ކުޅިވަރު

ޔޫރޮޕަރ ލީގުގެ ކުއަޓަރ ފައިނަލުން ބާސެލޯނާ ޖާގަ ހޯދައިފި


ޔޫއެފާ ޔޫރޮޕާ ލީގުގެ ގަދަ 16ގައި ފަހަތުން އަރާ ގަލަތަޓަސަރާއީ ބަލިކޮށް ބާސެލޯނާއިން ކުއަޓަރ ފައިނަލުން ޖާގަ ހޯދައިފިއެވެ. މިމެޗް ބާސެލޯނާ ކާމިޔާބުކުރީ 2 ލަނޑު 1 ލަނޑުންނެވެ. މިދެ ޓީމް ފުރަތަމަ ލެގްގައި ވާދަކުރި މެޗް ވަނީ އެއްވަރުވެފައެވެ.

މެޗްގެ 28ވަނަ މިނެޓްގައި އެންމެ ފުރަތަމަ ގޯލް ޖަހައި ލީޑްނެގީ ގަލަތަސަރާއީންނެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރު މާކައޯއެވެ. ގަލަތަސަރާއިން ލީޑް ނެގުމާއެކު ބާސެލޯނާއިން ކުރިއަށް ޖެހިލައިގެން ކުޅެމުންދިޔައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މިމެޗްގެ 37ވަނަ މިނެޓްގައި ބާސެލޯނާއަށް ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު ޕެޑްރީއެވެ. މެޗްގައި ބާސެލޯނާއަށާއި ގަލަޓަސަރާއީއަށް ވެސް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިގެންދިޔަ ނަމަވެސް، މެޗްގެ ފުރަތަމަ ހާފް ނިމެންދަނިކޮށް ބާސެލޯނާގެ ޕިއޭ އެމެރިކް އޮބާމެޔަން ބޮލުން ގޯލާއި ދިމާލަށް ފޮނުވާލަން މަސައްކަތް ކުރި ބޯޅަވަނީ ގަލަތަސަރާއީގެ ކީޕަރު ބޯ މަތިން ގޮސް އަމާޒިވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.

މެޗްގެ ދެވަނަ ހާފްގައި ބާސެލޯނާއިން މެޗު ފެށީ ވަރަށް ވަރުގަދަކޮށެވެ. އެގޮތުން ބާސެލޯނާއަށް ލީޑް ނަގައިދިން ލަނޑު ދެވަނަ ހާފްގެ ކުޅުންފެށިތާ 4ވަނަ މިނެޓްގައި އެޓީމަށް ކާމިޔާބުކޮށްދިނީ ޕިއޭ އެމެރިކް އޮބާމެޔަނެވެ. މިމެޗްގެ ދެވަނަ ހާފްގައިވެސް ބާސެލޯނާއަށް ލީޑް ފުޅާކުރުމަށް ގިނަ ފުރުސަތު ލިބިގެންދިޔައެވެ. ނަމަވެސް އެޓީމަށް އިތުރު ގޯލެއް ޖެހޭ ގޮތެއް ނުވިއެވެ. މެޗްގައި ގަލަތަތަސަރާއީންވެސް ލަނޑު ޖެހުމަށް މަސައްކަތް ކުރިއެވެ. ނަމަވެސް ބާސެލޯނާގެ ކީޕަރާއި ޑިފެންޑަރުންވަނީ ގަލަތަސަރާއިން އުފައްދަން މަސައްކަތް ކުރި ގިނަ ބޯޅަތައް ވަނީ ދިފާޢުކޮށްފައެވެ.