ޚަބަރު

އަހަރުގެ މިހާތަނަށް ރާއްޖެއަށް 324743 ފަތުރުވެރިން


އަހަރުގެ މިހާތަނަށް 324743 ފަތުރުވެރިން ރާއްޖެ ޒިޔާރާތްކޮށްފައިވާކަމަށް ޓުއަރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ހަފްތާއަކު އެއްފަހަރު ނެރޭ ޓޫރިޒަމް އަޕްޑޭޓް ރިޕޯޓްގައިވާގޮތުން، މިއަހަރުގެ ޖަނަވަރީމަހު 131764 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު ފެބްރުއަރީމަހު 149008 ފަތުރުވެރިން ވަނީ ޒިޔާރާތްކޮށްފައެވެ. އަދި މިމަހުގެ މިހާތަނަށް 43971 ފަތުރުވެރިން އައިސްފައިވެއެވެ. އަދި މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރާތްކުރި ފަތުރުވެރިންނާއި އަޅާބަލާއިރު 48.6 އިތުރު އަދަދެކެވެ.

ޓޫރިޒަމް މިނިސްޓްރީން ހާމަކުރާގޮތުގައި ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 4776 ފަތުރުވެރިން ރާއްޖެއަށް އާދެއެވެ. އަދި ރާއްޖެއަށް އަންނަ ފަތުރުވެރިން އާންމުގޮތެއްގައި 8 ދުވަހުގެ ޗުއްޓީއެއް ރާއްޖޭގައި ހޭދަކުރެއެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއަށް މިހާރު އެންމެ ގިނަ ޢަދަދަކަށް އަންނަނީ ރަޝީއާ ފަތުރުވެރިންނެވެ. އަހަރުގެ މިހާތަނަށް ރަޝިއާއިން ރާއްޖެއަށްވަނީ 48173 ފަތުރުވެރިން އައިސްފައެވެ. ދެވަނައަށް އެންމެ ގިނަ ޢަދަދަކަށް ފަތުރުވެރިން އަންނަނީ އިނގިރޭސިވިލާތުންނެވެ. އެޤައުމުން ރާއްޖެއަށްވަނީ 36608 ފަތުރުވެރިން އައިސްފައިވެއެވެ. ކޯވިޑްގެ ކުރިން ރާއްޖެއަށް އެންމެ ގިނައިން ޒިޔާރާތްކޮށްފައިވަނީ ޗައިނާ ފަތުރުވެރިންނެވެ.

މިދިޔަ އަހަރު ނިމުނު އިރު، ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވަނީ އިންޑިއާއިންނެވެ. އެހެން ނަމަވެސް އިންޑިއާ އަކީ މިހާރު ރާއްޖެއަށް ތިންވަނައަށް އެންމެ ގިނަ ޢަދަދަކަށް ފަތުރުވެރިން އަންނަ ޤައުމެވެ. އަހަރުގެ މިހާތަނަށް އިންޑިއާއިން ރާއްޖެއަށް ވަނީ 31433 ފަތުރުވެރިން އައިސްފައެވެ.

ރާއްޖެއިން ވަނީ މިއަހަރުތެރޭ 1.6 މިލިއަން ފަތުރުވެރިން ގެނައުމަށް އަމާޒް ހިފާފައެވެ. އަދި މި އަމާޒް ހާސިލްކުރުމަށްޓަކައި ރާއްޖޭގެ ފަތުރުވެރިކަން ދުނިޔެއަށް އިސްތިހާރުކޮށް ޕްރޮމޯޓުކުރުމަށްޓަކައި ސަރުކާރުންނާއި އަމިއްލަ ކުންފުންފުނިތަކުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.