ކުޅިވަރު

ބިލިއާޑަކީ ހަމައެކަނި ހުނަރުން ކުޅެވޭނެ ކުޅިވަރެއް ނޫން - ވޯލްޑް ޗެންޕިއަން އަލްބިން


ބިލިއާޑަކީ ހަމައެކަނި ހުނަރު ހުރެގެން ކުޅެވޭނެ ކުޅިވަރެއް ނޫންކަމަށާއި ބިލިއާޑަކީ މެންޓަލީވެސް ވަރަށް ބޮޑަށް ތައްޔާރުވާންޖެހޭ ކުޅިވަރެއްކަމަށް ދުނިޔޭގެ ޕޫލް ބިލިއާޑްގެ ޗެމްޕިއަން އޮސްޓްރިއާގެ އަލްބިން އޮސްކަން ބުނެފިއެވެ. މާދަމާރޭ އޮންނަ މޯލްޑިވްސް ސްޕޯޓްސް އެވޯޑް 2022ގައި ބައިވެރިވުމަށް އަލްބިން އޮސްކަން ރާއްޖެ އައިސްފައިވާއިރު، އޭނާވަނީ މޯލްޑިވްސް ޕޫލް ބިލިއަޑް ސެންޓަރަކަށް ޒިޔާރަތްކޮށްފައެވެ. ބިލިއާޑް ސެންޓަރަށް ޒިޔާރަތްކޮށް، އަލްބިން އޮސްކަން ވަނީ ގައުމީ ބިލިއާޑް ކުޅުންތެރިންނާއި ބިލިއާޑް އެސޯސިއޭޝަންގެ އިސްވެރިންގެ އިތުރުން ބިލިއާޑް އެސޯސިއޭޝަންގެ މެންބަރުންނާވެސް ބައްދަލުކޮށްފައެވެ.

ދުނިޔޭގެ ޕޫލް ބިލިއާޑްގެ ޗެމްޕިއަން އޮސްޓްރިއާގެ އަލްބިން އޮސްކަންބުނީ ބިލިއާޑަކީ ވަރަށް ގިނަ ކަންތައްތައް އެކުލެވޭ ކުޅިވަރެއްކަމަށާއި މިއީ ހަމައެކަނި ހުނަރު ހުރެގެން ކުޅެވޭނެ ކުޅިވަރެއް ނޫންކަމަށެވެ. ބިލިއާޑް ކަހަލަ، ގިނަ ވަގުތު ނަގައިގެން ކުޅޭ ކުޅިވަރެއް ކުޅެންޖެހޭނީ ވަރަށް ވިސްނައިގެންކަމަށާއި މިއީ މެންޓަލީވެސް މީހާ ވަރަށް ބޮޑަށް ތައްޔާރުވާންޖެހޭ ކުޅިވަރެއްކަމަށް އަލްބިން ބުންޏެވެ. ޚާއްސަކޮށް މިހާ ފިޓްކޮށް ހުރުމަކީ ވަރަށް މުހިންމުކަމެއްކަމަށް އަލްބިން ވަނީ ފާހަގަކޮށްފައެވެ. އޭނާބުނީ މީހާ ފިޓްކޮށް ހުރެގެން ނޫންނީ ރަގަނޅު ކުޅުމެއް ނުދެއްކޭނެކަމަށެވެ. ބައެއް ކުޅުންތެރިން ފިޓް ނުވުމުގެ ސަބަބުން މެޗްގެ ތެރޭގައި ބާރަށް ޝޯޓް ނުޖެހޭކަން ފާހަގަކުރެވޭކަމަށާއި ފިޓްނުވާކަމަށްވާނަމަ، ވަރަށް ގިނަ އުދަގޫތަކާއި ކުރިމަތިލާންޖެހޭނެކަމަށްވެސް އަލްބިން ބުންޏެވެ.


ދުނިޔޭގެ ރޭންކިން އެއް ވަނައިގައި އޮތް އަލްބިން އަކީ 2016 ވަނަ އަހަރުގެ 9 ބޯލް އަދި 2021 ވަނަ އަހަރުގެ ދުނިޔޭގެ ޗެމްޕިއަނެވެ. އަދި ދެ ފަހަރެއްގެ މަތިން ޕޫލް ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދާފައިވާ އުމުރުން 31 އަހަރުގެ އަލްބިން ވަނީ މިދިޔަ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުގެ އިތުރުން ޗައިނާ އޯޕަން ކާމިޔާބުކޮށްފައެވެ. ޕްރޮފެޝަނަލްކޮށް 2006 ވަނަ އަހަރު ބިލިއާޑް ކުޅެން ފެށި އަލްބިން އަކީ ޔޫރޯ ޓޫއަރ ވެސް ކާމިޔާބުކޮށްފައިވާ ކުޅުންތެރިއެކެވެ. އޭނާގެ ރެކޯޑާ ހަމަކުރެވޭ ކުޅުންތެރިން ވަރަށް މަދެވެ.