ޚަބަރު

އެސްޓީއޯގެ ފިއުލް ލެބުން ފުރަތަމަ ފަހަރަށް ތެޔޮ ޓެސްޓުކޮށްފި


ރާއްޖެ އެތެރެކުރާ ތެޔޮ ރާއްޖޭގައި ޓެސްޓުކޮށް، އޭގެ ކޮލިޓީ ދެނެގަނެވޭނެ ނިޒާމެއް ގާއިމުކުރުމަށްޓަކައި އެސްޓީއޯއިން ހުޅުވި ފިއުލް ޓެސްޓިންގ ލެބޯޓްރީން ފުރަތަމަ ފަހަރަށް ތެޔޮ ޓެސްޓުކޮށްފިއެވެ.

ޕްރޮޑަކްޓް ޓެސްޓިންގައި ބައިނަލްއަގުވާމީ ގޮތުން ފާހަގަކޮށްލެވޭ ޖީއީއޯ ކެމް މިޑްލްއީސްޓް ކުންފުނިން އޮޕަރޭޓްކުރާ ގޮތަށް އެސްޓީއޯއިން ހުޅުވި މި ލެބޯޓްރީގައި ފުރަތަމަ ފަހަރަށް ޓެސްޓުކޮށްފައިވަނީ އެމްއޭސީއެލްއިން ފޮނުވި ޖެޓްފިއުލް ސާމްޕަލެކެވެ.

އެސްޓީއޯއިން މި ލެބް ގާއިމްކުރުމުގެ ކުރިން ރާއްޖެ ގެންނަ ތެޔޮ ޓެސްޓު ކުރުމަށް ފޮނުވަމުން ދިޔައީ ރާއްޖެއިން ބޭރަށެވެ. ނަމަވެސް މި ލެބް ގާއިމުކުރެވިގެންދިއުމުން އޭވިއޭޝަން ދާއިރާގައި ބޭނުންކުރާ ޖެޓް ފިއުލް ޝިޕްމަންޓް ރާއްޖެ ގެނައުމުން ރިޓެސްޓުކުރުމަށް، ރާއްޖެއިން ބޭރަށް ސާމްޕަލް ފޮނުވާކަށް ނުޖެހޭނެއެވެ.

އެސްޓީއޯއިން ޚަރަދުކޮށްގެން ހުޅުވާފައިވާ މިލެބޯޓްރީ މެނޭޖްކޮށް، ޓެސްޓް ސެޓްފިކެޓްތައް ދޫކުރާނީ ސީދާ ޖިއޯކެމް މިޑްލް އީސްޓްގެ ފަރާތުންނެވެ. މީގެއިތުރުން، މިލެބޯޓްރީން ރާއްޖެ އެތެރެކުރާ ޕެޓްރޯލާއި ޑީސަލްގެ ކީ ޕެރަމީޓަރސްތައްވެސް ޓެސްޓްކުރެވޭނެއެވެ.

އެސްޓީއޯގެ ފިއުލް ލެބަކީ ދުނިޔޭގެ އެންމެ ޒަމާނީ މެޝިންތަކާއި ވަސީލަތްތަކާއިއެކު ގާއިމުކޮށްފައިވާ ލެބެކެވެ. މި ލެބުން ދޫކުރާ ޓެސްޓު ސެޓްފިކެޓް ދުނިޔޭގެ ކޮންމެ ތަނަކުންވެސް ބަލައިގަންނާނެކަމަށް އެސްޓީއޯއިން ބުނެއެވެ. މިފަދަ ލެބޯޓްރީއެއް އެސްޓީއޯއިން ޚަރަދުކޮށްގެން ރާއްޖޭގައި ހުޅުވުމަކީ ރާއްޖޭގެ ހަކަތައިގެ ދާއިރާއަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެއް ކަމަށް އެސްޓީއޯއިން ދެކެއެވެ.