ހޯމް މިނިސްޓްރީގެ ދަށުން ހިންގާ "ޔޫތު ލީޑަރސް ނެޓްވޯކް" އާ ދައުރަކަށް އިފްތިތާހްކޮށްފިއެވެ.
ޔޫތު ލީޑަރސް ނެޓްވޯކް އާ ދައުރަކަށް އިފްތިތާހް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވަނީ އެވަގުތަކު ކުރަން ޖެހުނުކަމެއް އެވަގުތަކު ކުރެވެން އޮތް އެންމެ ރަނގަޅަށް ކުރާ ބަޔަކަށް ވުމަށް ގޮވާލައްވައިފިއެވެ.
" ޤައުމަށްޓަކައި، ރައްޔިތުންނަށް ޓަކައި، ދުނިޔެއަށްޓަކައި އަދި އާޚިރަތަށްޓަކައިވެސް އެވަގުތަކު ކުރަން ޖެހުނުކަމެއް އެންމެ ރަނގަޅަށް ކުރާބަޔަކަށް އަހަރެމެން ވާންއެބަޖެހޭ "އިމްރާން އަބްދުﷲ ވިދާޅުވިއެވެ.
މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ބެލުމުގެ ދަށުން ހިނގަމުންދާ ޔޫތު ލީޑަރސް ނެޓްވޯކަކީ ޒިންމާދާރު ޒުވާން ލީޑަރުން ބިނާކުރުމުގެ މަސްއޫލިއްޔަތު އަދާކުރުމަށް އެހީތެރިވުމަށް އުފައްދާފައިވާ ޖަމިއްޔާއެކެވެ. މި ޖަމިއްޔާއަކީ ކޮލެޖް ޔުނިވަރސިޓީގެ ދަރިވަރުންގެ މައްޗަށް އެކުލެވޭ ޖަމްއިއްޔާއެކެވެ. އަދި ޖަމްއިއްޔާގެ ދައުރަކީ ތިން އަހަރެވެ.
ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ ޑެޕިއުޓީ މިނިސްޓަރ ލުއައްޔު ސައީދު ވިދާޅުވީ މިނިސްޓްރީއެއްގެ ފުރިހަމަ ސަޕޯޓް ލިބިގެން ދަރިވަރުން ތަމްރީނުވެގެން ނިކުތުމުގެ ފުރުޞަތު ލިބުމަކީ ފާހަގަކުރަން ޖެހޭކަމެއްކަމަށެވެ. އެގޮތުން ފުރުޞަތުގެ ބޭނުން ހިފައިގެން ނިކުމެ ކޮންމެ ދާއިރާއަކުން ނަމަވެސް ރަނގަޅު ޚިދުމަތެއްކޮށްދިނުމަށް އިލްތިމާސްކުރެއްވިއެވެ. އަދި ޔޫތު ލީޑާރސް ނެޓްވޯކަކީ މި ނެޓްވޯކްގެ މެންބަރުންނަށް ލިބޭ ވަރަށް ރަނގަޅު ޕްލެޓްފޯމެއްކަމަށާއި އޭގެ ބޭނުން ރަނގަޅު ގޮތުގައި ހިފުމަށް ޑެޕިއުޓީ މިނިސްޓަރ ވަނީ އެދިވަޑައިގެންފައެވެ.
މިނިސްޓްރީ އޮފް އާރޓްސް ކަލްޗަރ އެންޑް ހެރިޓޭޖްގެ ރިސާޗް އެނެލިސްޓް އަޙުމަދު އަލާ ޔޫތް ލީޑާރސް ނެޓްވޯކްގެ މެންބަރުންނަށް ސެޝަނެއް ނަންގަވައިދެއްވުން. pic.twitter.com/YAb1Q97Yxi
— Home Ministry, MV (@HomeMinistrymv) March 17, 2022
މިރަސްމިއްޔާތުގައި ޔޫތު ލީޑާރސް ނެޓްވޯކް އާދައުރަކަށް އިފްތިތާހުކުރުމާއި ގުޅިގެން ޚާއްޞަ ސެޝަންތަކެއްވަނީ ކުރިއަށް ގެންގޮސްފައެވެ. މި ސެޝަންތަކުގެ ބޭނުމަކީ ޒުވާނުންނަކީ ޒިންމާދާރު އަދި ހަރުދަނާ ބަޔަކަށް ހަދައި، ދިވެހި ޤައުމު ބިނާކުރުމުގައި ޒުވާނުންގެ ހިއްސާ އިތުރުކުރުކޮށް ޒުވާނުންނަކީ ޒިންމާދާރު ބަޔަކަށް ހަދައި މުސްތަގުބަލް އުޖާލާކުރުމަށް އެހީތެރިވެދިނުމެވެ.
މި ސެޝަންތައް ކުރިއަށް ގެންދިއުމުގައި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އާއި ސްޓޭޓް މިނިސްޓަރ އަލީ ނަޛީރުގެ އިތުރުން މިނިސްޓްރީ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖްގެ ރިސާޗް އެނެލިސްޓް އަހުމަދު އަލާ ހަރަކާތްތެރިވެވަޑައިގެންނެވިއެވެ.