ކުޅިވަރު

ސާރާއާއެކު ފެތުންތެރިން ވަގުތުކޮޅެއް


ފެތުމުގައި ދުނިޔޭގެ ގިނަ ރެކޯޑްތަކެއް އޮންނަ ސާރާ ރާއްޖޭގެ ފެތުންތެރިނާއިއެކު ވަގުތުކޮޅެއް ހޭދަކޮށްފިއެވެ. މޯލްޑިވްސް ސްޕޯޓްސް އެވޯޑް 2022ގެ ހަފްލާފައި ބައިވެރިވެވަޑައި ގަތުމަށް ރާއްޖެ އައި އެންމެ ފުރަތަމަ ތިން އެތުލީޓުންގެ ތެރޭގައި ސާރާ ހިމެނެއެވެ. ސާރާވަނީ ރާއްޖޭގެ ގައުމީ ޓީމުގެ ފެތުންތެރިންނާއި ޖުނިއަރ ޓީމް އަދި ބައެއް ސްވިމިންގް ކުލަބްތަކާއެކުވެސް އިއްޔެ ވަގުތު ކޮޅެއް ހޭދަކޮށްފައެވެ.

އުމުރުން 28 އަހަރުގެ ސާރާ ވަނީ އޮލިމްޕިކްސް އާއި ވޯލްޑް ޗެމްޕިއަންޝިޕް އަދި ޔޫރަޕިއަން ޗެމްޕިއަންޝިޕްގައި ގިނަ ކާމިޔާބީތަކެއް ހޯދައިފައެވެ. މީގެ އިތުރުން ސާރާ އަކީ ފަސް އިވެންޓެއްގެ ދުނިޔޭގެ ރެކޯޑް ހޯދާފައިވާ ފެތުންތެރިއެއްވެސް މެއެވެ. ސާރާ ހާސިލްކޮށްފައިވާ ރެކޯޑްތަކަށް ބަލާއިރު، ލޯންގް ކޯސްގެ 50 މީޓަރާއި 100 މީޓަރުގެ ފްރީސްޓައިލާއި ބަޓަފްލައި އިވެންޓްތައް ހިމެނެއެވެ. އޭގެ އިތުރުން 4 ގުނަ 50 މީޓަރުގެ ޝޯޓް ކޯސް މެޑްލީ ރިލޭ އިވެންޓްގައި ވެސް ދުނިޔޭގެ ރެކޯޑް އޮތީ ވެސް ސާރާ އަތުގައެވެ.

މާލެ ސްވިމިންގް ޓެރެކް ސަރަހައްދުގައި ކުރިއަށްދިޔަ މިހަރަކާތުގައި ސާރާވަނީ ފެތުންތެރިންނާއެކު ފޮޓޯނަގާ، ފަތުންތެރިން ކުރި ސުވާލްތަކަށް ޖަވާބުދީފައެވެ. ސާރާވަނީ ފަތުމުގެ ތެރެއަށް ވަދެވުނު ގޮތާއި، ފެތުމުގައި ދެމި ހުރުމަށް ކުރެވޭ ގިނަ މަސައްކަތްތަކާއި ބެހޭ ގޮތުން މަޢުލުމާތުދީފައެވެ. އަދި ފަރިތަކުރުންތައް ކުރިއަށްގެންދާ ގޮތާއި، ކެއިންބުއިން ބަހައްޓާ ގޮތާއި ބެހޭގޮތުންވެސް މަޢުލުމާތުދީފައެވެ. ފެތުންތެރިންނަށް މަޢުލުމާތު ދިނުމަށްފަހު ސާރާވަނީ ގައުމީ ޓީމުގެ އަންހެން އަދި ފިރިހެން ފެތުންތެރިންނަށް ސްވިމިންގެ ބައެއް އުކުޅުތައް ދަސްކޮށްދީފައެވެ. އަދި ފަތާއިރު އިސްކަންދޭންޖެހޭ ކަންތައްތައްވެސް ސާރާ ވަނީ ފަތުންތެރިންނަށް ދައްކާލާފައެވެ.

ސާރާގެ މިއުކުޅުތައް ބެލުމަށް ގިނަ އަދަދެއްގެ ފެތުންތެރިންނާއި ގިނަ އަދަދެއްގެ ބެލެނިވެރިންގެ އިތުުރުން އެސޯސިއޭޝަންގެ އިސްވެރިން ވެސް ބައިވެރިވެފައިވެއެވެ.