މުނިފޫހިފިލުވުން

"ކުމްކުމް ބާގްޔާ" ގެ ޕޫޖާއަށް އަންހެން ކުއްޖެއް


"ކަސޯޓީ ޒިންދަގީ 2" އަދި "ކުމްކުމް ބާގްޔާ" ވެސް ތަރި ޕޫޖާ ބަނާޖީ އަންހެން ކުއްޖަކު ލިބިއްޖެއެވެ. ޕޫޖާގެ ފިރިމިހާ އަކީ މަޝްހޫރު ފެތުންތެރިޔާ ސަންދީޕް ސޭޖްވާލްއެވެ.

މި ދެމަފިރިންގެ އަލަތު ދަރިފުޅު އުފަންވީ އިއްޔެއެވެ. އަދި ޕޫޖާ އޮތީ ހޮސްޕިޓަލްގައިކަމަށް އެ އާއިލާއިން ބުނެއެވެ.

ބަނޑުބޮޑުވި ނަމަވެސް ޒީޓީވީން ދައްކާ "ކުމްކުމް ބާގްޔާ" ގައި ރިއާގެ ރޯލުން ފެންނަ ޕޫޖާ ބަނާޖީ އެ ޝޯ ދޫކޮށްލަން ނިންމީ ވިހަން ކައިރިވެ ބަނޑަށް 8 މަސްވެސް ވީފަހުންނެވެ.
އެ ޝޯގެ އެންމެ ފަހުގެ ޝޫޓިންތައް އޭނާ ކުރިއަށް ގެންދިޔައީ މިމަހުގެ 21 ގަ އެވެ. އެ ދުވަހު ޕްރޮޑަކްޝަން ޓީމުންވަނީ ޕޫޖާއަށް ސަޕްރައިޒް ޕާޓީއެއްވެސް ދީފައެވެ.

އުމުރުން މިހާރު 30 އަހަރުގެ ޕޫޖާ އާއި ސަންދީޕް ކައިވެނިކުރީ 2017 ވަނަ އަހަރު އެވެ.
"ޗަންދްރަ ނަންދިނީ" އަދި "ދިލް ހީ ތޯ ހޭ" ގައިވެސް ޕޫޖާ ވަނީ މަސައްކަތްކޮށްފައެވެ.