ވިޔަފާރި

ރޯދަމަސް ނިމެންދެން ޢުމްރާއަށް ދާ ފަރާތްތަކަށް ޕާސްޕޯޓު ހެއްދުމުގައި ލުއިގޮތްތަކެއް!


މިއަހަރުގެ ރަމަޟާން މަސް ނިމެންދެން ޢުމްރާއަށް ދަތުރު ކުރައްވާ ފަރާތްތަކަށް ޕާސްޕޯޓު ހެއްދުމަށް ލުއިގޮތްތަކެއް ހަމަޖެހިފައިވާކަމަށް އިމިގްރޭޝަނުން ހާމަކޮށްފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން މިކަމާއި ގުޅޭ ގޮތުން، އާންމުކޮށްފައިވާ ޢިއުލާނުގައި ބުނީ، 1443 ވަނަ އަހަރު ޢުމްރާއަށް ދިއުމަށް ގިނަ އަދަދެއްގެ މީހުން މިދުވަސްވަރު ޕާސްޕޯޓު ހެއްދުމަށް ހުށަހަޅަމުންދާ ކަމަށެވެ. އެގޮތުން މިގޮތަށް ހުށަހަޅާ ފަރާތްތަކަށް ހާއްސަ ލުއިގޮތްތަކެއް ހަމަޖައްސަވައިދެއްވާނެކަމަށް އިމިގްރޭޝަނުން ހާމަކުރެއެވެ.

އިމިގްރޭޝަން އޮފީހަކަށް ވަޑައިނުގެން އިމުގަ ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށްވެސް ޕާސްޕޯޓު ހެއްދޭނެ ކަމަށް އިމިގްރޭޝަންއިން ބުނެއެވެ. އިމުގަ ޕޯޓަލްއަށް ޕާސްޕޯޓު ހެއްދުމަށް ލާއިރު، ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމާއި، އައިޑީކާޑުގެ ދެފުށް ފެންނަ ސާފު ކުލަ ކޮޕީއެއް ހުށަހަޅަންޖެހެއެވެ. މީގެ އިތުރުން ޕާސްޕޯޓު ފޮޓޯ ހުންނަ މިންގަނޑަށް ނަގާފައިވާ ޑިޖިޓަލް ފޮޓޯއެއް އަޕްލޯޑު ކުރަން ޖެހޭއިރު، ކުރީގެ ޕާސްޕޯޓުގެ މަޢުލޫމާތު ގަނޑާއި އޮބްޒަވޭޝަން ގަނޑު ޕޯޓަލްއަށްލާންޖެހެއެވެ. މީގެ އިތުރުން ޢުމްރާއަށް ދާ ފަރާތްތަކުން ޢުމްރާއަށް ދިއުމަށް ހަމަޖެހިފައިވާކަން އަންގައިދޭ ލިއުމެއް ޕޯޓަލްއަށް ލާން ޖެހެއެވެ.

އިމުގަ ޕޯޓަލް މެދުވެރިކޮށް ޕާސްޕޯޓު ހައްދަވާ ފަރާތްތަކުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހުރި އިމިގްރޭޝަން އޮފީސްތަކުން ޕާސްޕޯޓު ނެގުމުގެ އިންތިޒާމު ހަމަޖެހިފައިވެއެވެ.

ރަމަޟާންމަހާއި ދިމާކޮށް ޢުމްރާއަށް ކޮންމެ އަހަރަކުވެސް ގިނަ ބަޔަކު ދެއެވެ. ސައުދީ ސަރުކާރުން ވަނީ ކޯވިޑާއި ދެކޮޅަށް ދެ ޙަރަމްފުޅުގައި އަޅާފައިވާ ފިޔަވަޅުތައް މިމަހު ކުރީކޮޅު އެއްކޮށް ދޫކޮށްލާފައެވެ. މިގޮތުން ގައިދުރުކޮށް ނަމާދުކުރުމާއި ދުނިޔޭގެ ހުރިހާ ހިސާބަކުން އުމުރުން 5 އަހަރުން މަތީގެ ކޮންމެ މީހަކަށް އުމްރާއަށް އެތެރެވުމުގެ ހުއްދަ އެޤައުމުގެ ސަރުކާރުން މިހާރު ދޫކުރަން ވަނީ ފަށާފައެވެ.