މުނިފޫހިފިލުވުން

"ބަހޫބާލީ"އަށް ފަހު 5000 ކައިވެނި ހުށައެޅުން ޕްރަބާސަށް


"ބަހޫބާލީ" ގެ ތަރި ޕްރަބާސް އަކީ މިހާރު ހިންދީ ސިނަމާގައި ހުރި އެންމެ ރީތި އެއް ބެޗްލާކަމަށް ގިނަ ބަޔަކު ބުނެއެވެ. އޭނާގެ އެކްޓިން ހުނަރުގެ ވާހަކައިގެ އިތުރުން ޕްރަބާސްއާއި ބެހޭގޮތުން މިހާރު އެންމެ ގަދަޔަށް ދެއްކޭ އެއްވާހަކައަކީ އޭނާގެ ކައިވެނީގެ ވާހަކަތަކެވެ.

އަބަދުވެސް ވަރަށް ލޯ ޕްރޮފައިލްއެއްގައި މީހުންނަށް ފިލައިގެން އުޅޭ ޕްރަބާސް ވަނީ އޭނާގެ ކައިވެންޏާއި ބެހޭގޮތުން ދާދިފަހުން ވާހަކަ ދައްކާފައެވެ. އިއްޔެ ރިލީޒްކޮށްފައިވާ އޭނާގެ ފިލްމު "ރަދޭ ޝާމް" ގެ ޕްރޮމޯޝަނެއްގައި ޕްރަބާސް ބުނީ "ބަހޫބާލީ" ކުޅުނު ފަހުން އޭނާގެ ކައިވެންޏަށް އެދި 5000 ށް ވުރެ ގިނަ ހުށައެޅުން އައިކަމަށެވެ.

މަންމަ ވެސް އަބަދު އެދެނީ ކައިވެނި ކުރަންކަމަށާއި އެކަމަށް އެންމެ ރަގަޅު ވަގުތުގައި އެކަން ކުރާނެކަމަށްވެސް ޕްރަބާސް ބުނެއެވެ.

ތެލުގޫ އަދި ތަމަޅަ ފިލްމުތައް ކުޅޭ އެކްޓްރެސް އަނުޝްކާ ޝެޓީއާއި ޕްރްބާސް އާއި ދެމެދު އަބަދުވެސް ވަރަށް ގާތްގުޅުމެއް އޮވެއެވެ. "ބަހޫބާލީ" ގެ އިތުރުން އިތުރު 3 ފިލްމެއްގައި ޕްރަބާސް އާއިއެކު އަނުޝްކާ ވަނީ މަސައްކަތްވެސް ކޮށްފައެވެ. މިއާއިއެކު މި ދެމީހުން ލޯބީގެ ގުޅިގެން އުޅޭ ކަމުގެ ވާހަކަތައް ވަރަށް ގަދަޔަށް ދެކެވެއެވެ. ނަމަވެސް ގިނަ އެހެން ތަރިން ފަދައިން މި ދެމީހުންވެސް ބުނަނީ ދެމީހުންނަކީ ގާތް ދެ ރަހުމަތްތެރިންކަމަށެވެ.

ޕްރަބާސްގެ ކުރިއަށްހުރި ފިލްމުތަކުގެ ތެރޭގައި އަންނަ މަހު 14 ގައި ދައްކަން ހަމަޖެހިފައިވާ "ސަލާރު" އަދި އަންނަ އަހަރު ރިލީޒްކުރަން ތާވަލުކޮށްފައިވާ "ޕްރޮޖެކްޓް ކޭ" ހިމެނެއެވެ.