ޔޫކްރެއިނުގައި ރަޝިޔާއިން ކުރަމުންދާ ވަރުގަދަ ހަނގުރާމާގައި ދެ ޤައުމުގެ ފައުޖުތަކަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.
ފެބްރުއަރީ މަހުގެ 24ވަނަ ދުވަހު ވައިގެމަގުންނާއި ކަނޑުމަގުންނާއި އެއްގަމުން ޔޫކްރެއިނަށް ވަރުގަދަ ޙަމަލާތަކެއް ދޭން ރަޝިޔާއިންވަނީ ފަށައިފައެވެ. އަދި ހަނގުރާމައިގެ ފުރަތަމަ ދެތިން ގަޑިއިރުގެ ތެރޭގައި ރަޝިޔާގެ ފައުޖުތަކުންވަނީ ޔޫކްރެއިނުގެ ވައިގެ ސިފައިންގެ ބާރު އެއްކޮށް ކަނޑުވާލައިފައެވެ. އޭގެ ފަހުން ފާއިތުވި ތިން ހަފުތާގެ ތެރޭގައި ރަޝިޔާގެ އަސްކަރިއްޔާއިން ދެމުންދާ ޙަމަލާތަކުގައި ޔޫކްރެއިނުގެ 1،300 ޓޭންކަރާއި 600 މިސައިލް ލޯންޗަރާއި 145 އަސްކަރީ ޑުރޯންވަނީ ނައްތާލައިފައެވެ. އޭގެ އިތުރުން ޔޫކްރެއިނުން ބޭނުންކުރަމުންދިޔަ ގިނަ ޢަދަދެއްގެ އަސްކަރީ ރާޑަރުތަކާއި ހަތިޔާރު ގުދަންތަކަށްވެސްވަނީ ރަޝިޔާގެ ޙަމަލާތަކުގައި ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އަދި ރަޝިޔާގެ ފައުޖުތަކާ ދެކޮޅަށް ބަދަލުކުރި ޙަމަލާތަކުގައި ޔޫކްރެއިނުގެ 1،300 ސިފައިންވަނީ މަރުވެފައެވެ.
ރަޝިޔާގެ ދިފާޢީ ވުޒާރާއިން ބުނެފައިވާ ގޮތުގައި ޔޫކްރެއިނުގައި ކުރަމުންދާ ހަނގުރާމާގައި ރަޝިޔާގެ 498 ސިފައިން މަރުވެ 1،600 ސިފައިންވަނީ ޒަޚަމުވެފައެވެ. އަދި ޒަޚަމުވި 1،400އަށްވުރެ ގިނަ ސިފައިންވަނީ ފަރުވާއަށްފަހު ދޫކޮށްލައިފައެވެ. ނަމަވެސް އެ ޢަދަދުތައް އެ ވުޒާރާއިން ޢާއްމުކޮށްފައިވަނީ ހަނގުރާމައިގެ ފުރަތަމަ ހަފުތާގެ ތެރޭގައެވެ. ޔޫކްރެއިނުގެ ސަރުކާރުން ބުނެފައިވާ ގޮތުގައި ހަނގުރާމައިގައި ރަޝިޔާގެ އެތައް ހާސް ސިފައިންނެއްވަނީ މަރުވެފައެވެ.
ތިން ސަރަޙައްދަކުން ރަޝިޔާއިން ދެމުންދާ ޙަމަލާތަކުގައި އެ ޤައުމުގެ އަސްކަރިއްޔާއިންވަނީ ޔޫކްރެއިނުގެ ވެރިރަށް ކިޔޭވާއި އެ ޤައުމުގެ ދެވަނައަށް އެންމެ ބޮޑު ރަށް ކަރްކީވު ވަށާލައިފައެވެ. އަދި ޔޫކްރެއިނުގެ އިރުމަތީގައި އޮންނަ ދޮންބާސުން ފެށިގެން ދެކުނުގައި އޮންނަ ކުރިމިޔާއާ ހަމައަށް އޮންނަ ހުރިހާ ސަރަޙައްދެއްވަނީ ރަޝިޔާގެ ބާރުގެ ދަށަށް ގެނެސްފައެވެ. އެއާއެކު ކަޅު ކަނޑާއި އަޒޯވު ކަނޑުގެ ސަރަޙައްދުވެސްވަނީ ރަޝިޔާގެ ބާރުގެ ދަށަށް ގެނެސްފައެވެ. ރަޝިޔާއިން ދެމުންދާ ޙަމަލާތަކުގައި ޔޫކްރެއިނުގެ މުޙިއްމު ރަށްތަކަށްވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.
ޔޫކްރެއިނުގެ ސަރުކާރުން ބުނެފައިވާ ގޮތުގައި ފާއިތުވި ތިން ހަފުތާގެ ތެރޭގައި އެ ޤައުމަށްވަނީ 100 ބިލިޔަން އެމެރިކާ ޑޮލަރުގެ ގެއްލުމަކާ ކުރިމަތިލާން ޖެހިފައެވެ. އަދި ހަނގުރާމައިގެ ސަބަބުން ޔޫކްރެއިނުގެ ތިން މިލިޔަނެއްހާ މީހުންގެ ގެދޮރުވަނީ ގެއްލިފައެވެ.