ކުޅިވަރު

ލޯގޯ ބަދަލުކޮށް، އެމްބީބީއޭގެ ވެބްސައިޓް ލޯންޗްކޮށްފި


މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ)ގެ ލޯގޯއަށް ބަދަލްތަކެއް ގެނެސް، އެސިއޭޝަންގެ ވެބްސައިޓް ލޯންޗުކޮށްފިއެވެ. ލޯގޯއަށް ބަދަލްގެނެސް ވެބްސައިޓް ލޯންޗްކޮށްފައިވަނީ ރޭ ހެންވޭރު ބޯޅަ ގޭގާއި ބޭއްވި އެމްބީބީއޭގެ އަހަރީ އާންމު ޖަލްސާގައެވެ. މިޖަލްސާގައި ވަނީ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓް އިއްވާ، މިއަހަރުގެ ކަލަންޑަރާބެހޭގޮތުން މެންބަރުންނަށް މަޢުލުމާތުދީފައެވެ.

ފަންސަވީސް މެންބަރުން ބައިވެރިވި މިޖަލްސާގައި މިއަހަރަށް ލަފާ ކުރާ ބަޖެޓާއި އެމްބީބީއޭގެ ލޯގޯއަށް ނެގައި ބަދަލްތައް ވަނީ ފާސްކޮށްފައެވެ. މިވެބްސައިޓާއެކު އެސޯސިއޭޝަންގެ މަސައްކަތްތައް ވަރަށް ބާރަށް ކުރިއަށްދާނެކަމަށާއި މިއީ ކުރިއަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއްކަމަށް އެމްބީބީއޭއިން މަޢުލުމާތު ދިނެވެ. ޚާއްސަކޮށް އެންބީބީއޭގެ ވެބްސައިޓްގައި ގިނަ ކަންތައްތަކެއް ހިމަނާފައިވާއިރު، އާންމުންނަށްވެސް އެސޯސިއޭޝަންގެ މުބާރާތްތަކާއި އެސޯސިއޭޝަންގެ ހުރިހާ މަޢުލުމާތެއް ވެބްސައިޓް މެދުވެރިކޮށް ފެންނަން ހުންނާނެކަމަށް ވެސް އެމްބީބީއޭއިން މައުލުމާތު ދިނެވެ.

އެމްބީބީއޭގެ އަހަރީ އާންމު ޖަލްސާގައިވަނީ އެސޯސިއޭޝަންގެ ހަޒާންދާރުގެ މަގާމަށް ކުރިމަތިލާފައިވާ އަހުމަދު ޝާފިއު ވަނީ އެމަގާމަށް އިންތިޚާބުކޮށްފައެވެ. ޝާފިއު މަގާމްއަށް އިންތިހާބު ކޮށްފައިވަނީ 25 މެންބަރުންގެ ފުރިހަމަ ތާއީދާއެކުގައެވެ. މިއަހަރުގެ އެމްބީބީއޭ ކަލަންޑަރަށް ވަނީ ބޮޑެތި ބަދަލްތަކެއް ގެނެސްފައެވެ. އެގޮތުން ފުރަތަމަ ފަހަރަށް ބޮޑީބޯޑިން ލީގެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެންމެ އަވަހަށް މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ)ގެ މުބާރާތެއް އޮންނާނީ މިމަހުގެ ތެރޭގައެވެ. އެމްޓީސީސީ ބުރުނު ޝިކާރު ބޮޑީބޯޑިން ޗެލެންޖް ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 26ވަނަ ދުވަހުއެވެ. އަދި މިއަހަރުގެ ކަލަންޑަރުގައި ލަބޭރާ ބޮޑީބޯޑިން ޗެލެންޖާއި ބަނޑު ފިލާ ޗެލެންޖާއި، ސުލްތާން އޮފް ތަނބުރުދޫ އާއި ކުލަ ބޮޑީބޯޑިން މުބާރާތް ހިމެނެއެވެ.