ކުޅިވަރު

ލިވަޕޫލު ސިޓީއާ ޕޮއިންޓަކަށް ގާތަށް ޖެހިލައިފި


އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލް ބަލިކޮށް ލިވަޕޫލުން ތާވަލްގެ އެއްވަނައިގައިވާ ސީޓީއާއި އެއް ޕޮއިންޓް ގާތަށް ޖެހިލައިފިއެވެ. އާސެނަލްގެ ދަނޑުގައި ކުޅުނު މެޗް ލިވަޕޫލުން ކާމިޔާބުކޮށްފައިވަނީ 2 ލަނޑު 0 ލަނޑުންނެވެ. ލިވަޕޫލަށް ތާވަލްގެ އެއްވަނައިގައިވާ ސީޓީއާއި އެއް ޕޮއިންޓް ގާތަށް ޖެހިލުމުގެ ފުރުސަތު ލިބުނީ އެންމެ ފަހުން މެންޗެސްޓަރ ސީޓީ އާއި ކްރިސްޓަލް ޕެލެސް ވާދަކުރި މެޗް އެއްވަރުވުމާއި ގުޅިގެންނެވެ.

އާސެނަލްގެ ދަނޑުގައި ކުޅުނު މިމެޗް ފަށައިގެން އެންމެ ފުރަތަމަ ގޯލް ޖެހުމަށް ފުރުސަތު ތަނަވަސްކުރީ ލިވަޕޫލުންނެވެ. އެޓީމްގެ ޑިފެންޑަރު ވާޖިލް ވެން ޑައިކް ބޮލުން ފޮނުވާލި ބޯޅަވަނީ އާސެނަލްގެ ކީޕަރު އާރޮން ރަމްސްޑޭލް މަތަކޮށްފައެވެ. މެޗްގައި އާސެނަލްއަށް ވުރެއް މޮޅަށް ލިވަޕޫލުން ކުޅުނު ނަމަވެސް، މާ ނުރައްކާތެރި ހަމަލާއެއް ލިވަޕޫލަކަށް އުފެއްދިފައެއް ނުވެއެވެ. އަދި އާސެނަލްއަށް ވެސް މާ ނުރައްކާތެރި ބޯޅަތަކެއް ލިވަޕޫލްގެ ގޯލައި ދިމާލަށް ފޮނުވާލެވިފައެއް ނުވެއެވެ. މެޗްގެ ފުރަތަމަ ހާފް ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހިއެވެ.

މެޗްގެ ދެވަނަ ހާފްގައި ލިވަޕޫލަށް ލީޑް ނަގައިދިނުމަށް އެންމެ ރަގަނޅު ފުރުސަތު ލިބުނީ ސާޑިއޯ މާނޭއަށެވެ. މާނޭ ގޯލެއް ޖެހި ނަމަވެސް، ރެފްރީވަނީ އޮފްސައިޑް ވުމުން، އެއީ ގޯލެއް ނޫންކަމަށް ނިންމާފައެވެ. މެޗްގެ ފުރަތަމަ ހާފްގައި އާސެނަލްއިން މާ ނުރައްކާތެރި ހަމަލާއެއް އުފެއްދިފައި ނުވިނަމަވެސް، މެޗްގެ ދެވަން ހާފްގައި އާސެނަލްއިން ވެސް ގިނަ ހަމަލާތެއް އުފައްދަން މަސައްކަތް ކުރިއެވެ. އެގޮތުން އާސެނަލްގެ މާޓިން އޮޑެގާޑް ގޯލާއި ދިމާލަށް ފޮނުވާލި ބޯޅަވަނީ ލިވަޕޫލްގެ ކީޕަރު އެލިސަން ބެކާ މަތަކޮށްފައެވެ.

މެޗްގައި ލިވަޕޫލުން ލީޑްނެގީ މެޗްގެ 54ވަނަ މިނެޓްގައެވެ. މިލަނޑު ލިވަޕޫލަށް ކާމިޔާބުކޮށްދިނީ ޑިއޯގޯ ޖޮޓާއެވެ. އާސެނަލްއިން ވަނީ އެޓީމްގެ އެޓޭކްތައް ވަރުގަދަ ކުރުމުގެ ގޮތުން މުހައްމަދު ސަލާހާއި ރޮބާޓޯ ފިރްމީނޯ ކުޅެން އަރުވާފައެވެ. މިއާއެކު ލިވަޕޫލްއިން އެޓީމްގެ ކުޅުން ރަގަނޅުކޮށް، އެޓޭކްތައް ވެސް ވަރުގަދަ ކުރިއެވެ. ލިވަޕޫލުން މެޗްގެ ދެވަނަ ގޯލްޖެހީ މެޗްގެ 62ވަނަ މިނެޓްގައި ބަދަލް ކުޅުންތެރިންއެއްގެ ގޮތުގައި ކުޅެންއެރި ރޮބާޓޯ ފިރްމީނޯއެވެ.

ޕްރިމިއަރ ލީގް ތާވަލްގެ 1 ވަނައިގައި އޮތް ސިޓީ އަށް 29 މެޗުން 70 ޕޮއިންޓް ލިބިފައިވާއިރު، 2 ވަނައިގައި ލިވަޕޫލް އޮތީ 29 މެޗުން 69 ޕޮއިންޓް ހޯދައިގެންނެވެ. ތާވަލްގެ 3 ވަނައިގައި އޮތް ޗެލްސީއަށް 28 މެޗުން 59 ޕޮއިންޓް ލިބިފައިވާއިރު، އާސެނަލްއަށް ވަނީ 27 މެޗުން 51 ޕޮއިންޓް ލިބިފައެވެ.