ކުޅިވަރު

ޒުވާން ޑިފެންޑަރ ސާއިފް ނިއުއަށް


ޤައުމީ ޓީމްގެ ޒުވާން ޑިފެންޑަރ ސާއިފް ނިއުރޭޑިއަންޓަށް ބަދަލުވެއްޖެއެވެ. ފާއިތުވި ސީޒަންގައި މާޒިޔާއަށް ކުޅުނު 20 އަހަރުގެ ޑިފެންޑަރ މުޙައްމަދު ސާއިފްއަކީ މިހާރު ޤައުމީ ޓީމްގެ ކުޅުންތެރިއެކެވެ. މިހާރުކުރިއަށްދާ ބަންގްބަންދް ގޯލްޑްކަޕްގައި ދިވެހި ޓީމްގެ ދިފާއުގައި ސާއިފް އަންނަނީ މުޙިއްމު ދައުރެއް އަދާކުރަމުންނެވެ. ފާއިތުވި ސީޒަންގެ މުޙިންމު ބައެއް މެޗުތަކުގެ ފުރަތަމަ އެގާރައިގައި ހިމެނިގެންވެސް އޭނާ މާޒިޔާއަށް ކުޅެފައިވެއވެ. ސާއިފްގެ އިތުރުން ތަޖުރިބާކާރު މިޑްފީލްޑަރ އަހުމަދު ނިޔާޒާއި، ޑިފެންޑަރ އަބުދުﷲ ހަނީފްވެސް ވަނީ ނިއުއަށް ބަދަލުވެފައެވެ. ނިއުއަށް ކުޅެމުން އައިސް މިދިޔަ ސީޒަންގެ މެދުތެރޭގައި ވިކްޓްރީއަށް ކުޅުމަށްފަހު ނިޔާ އެނބުރި ނިއުއަށް އައިކަން އޭނާ ވަނީ ޔަޤީންކޮށްދީފައެވެ. އަބުދުﷲ ހަނީފް މިދިޔަ ސީޒަން ފެށީ ވެލެންސިޔާއިންނެވެ. ސީޒަން ނިމުނުއިރު ހުރީ އީގަލްސްގައެވެ. މިކުޅުންތެރިންގެ އިތުރުން މާޒިޔާއަށް ކުޅުނު ފަރުހާދު އިސްމާއީލްވެސް ވަނީ ނިއުއަށް ބަދަލުވެފައެވެ. މީގެއިތުރުންވެސް ބައެއް ޒުވާން ކުޅުންތެރިންނާއެކު ނިއުއިން ވަނީ ސޮއިކޮށްފައެވެ. އަދި ވަރަށް އަވަހަށް ޕްރެކްޓިސް ފެށުމަށް ކްލަބުން އަންނަނީ ތައްޔާރުވަމުންނެވެ. ޓީމްގެ މުޙިންމު ކުޅުންތެރިންކަމަށްވާ އަލީ ފާސިރުއާއި، އަސްއަދު އަލީއާއި، އަހުމަދު އަބުދުﷲ ވަނީ ނިއުދޫކޮށްގޮސްފައެވެ. މިޑްފީލްޑަރ މުޙައްމަދު ޝިފާން ވެލެންސިޔާއަށް ބަދަލުވިކަމުގެ އަޑުތަކެއް ފެތުރިފައިވީނަމަވެސް އޭނާ ނިއުއާއެކު ހަދާފައިވާ އެއްބަސްވުން ހަމަވާނީ މިސީޒަންގެ ނިޔަލަށްކަމަށް މައުލޫމާތުލިބެއެވެ.ޓީމްގައި ތިބި ތަޖުރިބާކާރު އިތުރު ކުޅުންތެރިންނަކީ މުޙައްމަދު ރަޝީދު ( ހޮކޭ ) އާއި ރިލްވާން ވަހީދުއެވެ.