ޚަބަރު

ޖެނުއަރީމަހު ސަރުކާރު މުވައްޒަފުންގެ އެވްރެޖް މުސާރައަކީ 15686 ރުފިޔާ


ޖެނުއަރީމަހު ސަރުކާރު މުވައްޒަފުންގެ މުސާރައަށް 430.9 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ހާމަކޮށްފިއެވެ.

ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ޝާއިއުކުރަން ފަށާފައިވާ، މަންތްލީ ގަވަރމަންޓް ވޭޖް އިންޑެކްސްގައި ސަރުކާރު ވަޒީފާތައް ތިން ގިންތިއަކަށް ބަހާލާފައިވެއެވެ. އެގޮތުން ޕަބްލިކް އެޑްމިނިސްޓްރޭޝަން އާއި ތައުލީމީ ދާއިރާ އާއި ސިއްޙީ ދާއިރާގައި ވަޒީފާ އަދާކުރާ މީހުންގެ އަދަދުތަކާއި، އެދާއިރާތަކުގެ މުވައްޒަފުންނަށް މުސާރައިގެ ގޮތުގައި ހޭދަވާ މިންވަރުގެ ތަފްސީލް ހިމަނާފައިވެއެވެ.

މި ރިޕޯޓުގައިވާ ގޮތުން ޖެނުއަރީމަހު 430.9 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، އެންމެ ބޮޑު ޚަރަދެއް ހިނގާފައިވަނީ ޕަބްލިކް އެޑްމިނިސްޓްރޭޝަން ދާއިރާގެ މުވައްޒަފުންގެ މުސާރައަށެވެ. އެއީ 285 މިލިއަން ރުފިޔާއެވެ. ދެވަނައަށް އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށެވެ. އެދާއިރާގެ މުވައްޒަފުންގެ މުސާރައަށް ޖެނުއަރީމަހު 53.8 މިލިއަން ރުފިޔާވަނީ ޚަރަދުވެފައެވެ. ސިއްޙީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ޖެނުއަރީމަހުވަނީ 92 މިލިއަން ރުފިޔާ ހޭދަކޮށްފައެވެ.

ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ރިޕޯޓުގައިވާ ގޮތުން، ޖެނުއަރީމަހު އެވްރެޖް މުސާރައަކީ 15686 ރުފިޔާއެވެ. ޑިސެމްބަރުމަހު މި އަދަދު ހުރީ 15441 ރުފިޔާގައެވެ. އެވްރެޖް މުސާރައާއި އިތުރުގަޑީގެ ފައިސާއާއި ސީދާ ގުޅުމެއްވެއެވެ. އިތުރުގަޑި އިތުރުވާ މަސްތަކުގައި އެވްރެޖް މުސާރަ އިތުރުވެއެވެ. ތަފާސްހިސާބުތައް ދައްކާގޮތުން 2018ވަނަ އަހަރުން ފެށިގެން މިހާތަނަށް އެވްރެޖް މުސާރަ އެންމެ ބޮޑަށް އިތުރުވެފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓުމަހުއެވެ. އެމަހު އެވްރެޖް މުސާރަ ހުރީ 16531 ރުފިޔާގައެވެ.

ރިޕޯޓުގައިވާ ގޮތުން ސަރުކާރު މުވައްޒަފުންގެ އަދަދަކީ 27467 އެވެ. އަދި ފާއިތުވީ ހަތަރު އަހަރު ދުވަހުގެ ތެރޭ ސަރުކާރު މުވައްޒަފުންގެ އަދަދުވަނީ 33.3 އިންސައްތައަށް އިތުރުވެފައެވެ.