ޚަބަރު

61.8 އިންސައްތަ ރިސޯޓް މުވައްޒަފުންގެ ބޫސްޓަރ ޑޯޒް ޖަހައިފި


ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން 61.8 އިންސައްތަ މުވައްޒަފުން ބޫސްޓަރ ޑޯޒް ޖަހައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ 9 ވަނަ ދުވަހާއި ހަމައަށް ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން 135379 މީހަކު ވަނީ ކޯވިޑްގެ ބޫސްޓަރ ޑޯޒް ޖަހާފައެވެ. މިއީ ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ %61.8 އެވެ.

ރިސޯޓް މުވައްޒަފުންގެ ބޮޑު އިންސައްތައެއް މިހާރު ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަކޮށްފައެވެ. އެގޮތުން ރިސޯޓް މުވައްޒަފުންގެ %99.8 މީހުން ވެކްސިންގެ ފުރަތަމަ ޑޯޒް ވަނީ ޖަހާފައެވެ. މިއީ 398243 މީހުންނެވެ. ވެކްސިންގެ 2 ޑޯޒް ފުރިހަމަ ކޮށްފައިވަނީ %97.6 މީހުންނެވެ. މިއީ މުޅި ޖުމްލަ 371170 މީހުންކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކައެވެ.

ކޯވިޑުން ރައްކާތެރިވުމަށް ޖަހާ 3 ވަނަ ޑޯޒް ނުވަތަ ބޫސްޓަރ ޑޯޒް އާންމުކޮށް ހުޅުވާލައިގެން ރާއްޖޭގައި ޖަހަން ފަށާފައިވަނީ ޖެނުއަރީ މަހުގެ 15 ވަނަ ދުވަހުއެވެ. މިއާއެކު ބޫސްޓަރ ޑޯޒް ޖެހުމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް މިހާރު ރާއްޖޭގައި އަންނަނީ ބޫސްޓަރ ޑޯޒް ޖަހަމުންނެވެ.

ރާއްޖޭގެ ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަކީ ފަތުރުވެރިންނާއި އެންމެ ގާތުން މަސައްކަތްކުރާ މީހުންނެވެ. އެހެންކަމުން ކޯވިޑަށް ހުށައެޅުމުގެ ފުރުސަތު ރިސޯޓް މުވައްޒަފުންނަށް ބޮޑެވެ. މިއާއެކު ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ޚާއްސަ އިސްކަމެއްދީގެން އަންނަނީ ވެކްސިން ޖެހުމުގެ މަސައްކަތް ކުރަމުންނެވެ.