މުނިފޫހިފިލުވުން

އާމިރު ބުނީ ކައިވެނިތައް ރޫޅުނީ މޮޅު ފިލްމު ކުޅެން ހަދައިގެންކަމަށް


މީގެކުރިން ދެ ކައިވެންޏެއްކޮށް ނާކާމިޔާބުވެފައިވާ ބޮލީވުޑް ތަރި އާމިރުޚާން އޭނާގެ ދެ ކައިވެނިވެސް ރޫޅާލާން ޖެހުނު ސަބަބު ކިޔާދީފިއެވެ.

އިއްޔެ 57 އަހަރު ފުރުނު އާމިރު ދިން އިންޓަވިއުއެއްގައި އޭނާ ވަނީ އަމިއްލަ ދިރިއުޅުމާ ގުލޭ ގޮތުން ފުރަތަމަ ފަހަރަށް ވާހަކަދައްކާފައެވެ. އާމިރު ބުނީ ކުރި ދެ ކައިވެނިވެސް ކާމިޔާބު ނުވެ ރޫޅާލަން ޖެހުނީ އޭނާގެ ސަބަބުންކަމަށެވެ. އަދި އެ ދުވަސްތަކުގައި އޭނާ އުޅުނީ އާއިލާއަށްވުރެ ބޮޑަށް ކެރިއަރަށް ފޯކަސް ކޮށްގެންކަމަށެވެ.

އާމިރު ބުނީ ފިލްމި މަސައްކަތުގައި އުޅެންޖެހުމުން ކުދިންނާއި ދެ ފަރާތުގެ އާއިލާއަށް އެއްވެސް ވަރަކަށް ވަގުތެއް ނުދެވުނުކަމަށެވެ. އަދި އޭނާ އަދާކުރަންޖެހޭ ޒިންމާތައް އެންމެ ފުރިހަމައަށް އަދާނުކުރެވުނުކަމަށާއި އެކަން ރޭކާލިއިރު ވަގުތު ފާއިތުވެއްޖެކަމަށްވެސް އާމިރު ބުނެއެވެ.

އާމިރު ބުނީ އޭނާ މިހާތަނަށް މުޅިންވެސް މަސައްކަތް ކުރަމުން އައި ބެލުންތެރިންގެ ހިތް އަތުލައިގަނެވޭ ވަރުގެ މަސައްކަތްތަކެއް ކުރުމަށްކަމަށާއި އާއިލާ އޭނާއަށް މަޑުކޮށްގެން ތިބިކަން ހަނދާން ނެތުނީކަމަށްވެސް ކައިވެންޏާއި ގުޅޭ ގޮތަށޤ ފުރތަމަ ފަހަރަށް ވާހަކަ ދައްކަމުން އާމިރު ހާން ވަނީ ބުނެފައެވެ.

އާމިރު ހާން ބޮލީވުޑަށް ތައާރަފު ޖޫހީ އާ އެކު ފެނުނު "ގަޔާމަތުސޭ ގަޔާމަތަކް " އިންނެވެ. ބޮލީވުޑަށް ނުކުތް އިރުވެސް އާމިރު ހާން އުޅެނީ ކައިވެނިކޮށްގެންނެވެ. އާމިރު އެންމެ ފުރަތަމަ އަނބަކީ ރީނާ ދައްތާ އާއެވެ. އެ ކައިވެންޏަށްވަނީ ފިރިހެން ކުއްޖަކާއި އަންހެން ކުއްޖަކު ލިބިފައެވެ. އެ ދެ މީހުން ވަރިވީ އެކުގައި 16 އަހަރު އުޅުމަށްފަހުއެވެ. ރީނާ އަށް ފަހު އާމިރު ދެން ކައިވެނި ކުރީ ފިލްމު ޕްރޮޑިއުސާ ކިރަން ރާއޯ އާއެވެ. 15 އަހަރަށް ފަހު ރޫޅުނު މި ކައިވެންޏަށްވެސް ވަނީ ފިރިހެން ކުއްޖަކު ލިބިފައެވެ.

އާމިރާ ކިރަން ކައިވެނިކޮށްގެން އުޅުނު އިރު ކިރަންއާ އާމިރުގެ ކުރީގެ އަންހެނުން ރިނާއާ ދެމީހުންގެ ގުޅުން ވަރަށް ރަނގަޅެވެ. އަދި އެކުގައި ބައެއް ތަންތަނުންވެސް ވަނީ ފެނިފައެވެ.

އާމިރު ދެން އެންމެ އަވަހަށް ފެންނާނީ ކަރީނާ ކަޕޫރުޚާނާއިއެކު "ލާލް ސިންގް ޗައްޑާ" އިންނެވެ. ހޮލީވުޑް ފިލްމު "ފޮރެސްޓް ގަމްޕް" އަސްލަކަށް ބަލައިގެން އުފައްދާ މި ފިލްމު މިހާރު ރިލީޒްކުރަން ތާވަލުކޮށްފައިވަނީ އަންނަ އޯގަސްޓް 11 ވަނަ ދުވަހަށެވެ.