މުނިފޫހިފިލުވުން

އަކްޝޭގެ އަގު އަދާކުރީ ފިލްމު ނުއަގުގައި ވިއްކާލައިގެން


2020 ވަނަ އަހަރު ރިލީޒްކުރި އަކްޝޭ ކުމާރުގެ "ލަކްޝްމީ" އާއި މިދިޔަ އަހަރު ނުކުތް "އަތުރަންގީ ރޭ" ވެސް ދައްކާފައިވަނ ޑިޖިޓަލް ޕްލެޓް ފޯމުގައެވެ. މިހާރު މިވަނީ އަކްޝޭގެ އިތުރު ފިލްމެއްވެސް މި ބޮޅަށް އިތުރުވެފައެވެ.

"މިޝަން ސިންޑްރެއްލާ" އަކީ އަންނަ އަހަރު ރިލީޒްކުރަން ތާވަލުކޮށްފައި އޮތް ފިލްމެކެވެ. މި ފިލްމުވެސް މިހާރު މިވަނީ ޑިޖިޓަލް ޕްލެޓްފޯމެއްކަމުގައިވާ ޑިޒްނީ ޕްލަސް ހޮޓް ސްޓާއިން ސްޓްރީމް ކުރެވޭގޮތަށް އެމީހުންނަށް ވިއްކާލާފައެވެ.

އަކްޝޭގެ "ބެލްބޮޓަމް" ގެ ވެސް ޑައިރެކްޓަރު ރަންޖީތް ތިވާރީ ޑައިރެކްޓްކޮށްފައިވާ މި ފިލްމު ވިއްކާލާފައިވަނީ 135 ކްރޯޑް ރުޕީސް އަށެވެ. މީ ފިލްމަށް ލިބެންޖެހޭ އެންމެ ރަގަޅު އަގު ނޫން ކަމުގައިވިޔަސް މި ފައިސާއިން އަކްޝޭގެ ފީ ދެއްކޭނެކަމަށް ޕްރޮޑަކްޝަން ޓީމުން ބުނެއެވެ.

މި ފިލްމުގެ ޕްރޮޑިއުސަރުންނަކީ ވާޝޫ ބައްގާނީ އާއި ޖެކީ ބައްގާނީއެވެ. "މިޝަން ސިންޑްރެއްލާ" ގެ އިތުރުން "ބަޅޭ މިޔާން ޗޯޓޭ މިޔާން" އަކީވެސް ބައްގާނީއާއިއެކު އަކްޝޭ މަސައްކަތްކުރާ ފިލްމެކެވެ.

"މިޝަން ސިންޑްރެއްލާ" އަކީ 2018 ގައި ރިލީޒްކުރި ތަމަޅަ ސައިކޮލޮޖިކަލް ކްރައިމް ތުރިލާ "ރަތުސަސަން" އަސްލަކަށް ބަލައިގެން ހަދާ ފިލްމެކެވެ. މީގައި ކިޔައިދެނީ ފުރާވަރުގެ އަންހެން ކުއްޖަކު ވަރަށް އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވައި ފެނިގެން އެ ހާދިސާ އަށް ފިލްމެއް ހަދަން މަސައްކަތްކުރާ ޒުވާނަކު، އާއިލީ ފިއްތުންތަކާ ހެދި ފިލްމު ހެދުމުގެ ހިޔާލު ދޫކޮށްލައި، ފުލުހަކަށްވުމުން ދިމާވާ އާދަޔާ ހިލާފު ހާދިސާތަކެކެވެ.

"ރަތުސަސަން" އަކީ ރާމް ކުމާރު ޑައިރެކްޓްކޮށް، ވިޝްނޫ ވިޝާލް އާއި އަމާލާ ޕޯލް މައިގަނޑު ރޯލުތައް ކުޅުނު ފިލްމެކެވެ. "މިޝަން ސިންޑްރެއްލާ" ގައި އަކްޝޭއާ އެކު ބަތަލާގެ ރޯލު ކުޅޭނީ ރަކުލް ޕްރީތު ސިންގް ކަމަށް ރިޕޯޓްތައް ބުނެ އެވެ.