ރަޝިޔާއިން ތުޙުމަތުކުރާ ޔޫކްރެއިންގެ ބަޔޮލޮޖިކަލް ހަތިޔާރު ޕްރޮގްރާމެއް އޮތް ކަމުގެ އެއްވެސް ހެއްކެއް ލިބިފައި ނުވާކަމަށް އ.ދ. އިން ބުނެފިއެވެ.
އެ ޤައުމުގެ އެކުވެރި ޤައުމުތަކުން ތުޙުމަތު ކުރާ ގޮތުގައި ރަޝިޔާއިން އެ ވާހަކަތައް ފެތުރަނީ އެ ޤައުމުގެ އަމިއްލަ ބަޔޮލޮޖިކަލް ޕްރޮގްރާމެއް ނުވަތަ ކެމިކަލް ޙަމަލާތަކެއް ދޭން ފެށުމުގެ ކުރިންކަމަށް ވެދާނެކަމަށެވެ. 15 މެމްބަރުންގެ މައްޗަށް އެކުލެވޭ އދގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމަށް ރަޝިޔާއިން ގޮވާލީ، އެއްވެސް ހެއްކެއް ގަރީނާއެއް ނެތި، ޔޫކްރެއިންއިން ބަޔޮލޮޖިކަލް ހަތިޔާރު ލެބޯޓްރީތައް ހިންގީ އެމެރިކާގެ ދިފާއީ ވުޒާރާގެ އެއްބާރުލުމާއެކު ކަމަށް ބުނެ، އެ ޤައުމުގެ މަންދޫބު ވަސިލީ ނެބެންޒިއާ މެދުވެރިކޮށް، އެކަން އަލުން ތަކުރާރު ކުރުމަށެވެ.
މެމްބަރު ޤައުމުތަކުން ދަނީ ޚާއްސަ އޮޕްރޭޝަނެއްކަމަށް ބުނެ ރަޝިޔާއިން ޔޫކްރެއިންގައި ހިންގާ 15 ދުވަހުގެ ޙަމަލާގައި ރަޝިޔާއިން ޔޫކްރެއިންގެ އެތައްސަތޭކަ އާންމުންނަށް އަމާޒުކޮށް ގަސްދުގައި ޙަމަލާދީ މަރާލާފައިވާކަމަށް ތުހުމަތުކޮށް، ރަޝިޔާއިން ދައްކަނީ "ދޮގު" އަދި "މުޅިން ބޭކާރު" ދަޢުވާތަކެއްކަމަށް ބުނަމުންނެވެ.
އދގެ ހައި ރެޕްރެޒެންޓޭޓިވް ފޮރ ޑިސްއާމަމެންޓް އެފެއާޒް އިޒޫމީ ނަކަމިޓްސޫ ކައުންސިލަށް ވިދާޅުވީ، ޔޫކްރެއިންގައި ބަޔޮލޮޖިކަލް ހަތިޔާރު ގެންގުޅުމުގެ އެއްވެސް ޕްރޮގްރާމެއް ހިންގާކަން އދއަށް އެނގިފައިނުވާ ކަމަށާއި ރަޝިޔާއާއި އެމެރިކާ ހިމެނޭހެން 180 ޤައުމަކާއެކު ބައިނަލްއަޤްވާމީ ހަތިޔާރު މަނާކުރާ އެއްބަސްވުމެއްގައި ޔޫކްރެއިނުންވެސް ބައިވެރިވާކަމަށެވެ.
2005ވަނަ އަހަރު ވެވުނު އެއްބަސްވުމެއްގެ ދަށުން ޕެންޓަގަނުން ވަނީ ޔޫކްރެއިންގެ ގިނަ ޕަބްލިކް ހެލްތު ލެބޯޓްރީތަކަށް ރިސާޗް ކުރުމަށް ބޭނުންކުރާ ނުރައްކާތެރި ޕެތޯޖަންތަކާއި ޓެކްނޮލޮޖީގެ ސަލާމަތީ ކަންކަން ރަނގަޅު ކުރުމަށް އެހީތެރިވެދީފައެވެ. އެ މަސައްކަތްތަކަށް ދުނިޔޭގެ އެހެން ޤައުމުތަކުންނާއި ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ވަނީ އެއްބާރުލުން ދީފައެވެ.
މީގެ އިތުރުން، ރަޝިޔާއިން މި ސެޝަނަށް ގޮވާލުމުގެ ބޭނުމަކީ އެޤައުމުން ބަޔޮލޮޖިކަލް ހަތިޔާރު ޕްރޮގްރާމެއްގެ ބިންގާ އެޅުމަށް ކުރި މަސައްކަތެއްގެ ގޮތުގައި އެމެރިކާއިން އދއަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު ލިންޑާ ތޯމަސް-ގްރީންފީލްޑް ވަނީ ސިފަކުރައްވާފައެވެ. އަދި މިއީ ވޮޝިންޓަނުން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް ކަމަށް އެކަމަނާ ފާހާގަކުރެއްވިއެވެ. މި ބައްދަލުވުމުގައި ރަޝިޔާގެ ނުރައްކަލެއް ކުރިމަތިވެދާނެ ކަމުގެ އެއްވެސް ހެއްކެއް އެކަމަނާ ދެއްވާފައި ނުވި ނަމަވެސް، އެކަމަނާ ވިދާޅުވީ ރަޝިޔާއިން ވެސް އެޤައުމުން ހިންގާ ޤާނޫނާ ޚިލާފު އަމަލުތަކުގެ ތުޙުމަތު އެހެން ޤައުމުތަކަށް ތުޙުމަތު ކުރުމުގެ ޓްރެކް ރެކޯޑެއް ރަޝިއާގައި އެބަ އޮތް ކަމަށެވެ.