުން ރަގަނޅުކޮށްފައެވެ. އަދި އެޓީމުން ވަނީ ރެޑްވިންގްސްއިން ނަގާފައިވާ ލީޑް ހަނިކޮށްފައެވެ. ކިންގްސްގެ ބިދޭސީ ކުޅުންތެރިޔާގެ މޮޅު ކުޅުމާއެކު، ކިންގްސްއިން މެޗްގެ ދެވަނަ ކުއަޓަރ ނިނުމުއިރު ވަނީ ރެޑްވިގްސްއިން ނަގާފައިވާ ލީޑް 3 ޕޮއިންޓަށް ކުޑަކޮށްފަ. އެއީ 43 ޕޮއިންޓް 40 ޕޮއިންޓަށެވެ.

މެޗްގެ ތިންވަނަ ކުއަޓަރގައި ކިންގްސްއިން ވަނީ ކުޅުން ރަގަނޅުކޮށް ވަރަށް ގާތްގާތުގައި ޕޮއިންޓްތައް ހޯދައި، ލީޑް ނަގާފައެވެ. އަދި އަވަސްކުޅުމާއެކު ކިންގްސްއިން ވަނީ ރެޑްވިންގްސްއަށް ޕްރެޝަރު ދީފައެވެ. އަދި ކިންގްސްތިބި ގައުމީ ޓީމްގެ ގިނަ ކުޅުންތެރިންނާއި ތަޖްރިބާކާރު ކުޅުންތެރިންވެގެންވަނީ ރެޑްވިންގްސްގެ ކުޅުން ގެއްލުވާ، އެޓީމުން ނަގާފައިވާ ލީޑް އަތުލާފައެވެ. ނަތީޖާ އަބުރާލާ މެޗްގައި ފުރަތަމަ ފަހަރަށް ކިންގްސްއިން ވަނީ މެޗްގައި ލީޑް ނަގާފައެވެ. މެޗްގެ ތިންވަނަ ކުއަޓަރ ނިމުނުއިރު، ކިންގްސްއިން ކުރި ހޯދާފައިވަނީ 61 ޕޮއިންޓް 56 ޕޮއިންޓުންނެވެ. ކިންގްސްއިން ލީޑް ނެގި ނަމަވެސް، ރެޑްވިންގްސްގެ ޒުވާން ކުޅުންތެރިންވަނީ ފަހަތުން ވިއްދައި، ކިންގްސްއަށް ލީޑް ފުޅާ ކުރުމަށް ފުރުސަތު ނުދީ ހިފަހައްޓާފައެވެ. މެޗްގެ ފަހު ކުއަޓަރގައި ރެޑްވިންގްސްއަށް ބައެއް ވަގުތުތަކުގައި ޕޮއިންޓަކާއި ކައިރިކޮށްލެވުނު ނަމަވެސް، އަލުން އެޓީމަށް ލީޑް ލިބޭ ވަރެއް ނުވިއެވެ. މެޗްގެ ފަހު ކުއަޓަރ ކިންގްސްއިން ކާމިޔާބުކޮށް، މެޗް ކިންގްސްއިން ކާމިޔާބުކޮށްފައިވަނީ 88 ޕޮއިންޓް 74 ޕޮއިންޓްއިންނެވެ.

މުބާރާތުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ފައިނަލް މެޗުގައި ވެސް މޮޅު ކުޅުންތެރިޔާގެ ޓްރޮފީ ހޯދި ކިންގްސްގެ ބިދޭސީ ކުޅުންތެރިޔާ ބެންޑޯއެވެ. މެޗަށްފަހު ވާހަކަދައްކަމުން ކިންގްސްގެ އެސިސްޓަންޓް ކޯޗު މުޙައްމަދު ޒިލާލް (ޒިލާ)ބުނީ މެޗަށް އައިއިރުވެސް މޮޅުވާނެކަމުގެ ޔަގީންކަން އޮތްކަމަށާއި، ނަމަވެސް ރެޑްވިންގްސްގައި ތިބި ޒުވާން ކުޅުންތެރިންނާއި ބަލާފަ، މެޗް އެހާ ވާދެވެރިވާނެކަމަށް ގަބޫލް ނުކުރެވުނުކަމަށެވެ. އަދި ގައުމީ ލީގާއި ގައުމީ މުބާރާތުގައިވެސް ރެޑްވިންގްސް ބަލިކުރެވިފައި އޮތުމުން، ފައިނަލް މެޗްގައި މިހާ ވާދަވެރިވާނެކަމަށް ގަބޫލް ނުކުރާކަމަށް ޒިލާ ބުންޏެވެ.

ލީގުގެ ދެ ބުރުގައި ތާފަތު ބޮޑުކޮށް ރެޑްވިންގްސް އަތުން މޮޅުވެފައި އޮތުމުން މި މެޗުގައި ރެޑްވިންގްސް އިން ދެއްކީ ސަޕްރައިޒިން ކުޅުމެއް. އަސްލު ތެދަށް ބުނަންޏާ ހިއެއް ނުކުރަން ރެޑްވިންގްސް އިން މިވަރުގެ ފައިޓެއް ދޭނެކަމަށް، ވަރަށް ވާދަވެރިކޮށް މިދިޔައީ. އެކަމަކުވެސް އަހަރުމެން އޮތީ ވަރަށް ބޮޑަށް ތައްޔާރުވެގެން، އިނގޭ އަހަރުންގެ ގޭމް ޕްލޭނަށް ކުޅެން ފަށާއިރަށް ތާފާތު ވާނެކަން." ޒިލާ ބުންޏެވެ

ރެޑްވިންގްސްގެ ކޯޗު އަހުމަދު ނަޒީފް (ނަޒީ) ބުނީ ޒުވާން ކުޅުންތެރިންނާއެކު ފައިނަލާއި ހިސާބަށް އާދެވުމަކީވެސް ވަރަށް ބޮޑު ކާމިޔާބީއެއްކަމަށާއި ޚާއްސަކޮށް، ޓީރެކްސް ފަދަ ވަރުގަދަ ޓީމެއް ބަލިކޮށް ފައިނަލާއި ހިސާބަށް އާދެވުމަކީ ވެސް ރެޑްވިންގްސް އަށް ކާމިޔާބީއެއްކަމަށް ނަޒީ ބުންޏެވެ. އަދި ފައިނަލް މެޗްގައި ޒުވާން ކުޅުންތެރިން ދެއްކި ކުޅުމާމެދު ވަރަށް ހިތްހަމަޖެހޭކަމަށާއި މިއީވެސް ރެޑްވިންގްސްއަށް ކާމިޔާބީއެއްކަމަށް ނަޒީ ބުންޏެވެ.

"ލީޑުގައި އޮވެ، އެ ލީޑު ގެއްލުނީ އަމިއްލަ އަށް ހެދުނު ގޯސްތަކެއްގެ ސަބަބުން. މިކަހަލަ ފައިނަލެއްގައި އަލަށް ކުޅޭއިރު އެހެން ވާނެ. މި ވަރުގެ ޕްރެޝަރަކަށް ކުޅުންތެރިން އާވުމުން އަސްލުގައި އެކަން އެގޮތަށް ދިމާވީ. މި އޮތީ މުޅިން އާ ޓީމެއް، އެކޮޅުގައި އެއޮތީ ގައުމީ ޓީމްގެ ތިންބައިކުޅަ ދެ ބައި. އެވަރުގެ ޓީމަކާއި ދެކޮޅަށް ކުޅެ ލީޑެއް ނަގައި އެ ޓީމު އެ ޕްރެޝަރަށް ވައްޓާލީތީ. ވަރަށް ހިތްހަމަޖެހިފައި މިހިރީ. ފުރަތަމަ ފައިނަލްގައި މިވަރުގެ ކުޅުމެއް ދެއްކުމަކީ ބޮޑު ކާމިޔާބެއް." ނަޒީ ބުންޏެވެ.

ގައުމީ ބާސްކެޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން، ކިންގްސް އިން ހޯދާފައިވަނީ 2019 އަދި 2020 ގައެވެ. އޭގެ ފަހުން މިދިޔަ ދެ އަހަރު މުބާރާތް ބާއްވާފައެއް ނުވެއެވެ. މިއީ ރެޑްވިންގްސް ބީސީ ގައުމީ ފައިނަލްގައި ވާދަކުރި ފުރަތަމަ ފަހަރެވެ.