ސިޔާސީ

އަންހެނުންގެ ކޮމެޓީގެ ރައީސާއަށް ރަށުކައުންސިލުން ގޮނޑިއެއް ރިޒާވް ކުރުމާ ބެހޭ ބިލަށް ބަހުސްކޮށްފި


ކޮންމެ ރަށަކަށް އިންތިޚާބުކުރާ އަންހެނުންގެ ކޮމިޓީގެ ރައީސާއަކީ، އެރަށެއްގެ ރަށު ކައުންސިލުގެ މެމްބަރެއްކަމަށް ހަމަޖެއްސުމަށް ލާމަރުކަޒީ ޤާނޫނަށް ހުށަހެޅި އިސްލާހަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަހުސްކޮށްފިއެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް ތުލުސްދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ހުށަހެޅުއްވި އިސްލާހުގައިވަނީ ކޮންމެ ރަށު ކައުންސިލަކަށް މެމްބަރުން އިންތިހާބުކުރުމަށް ކަނޑައެޅިފައިވާ ޖުމްލަ އަދަދުގެ ތެރެއިން އެއް ގޮނޑި އިންތިޚާބަށް ހުޅުވާނުލާ ބާއްވަންވާނޭކަމަށެވެ. އަދި މިގޮތުން ރިޒާރވް ކުރެވޭ ގޮނޑިއަކީ އަންހެނުންގެ ކޮމިޓީގެ ރައީސާއަށް ރިޒަރވްކުރެވިފައިވާ ގޮނޑިއެއްކަމަށް މިއިސްލާހުގައިވެއެވެ.
މިއިސްލާހު ހުށަހެޅުއްވީ ރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުއާހަދާތަކާ އެއްގޮތްވާ ގޮތުގެ މަތިން ޖިންސީ ތަފާތުކުރުންތައް ނައްތާލައި، ސިޔާސީ ނިންމުންތައް ނިންމުމުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމުގެ މަޤްސަދުގައިކަމަށް ރޮޒައިނާ ވިދާޅުވިއެވެ.
މިބިލަށް ބަހުސްކުރެއްވި މެމްބަރުން މައިގަނޑު ގޮތެއްގައި މިބިލަށް ތާއީދުކުރައްވައެވެ. އަދި މިއީ މުހިއްމު އިސްލާހެއްކަމަށް ފާހަގަކުރައްވާ މެމްބަރުން ވާހަކަފުޅުދެއްކެވިއެވެ. ނަމަވެސް ބައެއް މެމްބަރުން ވިދާޅުވީ ލާމަރުކަޒީ ޤާނޫނު އޮތް ގޮތުން، މިއިސްލާހުގެ ސަބަބުން ޤާނޫނު ތަންފީޒުކުރަން ދަތިތަކެއް ކުރިމަތިވެދާނެކަމަށެވެ.މިބިލްވަނީ މަޖިލީހަށް ބަލައިގަންނަން ފެންނަކަމަށް މެމްބަރުން ވޯޓުދެއްވާފައެވެ. އެހެންކަމުން މިބިލް އިތުރަށް ދިރާސާކުރުމަށްވަނީ ޤައުމީ ސަލާމަތު ކޮމެޓީއަށް ފޮނުވާފައެވެ.






މީގެއިތުރުން ލާމަރުކަޒީ ޤާނޫނަށް ގެނައުމަށް ހުށަހަޅާފައިވާ އިސްލާހާ ގުޅިގެން ލޯކަލްކައުންސިލްތަކުގެ އިންތިޚާބާބެހޭ ޤާނޫނަށް އަންނަ ބަދަލުތައް ހިމެނޭގޮތަށް އެޤާނޫނަށް ތުލުސްދޫ ދާއިރާގެ މެމްބަރ ހުށަހަޅުއްވާފައިވާ އިސްލާހުގެ ބިލްވެސްވަނީ މަޖިލީހަށް ހުށަހަޅާ އެބިލަށް ބަހުސްކުރައްވާފައިވެއެވެ.