ޚަބަރު

ޢަބްދުއްސައްތާރު މޫސާ ދީދި- ޒުވާނުންނަށް އަގު ހުރި މިސާލެއް


ނިޝާން ޢިއްޒުއްދީނުގެ އިއްޒަތްތެރި ވެރިޔާ އަލް-މަރްހޫމް ޢަބްދުއްސައްތާރު މޫސާ ދީދިއަކީ ޤައުމަށް ޚިދްމަތް ކުރެއްވުމުގައި މިއަދުގެ ޒުވާނުންނަށް އަގު ހުރި މިސާލެއް ކަމަށް ކުރީގެ ރައީސް މައްމޫނު އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.އެމަނިކުފާނު މިހެން ވިދާޅުވީ، އަލް-މަރްހޫމް ޢަބްދުއްސައްތާރު މޫސާ ދީދީގެ ހަނދާނުގައި ބޭއްވި ތައުބީންގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.ނިޝާން އިއްޒުއްދީނުގެ އިއްޒަތްތެރިވެރިޔާ އަލް-މަރްޙޫމް ޢަބްދުއްސައްތާރު މޫސާދީދީ ގެ ހަނދާނުގައި އިސްލާމީ މަރުކަޒުގައި ބޭއްވެވި ތައުބީންގެ ޖަލްސާގައި އެމަނިކުފާނު ހަނދާނުގައި ހަމަހިމޭންކަމުގެ ސުކޫތެއްވެސް ގެނެސްފައިވެއެވެ. މިޖަލްސާގައި ދައުލަތުގެ އިސްވެރިންނާއި، އަލް-މަރްޙޫމް ޢަބްދުއްސައްތާރު މޫސާ ދީދީގެ އާއިލާގެ ބޭފުޅުންގެ އިތުރުން އެމަނިކުފާނުގެ އަރިހުގައި މަސައްކަތްޕުޅު ކުރެއްވި ބޭފުޅުން އެމަނިކުފާނުގެ ޙަޔާތްޕުޅުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވާފައިވެއެވެ. އަދި އެމަނިކުފާނުގެ ހަނދާނުގައި ތައްޔާރު ކުރައްވާފައިވާ ފޮތެއް، ރައީސުލް ޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވަނީ މި ޖަލްސާގައި ނެރެދެއްވާފައެވެ. ހަމައެއާއި އެކު އެމަނިކުފާނުގެ ހަނދާނުގައި ދިވެހި ޚާރިޖިއްޔާގައި ބޭއްވުނު ތައްޒިޔާގެ ފޮތްވެސް އެމަނިކުފާނުގެ އާއިލާއާއި ވަނީ ޙަވާލު ކުރައްވާފައެވެ.މި ޖަލްސާގައި ރައީސް މައުމޫން ދެއްކެވި ވާހަކަފުޅުގައި މަރްޙޫމް އަބްދުއްސައްތާރު މޫސާ ދީދީއަކީ ސަރުކާރަށް އިޚްލާސްތެރިކަމާއި އެކު ދިގު މުއްދަތެއްގެ ތެރޭގައި ގިނަ ޚިދްމަތްތަކެއް ކުރައްވާފައިވާ ބޭފުޅެއްކަން ފާހަގަ ކުރެއްވިއެވެ. ވަކިން ޚާއްޞަ ގޮތެއްގައި މަސްވެރިކަން ކުރި އެރުވުމަށާއި، ތަޢުލީމީ ދާއިރާ ތަރައްޤީ ކުރެއްވުމަށް ކުރެއްވި މަސައްކަތްޕުޅު ފާހަގަ ކުރެއްވިއެވެ. ރައީސް މައުމޫން ވިދާޅުވީ، މަރުޙޫމް އަބްދުއްސައްތާރު މޫސާ ދީދީ ޤައުމަށް ޚިދުމަތް ކުރެއްވީ އޭރެއްގައި ހަވާލު ކުރެވުނު ކޮންމެ މަސައްކަތެއް ވެސް ވަރަށް އިޚްލާސްތެރިކަމާއި ތެދުވެރިކަމާއި އަމާނާތްތެރިކަމާ އެކުގައި ކަމަށެވެ. އަދި މަސައްކަތްޕުޅު ކުރެއްވީ އޭގެ އަގަކަށް ދަރަޖައަކަށް ބެއްލެވުމެއް ނެތި އިޚްލާސްތެރިކަމާ އެކުގައި ކަމަށްވެސް މައުމޫން ވިދާޅުވިއެވެ."އޮނަރަބަލް އަލްމަރްޙޫމް ޢަބްދުއްސައްތާރު މޫސާ ދީދީ އަކީ ވަރަށް މާތް އަޚްލާގެއްގެ ވެރި ބޭފުޅެއް. ވަރަށް މަޑުމައިތިރި ބޭފުޅެއް. ވަރަށް ތެދުވެރި އިޚްލާސްތެރި ބޭފުޅެއް. ވަރަށް ހިތްޕުޅުހެޔޮ ބޭފުޅެއް. އެއްވެސް މީހަކާ ދޭތެރޭ ރުޅިވެރިކަމެއް ނުވަތަ ހިތްޕުޅުގައި އެހެންކަހަލަ ޝުޢޫރެއް ގެންގުޅުއްވި ބޭފުޅެއް ނޫން. އެހެންވީމާ ޢަބްދުއްސައްތާރު މޫސާ ދީދީގެ ތެދުވެރިކަމާއި އަމާނާތްތެރިކަމަކީ އަޅުގަނޑު ދެކޭގޮތުގައި ލާމަސީލު މިސާލެއް." މައުމޫނު ވިދާޅުވިއެވެ.ޢަބްދުއްސައްތާރު މޫސާދީދީގެ އާއިލާގެ ފަރާތުން މި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން، އެމަނިކުފާނަށް ބޮޑުބޭބެ ވިދާޅުވާ ބޭފުޅެއް ކަމަށްވާ، ޠާރިގް އިބްރާހީމް (ތިމާވެއްޓާއި ބެހޭ ވަޒީރު) ވިދާޅުވީ އަބްދުއްސައްތާރަކީ އާއިލީ ގުޅުން ހަރުދަނާކޮށް، ވަރުގަދަ ކުރެއްވުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވި ބޭފުޅެއް ކަމަށެވެ."އާއިލާ އެކަތި ގަނޑަކަށް ހެއްދެވުމުގައި އެންމެ މުހިންްމު ރޯލެއް އަދާކުރެއްވި ބޭފުޅަކީ ބޭބެ. އާއިލާގެ ހުރިހާ ބޭޅުންގެ މެދުގައިވެސް އިންސާފާއި ހަމަހަމަކަމާއެކު ކަންތައް ކުރެއްވި. ހުރިހާ އެންމެންނަށްވެސް އެއްވަރަކަށް ކަންތައްކޮށްދެއްވި." ތާރިޤް ވިދާޅުވިއެވެ.މަރްޙޫމް އަބްދުއް ސައްތާރު މޫސާދީދީގެ ހަނދާނުގައި  ބޭއްވި ތައުބީންގެ ޖަލްސާގައި،އެމަނިކުފާނުގެ ޚިދްމަތްތައް ދައްކުވައިދޭ ވީޑިއޯ އެއްވެސް ދައްކާފައިވެއެވެ.