މުނިފޫހިފިލުވުން

ޓެޑްގެ ފޭނުންނަށް، "ލަސްވިޔަސް" މި ފެށީ


މުހައްމަދު ނިޔާޒު (ޓެޑްރީ) ގެ ފިލްމަތަކަށް އިންތިޒާރުކުރާ އެންމެންނަށް މިކަން ވާނީ ވަރަށް އުފާވެރި ހަބަރަކަށެވެ.

ކުޅަދާނަ ޑައިރެކްޓަރ 1994 ވަނަ އަހަރު ނެރުނު "ދެރިޔާ" އަށްފަހު އެތައް ބަޔަކު އަންނަނީ ޓެޑްރީގެ ފިލްމަކަށް އިންތިޒާރުކުރަމުންނެވެ. ދިވެހި ފިލްމީ އިންޑަސްޓްރީއަށް ބޮޑު އިންގިލާބީ ބަދަލެއް ގެނުވި އަދި އެތައް ރެކޯޑްތަކެއް މުގުރާލި މި ފިލްމަށްފަހު ޓެޑްގެ "އަމާނާތް" ވެސް އާއްމުންނާއި ހަމައަށް އައެވެ. އެތައް ބަޔަކަށް ކަމުދިޔަ މި ފިލްމަކީ ޓެޑް ޕްރޮޑިއުސްކުރި ފިލްމެކެވެ.

23 އަހަރަށްފަހު ޓެޑްރީ އިއުލާންކުރި އެނާގެ އައު ފިލްމު "ލަސްވިޔަސް" ޝޫޓިންތައް އިއްޔެ މިވަނީ ފަށާފައެވެ. ފިލްމުގެ ފުރަތަމަ ޝޫޓިންގެ މަންޒަރެއް ދައްކާލަމުން ޓެޑް ބުނެފައިވަނީ ކާމިޔާބު ފެށުމެއްކަމަށް އުއްމީދުކުރާކަމަށެވެ.

ޓެޑްވަނީ އެނާގެ "ލަސްވިޔަސް" ގެ ޓީޒަރ 2017 ވަނަ އަހަރު ދައްކާލާފައެވެ. ޓިޒާ ފެށިގެން އަންނަނީ ދިވެހިންގެ މެދުގައި ވަރަށް މަގްބޫލު ލަވައެއްގެ ކަޑިއަކުން ސުވާލެއް އުފައްދަމުންނެވެ. ސުވާލަކީ " ކައިވެނީގެ އަމާޒުކަމުގައި ވާ ހަގީގަތަކީ ކޮބާ؟" ހެއްޔެވެ.

ޓިޒާގައި ހަމައެކަނި ފެންނަނީ ގޮނޑިއެއްގައި އިންނަ ކުއްޖަކެވެ. ބަލާބެލުމަށް ބަލިކަމަށް ފެންނަ މި ކުއްޖާއަކީ ފިލްމީ ދައިރާއަށް އަލަށް ތައާރަފުވާ ޒޯޔާ ހަސަން އިބްރާހިމްއެވެ. މީ މަޝްހޫރު ފިލްމީ ތަރި ނިއުމާ މުހައްމަދު ދަރިފުޅެވެ.

މި ފިލްމުގައި ދެން ހިމެނެނޭ ކާސްޓުންވެސް ވަނީ އޭގެ ފަހުން ދައްކާލާފައެވެ. ފިލްމުގެ ލީޑް ފިރިހެން ކާސްޓަކީ ފަހުގެ ފިލްމަތަކުން މޮޅު އެކްޓިންއެއް ދައްކަމުން އަންނަ އަހްމަދު އިސާ (އާނަންދު) އެވެ. އަންހެން ލީޑް ކާސްޓަކީ ޕްރެޒެންޓަރެއްގެ ގޮތުގައި ފެނިގެންދިޔަ މަރިޔަމް ޝިފާއެވެ.

"ލަސްވިޔަސް " އަކި ޓެޑްރީގެ އަމިއްލަ ވާހަކައަކަށް އޭނާ ޕްރޮޑިއުސްކޮށް ޑައިރެކްޓް ކުރާ ފިލްމެކެވެ. ފިލްމުގެ މިއުޒިކް ހަދާފައިވަނީ މުހައްމަދު އިކްރާމްއެވެ.

މި ވާހަކަތައް ނޫން އެއްވެސް އިތުރު ވާހަކައެއް މި ފިލްމަކާއި ގުޅޭގޮތުން އަދި ނެތެވެ. އަދި ފިލްމު ސިނަމާތަކަށް އަންނާނެ ތާރީހެއްވެސް އަދި ނޭނގެއެވެ. އެހެންނަމަވެސް ޔަޤީންވާ އެއްކަމަކީ ޓެޑްރީގެ ފޭނުންނަށް އެނާ އާދައިގެ ފިލްމެއް ދޫކޮށްނުލާކަމެވެ.