މުނިފޫހިފިލުވުން

ކިއާރާ ގެ ބަދަލުގައި ތާރާ


ތެލުގޫ ފިލްމު "އާރް އެކްސް 100" ގެ ހިންދީ ރީމޭކް "ތަޑަޕް" އިން އަހާން ޝެޓީއާއިއެކު އެންމެ ފަހުން ފެނުނު ތާރާ ސުތާރިއާ އަނެއްކާވެސް އިތުރު ފިލްމަކަށް ސޮއިކޮށްފިއެވެ.

ތާރާގެ މިފަހަރުގެ ފިލްމަކީ މުރާދު ކޭތާނީ ޕްރޮޑިއުސްކުރާ ވިމެން ސެންޓަރިކް ފިލްމު "އަޕްރޫވާ" އެވެ.

މިއީ "ސްޓޫޑަންޓް އޮފް ދަ ޔިއާ 2" ، "އެކް ވިލަން ރިޓާންސް" ، "ހިރޯޕަންތީ 2" ފަދަ ބައެއް ސީކުއަލް ފިލްމުތައް ކުރިއަށް ހުރި ތާރާ ވިމެން ސެންޓަރިކް ފިލްމަކުން ފެންނަ ފުރަތަމަ ފަހަރެވެ. މީގައި ދައްކާނީ އަންހެނެއްގެ ހަޔާތުން ހޭދަވާ އެއްދުވަސް ކަމަށްވެސް ޚަބަރުތައް ބުނެއެވެ.

މި ފިލްމަށް ފުރަތަމަ ނެގީ ކިއާރާ އަދުވާނީ ކަމަށްވެއެވެ. އެހެންނަމަވެސް ކިއާރާ މި ފިލްމު ދޫކޮށްލީ އޭނާގެ ކުރިއަށް އޮތް ފިލްމަކީވެސް ވިމެން ސެންޓަރިކް ފިލްމަކަށް ވުމުންނެވެ. ކިއާރާގެ ކުރިއަށް އޮތް ފިލްމަކީ އިންޑިއާގައި އެންމެ މަޝްހޫރު ޕާޕަރު އުފައްދާ ކުންފުނި ކަމުގައިވާ ލިޖަތް ގެ ބާނީގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމެވެ. މިއީ އަޝިތޯޝް ގުވަރިކަރު ޕްރޮޑިއުސްކުރާ "ކަރަމް ކުރާމް" އެވެ.

ތާރާ ދެން އެންމެ އަވަހަށް ފެންނާނީ ސާޖިދު ނަދިއާދްވާލާ ޕްރޮޑިއުސް ކުރާ ފިލްމު "ހީރޯޕަންތީ 2" ނެވެ. އަންނަ މަހު 29 ގައި ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައިވާ މި ފިލްމުގައި ތާރާ އާއިއެކު ޓައިގާ ޝްރޮފްވެސް ފެންނާނެއެވެ. ޓައިގާ އާއި ތާރާ ވަނީ "ސްޓޫޑަންޓް އޮފް ދަ ޔިއާ 2" ގައިވެސް މީގެކުރިން މަސައްކަތްކޮށްފައެވެ.

ތާރާގެ އަނެއް ފިލްމު "އޭކް ވިލަން ރިޓާންސް" ގައި ތާރާ އާއިއެކު ޖޯން އަބްރަހަމް، ދިޝާ ޕަޓާނީ އަދި އަރުޖުން ކަޕޫރުވެސް ފެންނާނެއެވެ. މޯހިތު ސޫރީ ޑައިރެކްޓް ކުރާ މި ފިލްމު ރިލީޒްކުރާނީ މިއަހަރުގެ ޖުލައި މަހު އެވެ.