ޗައިނާގެ އެކި ސަރަޙައްދުތަކުގައި ހަލުވިކަމާއެކު ކޯވިޑް-19 ފެތުރެން ފެށުމުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަލުން އަޅަން ފަށައިފިއެވެ.
ޗައިނާގެ ޞިއްޙަތާބެހޭ ވުޒާރާއިން ބުނެފައިވާ ގޮތުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 3،400 މީހުންނަށް ކޯވިޑް-19 ޖެހިފައިވާކަމަށާއި އޭގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުންގެ ކިބައިން ބަލީގެ އެއްވެސް އަލާމާތެއް ނުފެންނަކަމަށެވެ. އަދި ބަލިޖެހިފައިވާ މީހުން ޗައިނާގެ 19 ސަރަޙައްދަކުން ފެނިފައިވާކަމަށްވެސް އެ ވުޒާރާއިން ބުނެފައިވެއެވެ.
ޗައިނާގައި ފާއިތުވި ތިން ދުވަހުވެސް މަދުވެގެން 1،000އަށްވުރެ ގިނަ މީހުންނަށްވަނީ ކޯވިޑް-19 ޖެހިފައެވެ. އެއީ 2020ވަނަ އަހަރުގެ ތެރޭގައި އެ ޤައުމުގެ ވޫހާނުގައި ބަލިފެތުރުނު ދުވަސްވަރު ބަލިޖެހުނު މީހުންގެ ޢަދަދުތަކާ އެއްވަރު ޢަދަދެކެވެ. އެއާއެކު ޗައިނާގެ ސަރުކާރުންވަނީ ޝަންހާއީފަދަ ބޮޑެތި ރަށްރަށުގެ މަދަރުސާތައް ބަންދުކޮށް ބައްޔަށް ތަޙްލީލުކުރުން ފުޅާކޮށްފައެވެ. އޭގެ އިތުރުން ބައްޔާ ދެކޮޅަށް ފިޔަވަޅުތައް އެޅުމުގައި ފަރުވާކުޑަކުރިކަމަށް ނިންމައި ޗައިނާގެ ބައެއް ސަރަޙައްދުތަކުގެ އިސްވެރިންވަނީ މަޤާމުތަކުން ވަކިކޮށްފައެވެ.