ކުޅިވަރު

ލިވަރޕޫލުން ސިޓީއާ ދެމެދުގައިވާ ފަރަގު 3 ޕޮއިޓަށް ކުޑަކޮށްފި


އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލުން ބްރައިޓަން ހޯވް އެންޑް އަލްބިއަން ބަލިކޮށްފިއެވެ.
ބްރައިޓަން ހޯވް އެންޑް އަލްބިއަން ދަނޑުގައި ރޭ ކުޅުނު މެޗު ލިވަރޕޫލުން ކާމިޔާބުކުރީ 2 ލަނޑު 0 ލަނޑުންނެވެ. ރޭގެ މޮޅާއެކު ލިވަޕޫލުން މިވަނީ ލީގުގެ އެއް ވަނައިގައި އޮތް މެންޗެސްޓާ ސިޓީއާ ދެމެދުގައިވާ ފަރަގު ތިން ޕޮއިންޓަށް ކުޑަކޮށްފައެވެ.

ބްރައިޓަންގެ އެމެކްސް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ލިވަޕޫލުން ލީޑުނެގީ 19 ވަނަ މިނިޓްގައި ލުއިސް ޑިއާޒް ޖެހި ގޯލަކުންނެވެ. މިދިޔަ މަހު ޕްރިމިއާ ލީގުން ހޮވި އެންމެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދި ކެމަރޫންގެ ޑިފެންޑަރު ޖޮއެލް މަޓިޕް ދިން ބޯޅައަކުން ޑިއާޒް ގޯލު ޖެހީ ބޮލުންނެވެ. ޑިއާޒް ބޮލުން ގޯލަށް ބޯޅަ ފޮނުވާލި ފަހުން ބްރައިޓަންގެ ކީޕަރު ފައިން ޑިއާޒް ގައިގައި ޖެހުމުން ވަނީ އެއީ ރަތް ކާޑު ދައްކަން ޖެހޭ ފައުލެއްތޯ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) މެދުވެރިކޮށް ބަލައި ކާޑެއް ދައްކަން ނުޖެހޭ ކަމަށް ވަނީ ނިންމާފައެވެ.

ފުރަތަމަ ހާފުގައި ލިވަޕޫލަށް ލީޑުނަގައިދޭން މުޙައްމަދު ސަލާހަށް ލިބުނު ދެ ފުރުސަތެއްގެ ބޭނުން އޭނާއަކަށް ނުހިފުނެވެ. ފުރަތަމަ ހާފުގައި ސަލާހު ޖެހި ބޯޅަ ކީޕަރު ސަންޗޭޒް މަތަކުރިއިރު، ކައުންޓަ އެޓޭކުގައި ދެ ވަނަ ހާފުގައި ޑިއާޒް ދިން ބޯޅައަކުން ސަލާހު ޖެހި ބޯޅަ ދިޔައީ ބޭރުންނެވެ. ނަމަވެސް، ލިވަޕޫލަށް ދެ ވަނަ ގޯލު ޖަހައިދިނީ ޕެނަލްޓީ އަކުން ސަލާހެވެ.

މި ގޯލާ އެކު ސަލާހު ވަނީ މި ފަހަރުގެ ލީގުގައި 20 ގޯލު ހަމަކޮށްފައެވެ. އޭނާ އަކީ ލިވަޕޫލްގެ ތާރީހުގައި ހަތަރު ސީޒަނަށް ވުރެ ގިނައިން ލީގުގައި 20 ގޯލު ހަމަކުރި ލިވަޕޫލްގެ ހަ ވަނަ ކުޅުންތެރިޔާއެވެ. ރޭގެ ގޯލުތަކާއެކު ލިވަޕޫލުން ވަނީ ޕްރިމިއާ ލީގުގައި 2000 ގޯލު ހަމަކުރި ދެ ވަނަ ޓީމުގެ ޝަރަފް ހޯދައިފައެވެ.

ރޭގެ މެޗުގައި ސަލާހުގެ ކަކުލަށް ލިބުނު އަނިޔާއެއްގެ ސަބަބުން އޭނާ ވަނީ ބަދަލުކޮށްފައެވެ. ސަލާހުގެ ބަދަލުގައި ކުޅެން އެރީ ޑިއޯގޯ ޖޮޓާއެވެ.

ބްރައިޓަންއިން ގޯލެއް ޖަހަން ކުރި މަސައްކަތުގައި ޑެނީ ވެލްބެކް ޖެހި ބޯޅައެއް ލިވަޕޫލްގެ ކީޕަރު އެލިސަން ބެކާ ވަނީ މަތަކޮށްފައެވެ. މި މެޗުން ބްރައިޓަން ބަލިވިއިރު، މިއީ ލީގުގައި ޖެހިޖެހިގެން އެ ޓީމު ބަލިވި ފަސް ވަނަ މެޗެވެ.

ސިޓީ އެއް ވަނައިގައި އޮތީ 28 މެޗުން 69 ޕޮއިންޓާ އެކުގައެވެ. މިރޭގެ މެޗުން ލިވަޕޫލުން ހޯދި މޮޅާ އެކު އެ ޓީމު ވަނީ 28 މެޗުން 66 ޕޮއިންޓް ހޯދައިފައެވެ. ލިވަޕޫލާއި ސިޓީ ހުރިހާ މެޗަކުން މޮޅުވަމުންދާނަމަ ލީގު ލިބޭ ޓީމެއް ކަނޑައެޅުމުގައި އެންމެ މުހިންމު ރޯލެއް ކުޅޭނީ މީގެ ހަތަރު ހަފްތާއެއްހާ ދުވަސް ފަހުން ސިޓީ ދަނޑުގައި ލިވަޕޫލާ ދެކޮޅަށް ކުޅޭ މެޗެވެ. މާދަމާރޭ ސިޓީން ރަށުންބޭރުގައި ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ކުޅޭނެއެވެ.