ވިޔަފާރި

ރަށު މާރުކޭޓުން 12 ގޮޅި ކުއްޔަށް ދޫކުރަނީ


ހުޅުމާލޭގައި ތަރައްގީކޮށްފައިވާ ރަށު މާރުކޭޓުން 12 ގޮޅި ކުއްޔަށް ހިފުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީން) ހުޅުވާލައިފިއެވެ.

ރަށުމާރުކޭޓަށް އެދި ހުށަހަޅާ ފޯމު އެޗްޑީސީގެ ވެބްސަޓުން ޑައުންލޯޑުކުރެވޭނެއެވެ.

އެޗްޑީސީން ކޮށްފައިވާ އިއުލާނުގައި ބުނެފައިވާ ގޮތުގައި އެ ގޮޅިތަކަށް އެދި ފޯމު ހުށަހަޅަން ޖެހޭނީ މާދަމާ ހެނދުނު 9:00 އާއި 11:00 ދެމެދުގެ ވަގުތެއްގައެވެ. ފޯމުތައް ބަލައިގަންނަން ހާއްސަ ޑެސްކެއް ރެހެންދި ސްކޫލް ހޯލުގައި އެޗްޑީސީން ބަހައްޓާނެއެވެ.

ފޯމު ހުށަހަޅާ މީހުންގެ ތެރެއިން ގޮޅިތައް ދޫކުރާނީ ގުރުއަތުން ހޮވޭ މީހުންނަށެވެ. ގުރުއަތު ނަގާނީ ހަމަ އެ ދުވަހުގެ މެންދުރު 11:30ގައިކަމަށް އެޗްޑީސީން ބުނެއެވެ.

ގޮޅިއަށް އެދި ފޯމު ހުށަހަޅާއިރު، ފޯމާއެކު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ހުށަހަޅަންޖެހޭނެއެވެ. ހުޅުމާލޭގައި ތަރައްގީކޮށްފައިވާ ގޮޅިތައް ކުއްޔަށް ދޫކުރަން އެޗްޑީސީން ނިންމާފައިވަނީ މަހަކު 3500 ރުފިޔާއަށް 3 މަސްދުވަހުގެ މުއްދަތަކަށެވެ.