ޔޫކްރެއިނަށް ހަތިޔާރު ފޮރުކޮށްދިނުން ހުއްޓުވުމަށް ހުޅަނގުގެ ހަތިޔާރު ގާފިލާތަކާ ދެކޮޅަށް ޙަމަލާދޭނެކަމުގެ ވަރުގަދަ އިންޒާރެއް ރަޝިޔާއިން ދީފިއެވެ.
ރަޝިޔާގެ ޚާރިޖީ ވުޒާރާއިން ބުނެފައިވަނީ ހުޅަނގުގެ ބާރުތަކުން ޔޫކްރެއިނަށް ހަތިޔާރުފޯރުކޮށްދިނުމަކީ ނުރައްކާތެރިކަމެއްކަމަށާއި އެއީ ހަނގުރާމައިގެ ޢަމަލެއްކަމަށެވެ. އެ ވުޒާރާއިން ބުނެފައިވަނީ ޔޫކްރެއިނަށް ހަތިޔާރު ފޮނުވުން ހުއްޓުވުމަށް ރަޝިޔާއިން އޮތީ ތައްޔާރަށްކަމަށާއި އެ ޤައުމުން ދެމުންދާ އިންޒާރުތަކަށް ހުޅަނގުން ސަމާލުކަން ދޭންޖެހޭކަމަށެވެ.
ޔޫކްރެއިނުގެ ރައީސް ވޮލޮދީމީރް ޒެލެންސްކީވަނީ އެ ޤައުމުގެ ދިފާޢުކުރުމަށް ހުޅަނގުގެ އަސްކަރީ އެހީތެރިކަން ބޭނުންވާކަމަށާއި އެ ޤައުމުގައި އުދުހުން މަނާ ސަރަޙައްދުތަކެއް ޤާއިމުކޮށްދިނުމަށް ތަކުރާރުކޮށް އެދިވަޑައިގެންފައެވެ. ނަމަވެސް ހުޅަނގުގެ ބާރުތަކުންވަނީ ޔޫކްރެއިނުގައި އުދުހުން މަނާ ސަރަޙައްދެއް ޤާއިމުކުރުމަކީ ސީދާ ރަޝިޔާއާ ދެކޮޅަށް ކުރިމަތިލުމަކަށް ދާންޖެހިދާނެކަމެއްކަމަށް ބުނެ އެ ކަމަށް އިންކާރުކޮށްފައެވެ.
ފެބްރުއަރީ މަހުގެ 24ވަނަ ދުވަހުން ފެށިގެން ރަޝިޔާއިން ދެމުންދާ ވަރުގަދަ ޙަމަލާތައް ދިފާޢުކުރުމަށް ހުޅަނގުގެ ބާރުތަކުންވަނީ ގިނަ ޢަދަދެއްގެ ޒަމާނީ ހަތިޔާރު ޔޫކްރެއިނަށް ފޯރުކޮށްދީފައެވެ. އޭގެ ތެރޭގައި މިސައިލުން ދިފާޢުވާ ނިޒާމާއި ހަނގުރާމަމަތީ މަތިންދާބޯޓުތަކާއި ހެލިކޮޕުޓަރުތަކާއި ޓޭންކަރުތަކާ ދެކޮޅަށް ބޭނުންކުރާ ރޮކެޓު ހިމެނެއެވެ. އޭގެ އިތުރުން އެމެރިކާގެ ޤާނޫނުހަދާ މަޖިލީހުންވަނީ 6.5 ބިލިޔަން އެމެރިކާ ޑޮލަރުގެ އަގުހުރި އަސްކަރީ ސާމާނު ޔޫކްރެއިނަށް ފޯރުކޮށްދިނުމަށް ފާސްކޮށްފައެވެ. އަދި ވިލާތުގެ އިއްތިޙާދުންވަނީ 500 އެމެރިކާ ޑޮލަރުގެ އަގުހުރި ހަތިޔާރު ޔޫކްރެއިނަށް ފޮނުވުމަށް ނިންމައިފައެވެ.
ހުޅަނގުގެ ބާރުތަކުން ޔޫކްރެއިނަށް ހަތިޔާރު އެތެރެކުރަނީ އެ ޤައުމުގެ ހުޅަނގުގާ އޮންނަ ޕޯލޭންޑާއި ރޯމޭނިޔާފަދަ ޤައުމުތަކުގެ ސަރަޙައްދީ ރޮނގު ބޭނުންކޮށްގެންނެވެ. އެއާއެކު ފާއިތުވި ދުވަސްތަކުގެ ތެރޭގައި ޔޫކްރެއިނުގެ ހުޅަނގުގައި އޮންނަ މުޙިއްމު ރަށްތަކަށާއި އަސްކަރީ މަރުކަޒުތަކަށް ރަޝިޔާއިން ދެމުންދާ ވައިގެ ޙަމަލާތައްވަނީ އިތުރުކޮށްފައެވެ. އަދި ޔޫކްރެއިނުގެ ވެރިރަށް ކިޔޭވު ވަށާލައި އެ ސަރަޙައްދަށް ދެމުންދާ ޙަމަލާތައް ރަޝިޔާއިންވަނީ ވަރުގަދަކޮށްފައެވެ.