ޚަބަރު

އީރާނާއި ސަޢުދީ ޢަރަބިއްޔާ ކުރަމުންދާ މަޝްވަރާތައް ހުއްޓުމަކަށް


ސަޢުދީ ޢަރަބިއްޔާއާ ދާޢިމީ ޞުލްޙައެއް ޤާއިމުކުރުމަށް ކުރަމުންދާ މަޝްވަރާތައް ހުއްޓާލުމަށް އީރާނުން ނިންމައިފިއެވެ.

ސަޢުދީ ޢަރަބިއްޔާއާއެކު ކުރަމުންދާ މަޝްވަރާތަކުގެ ފަސްވަނަ ބުރެއް ބޭއްވުމަށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައި ވާހަކަތައް މެދުކަނޑާލަން ނިންމި ސަބަބެއް އީރާނުން ނުބުނެއެވެ. ނަމަވެސް ދާދިފަހުން ސަޢުދީ ޢަރަބިއްޔާއިން މަރުގެ އަދަބު ދަންފީޒުކުރި 81 މީހުންގެ ތެރޭގައި 41 ޝިއީން ހިމެނެއެވެ. އަދި އީރާނުގެ ނިޔުކްލިޔަރ އެއްބަސްވުން އިޔާދަކުރުމަށް ހުޅަނގުގެ ބާރުތަކާއެކު ކުރަމުންދާ މަޝްވަރާތަކަށް ޔޫކްރެއިނުގައި ކުރަމުންދާ ހަނގުރާމައިގެ ހިޔަނި އެޅި އެ ވާހަކަތައްވެސްވަނީ ހުއްޓުމަކަށް އައިސްފައެވެ.

ސުންނީންގެ އެންމެ ނުފޫޒުގަދަ ޤައުމުކަމަށްވާ ސަޢުދީ ޢަރަބިއްޔާއާއި ޝިއީންގެ އެންމެ ނުފޫޒުގަދަ ޤައުމުކަމަށްވާ އީރާނާ ދެމެދު ފާއިތުވި އަހަރުތަކުގެ ތެރޭގައި ބޮޑެތި ނުތަނަވަސްކަމެއްވަނީ އުފެދިފައެވެ. އަދި މެދުއިރުމަތީގައި ސުންނީނާއި ޝިއީންނާ ދެމެދު ހިނގަމުންދާ ކުރިމަތިލުންތަކުގައި ސަޢުދީ ޢަރަބިއްޔާއާއި އީރާނުން މުޙިއްމު ދަޢުރެއްވަނީ އަދާކޮށްފައެވެ. އޭގެ ތެރޭގައި ޔަމަނާއި ސޫރިޔާގައި ކުރަމުންދާ ދާޚިލީ ހަނގުރާމައާއި ޢިރާޤާއި ލުބުނާނުގެ ސިޔާސީ ކާރިޘާ ހިމެނެއެވެ. ނަމަވެސް ޢިރާޤުގެ ސަރުކާރުން މެދުވެރިއެއްގެ ދަޢުރު އަދާކޮށްގެން ސަޢުދީ ޢަރަބިއްޔާއާއި އީރާނާ ދެމެދު ދާޢިމީ ޞުލްޙައެއް ޤާއިމުކުރުމަށް މުޙިއްމު މަޝްވަރާތަކެއް ކޮށްފައިވެއެވެ.

2016ވަނަ އަހަރުގެ ތެރޭގައި ސަޢުދީ ޢަރަބިއްޔާއިންވަނީ އީރާނާއެކު އޮތް ޚާރިޖީ ގުޅުން ކަނޑާލައިފައެވެ.