ޔޫކްރެއިނާއި ރަޝިޔާއާ ދެމެދު ދާޢިމީ ޞުލްޙައެއް ޤާއިމުކުރުމަށް ކުރަމުންދާ މަޝްވަރާތަކުގެ ހަތަރުވަނަ ބައްދަލުވުން ވީޑިޔޯ މެދުވެރިކޮށް ބާއްވަން ނިންމައިފިއެވެ.
ޔޫކްރެއިނުގެ ރައީސް ވޮލޮދީމީރް ޒެލެންސްކީ ވިދާޅުވީ ޞުލްޙައާއި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރެވޭނެ ނަތީޖާއެއް މަޝްވަރާތަކުން ލިބޭނެކަމަށް އުއްމީދުކުރައްވާކަމަށާއި ކޮންމެ ދުވަހަކުވެސް ރަޝިޔާގެ އެކި ބޭފުޅުންނާ ޔޫކްރެއިނުގެ ވަފުދުން މަޝްވަރާކުރަމުންދާކަމަށެވެ. އަދި ސީދާ ރަޝިޔާގެ ރައީސް ވުލަޑުމީރް ޕުޓިންނާއެކު މަޝްވަރާކުރުން ވަރަށް މުޙިއްމުކަމަށާއި އެއީ މުޅި ދުނިޔެވެސް އިންތިޒާރުކުރައްމުންދާ ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.
ޔޫކްރެއިނާއި ރަޝިޔާއާ ދެމެދު ޞުލްޙަ ޤާއިމުކުރުމަށް ކުރަމުންދާ މަޝްވަރާތަކުގެ އިތުރު ބައްދަލުވުމެއް ބޭއްވުމަށް ނިންމާފައިވަނީ ދެ ޤައުމުގެ ދެމެދުގައި ކުރަމުންދާ މަޝްވަރާތަކުގައި ކުރިއެރުންތަކެއް ލިބެމުންދާކަމަށް ރަޝިޔާއިން ބުނެފައިވާ ދަނޑިވަޅެއްގައެވެ. ނަމަވެސް އޭގެ ތަފުޞީލެއް ރަޝިޔާއިން ނުދެއެވެ.
ފާއިތުވި ދުވަސްތަކުގައި ޔޫކްރެއިނަށް ދެމުންދާ ޙަމަލާތައް ރަޝިޔާއިންވަނީ އިތުރަށް ފުޅާކޮށް ވަރުގަދަކޮށްފައެވެ. އެ ގޮތުން ޔޫކްރެއިނުގެ ކަނޑުގެ ސަރަޙައްދު ބަންދުކޮށް އެ ޤައުމުގެ ވެރިރަށް ކިޔޭވާއި އެ ނޫންވެސް ބޮޑެތި ރަށްތައްވަނީ ވަށާލައި ވަރުގަދަ ޙަމަލާތަކެއް ދޭންވަނީ ފަށައިފައެވެ. އދން ބުނެފައިވާ ގޮތުގައި ފާއިތުވި ތިން ހަފުތާގެ ތެރޭގައި ރަޝިޔާއިން ދީފައިވާ ޙަމަލާތަކުގައި 600އެއްހާ މީހުންވަނީ މަރުވެފައެވެ. އަދި ޔޫކްރެއިނުގައި ދިރިއުޅޭ 2.5 މިލިޔަނަށްވުރެ ގިނަ މީހުންގެ ގެދޮރު ގެއްލިފައިވާކަމަށްވެސް އދންވަނީ ބުނެފައެވެ.