ޚަބަރު

ޔޫކްރެއިނުން އުއްމީދުކުރަނީ ދެތިން ހަފުތާގެ ތެރޭގައި ރަޝިޔާއާ ޞުލްޙަވުމަށް


ކުރިޔަށް އޮތް ދެތިން ހަފުތާގެ ތެރޭގައި ރަޝިޔާއާއެކު ދާޢިމީ ޞުލްޙައެއް ޤާއިމުކޮށް ޙަމަލާބަދަލުކުރުން ހުއްޓާލުމުގެ ފުރުޞަތު ބޮޑުކަމަށް ޔޫކްރެއިނުން ބުނެފިއެވެ.

ރަޝިޔާއާއެކު ކުރަމުންދާ މަޝްވަރާތަކުގެ ހަތަރުވަނަ ބުރުގެ ވާހަކަތަކަށްފަހު ޔޫކްރެއިނުގެ ރައީސް ވޮލޮދީމީރް ޒެލެންސްކީގެ އިސް މުޝީރެއްކަމަށްވާ އެލެކްސީ އަރެސްތޮވިޗު ވިދާޅުވީ ޞުލްޙައިގެ އެއްބަސްވުމެއްގައި ވަރަށް އަވަހަށް ސޮއިކުރެވިދާނެކަމުގެ އުއްމީދު އައުވެފައިވާކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ކުރިޔަށް އޮތް ދުވަސްތަކުގައި ޔޫކްރެއިނުގައި ހަނގުރާމަކުރާ ރަޝިޔާގެ ލަޝްކަރުތައް އެ ޤައުމު ދޫކޮށް ދިޔުމުގެ އެއްބަސްވުމަކާ ހަމައަށް އާދެވޭނެކަމަށް ޤަބޫލުކުރައްވާކަމަށެވެ. އަދި މެއި މަހުގެ ކުރީކޮޅު ނުވަތަ އެއަށްވުރެވެސް ކުރިން ރަޝިޔާއާއެކު ދާޢިމީ ޞުލްޙައެއް ޤާއިމުކުރުމަށް އެއްބަސްވުމެއްގައި ސޮއިކުރެވޭނެކަމުގެ އުއްމީދު ބޮޑުކަމަށްވެސް އޭނާ ވިދާޅުވިއެވެ. އޭގެ އިތުރުން ވީޑިޔޯ މެދުވެރިކޮށް ބޭއްވި ހަތަރުވަނަ ބުރުގެ ވާހަކަތަކުން އެދެވޭ ކުރިއެރުންތަކެއް ހޯދުނުކަމަށް އޭނާވަނީ ފާހަގަކުރައްވައިފައެވެ.

ފެބްރުއަރީ މަހުގެ 24ވަނަ ދުވަހު ވައިގެމަގުންނާއި ކަނޑުމަގުންނާއި އެއްގަމުން ވަރުގަދަ ޙަމަލާތަކެއް ރަޝިޔާއިން ދޭން ފެށީ މިންސްކް އެއްބަސްވުމާ ޚިލާފަށް އެތައް ކަމެއް ޔޫކްރެއިނުން ކުރަމުންދާކަމަށް ތުޙްމަތުކޮށްފައެވެ. ޙަމަލާބަދަލުކުރުން ހުއްޓާލުމަށް ކުރަމުންދާ މަޝްވަރާތަކުގައި ރަޝިޔާއިން ޝަރުތުކޮށްފައިވަނީ ހުޅަނގުގެ އަސްކަރީ އިއްތިޙާދުގެ މެންބަރުކަން ޔޫކްރެއިނުން ދުވަހަކުވެސް ނުހޯދާނެކަމުގެ ޔަޤީންކަމަކަށާއި ޔޫކްރެއިނުގެ އިރުމަތީގައި އޮންނަ ދޮންބާސްގެ މިނިވަން ދެ ދަޢުލަތް ބަލައިގަތުމަށާއި އަސްކަރީ ބާރުވެރިކަން ހޯދުމަށް ޔޫކްރެއިނުން ކުރަމުންދާ މަސައްކަތްތައް ހުއްޓާލައި އެއްވެސް ފަރާތަކަށް ނުޖެހޭ ޤައުމެއްގެ ގޮތުގައި އޮތުމަށެވެ. ޔޫކްރެއިނުން ބުނެފައިވަނީ އެ ޝަރުތުތަކަށް އެއްބަސްވެވޭނީ އެ ޤައުމުން ރަޝިޔާގެ ފައުޖުތައް ފޭބުމުންކަމަށެވެ.