އުތުރު ކޮރެޔާއިން މިހާތަނަށް އުފައްދާފައިވާ އެންމެ ވަރުގަދަ އިންޓަ ކޮންޓިނެންޓަލް ބެލިސްޓިކް މިސައިލު، އައިސީބީއެމުގެ ނިޒާމެއް ދާދިފަހުން ތަޖުރިބާކޮށްފައިވާކަމަށް އެމެރިކާއިން ބުނެފިއެވެ.
އެއް ބަރުން އަނެއް ބައްރަށް ޙަމަލާދިނުމުގެ ޤާބިލުކަން ލިބިފައިވާ އައިސީބީއެމާއި ނިޔުކްލިޔަރ މިސައިލު އުފެއްދުން 2017ވަނަ އަހަރުގެ ތެރޭގައި އުތުރު ކޮރެޔާއިންވަނީ ހުއްޓާ؛ލައިފައެވެ. އުތުރު ކޮރެޔާއިން އައިސީބީއެމު އުފެއްދުމުގެ މަޝްރޫޢު އަލުން ފެށުމުން ސީދާ އެމެރިކާއަށް ޙަމަލާދިނުމުގެ ޤާބިލުކަން އެ ޤައުމުން އިތުރަށް ހަރުދަނާކުރާނެކަމަށް ބެލެވެއެވެ.
ވަރުގަދަ އައިސީބީއެމުގެ ނިޒާމެއް އުތުރު ކޮރެޔާއިން ތަޖުރިބާކޮށްފައިވަނީ ވާދަވެރި ދެކުނު ކޮރެޔާގެ ރިޔާސީ އިންތިޚާބު މެދުމިނުގެ ސިޔާސަތުތަކެއް ގެންގުޅުއްވައި ޔޫން ސުކް ޔޯލް ކާމިޔާބުކުރައްވާފައިވަނިކޮށެވެ. އުތުރު ކޮރެޔާއިން ކޮންމެފަދަ ވަޤުތެއްގައިވެސް ދެކުނު ކޮރެޔާއަށް ޙަމަލާދީފައިވާނެކަމަށާއި އެމެރިކާއިން އުފައްދާފައިވާ ތާޑު މިސައިލުން ދިފާޢުވާ ނިޒާމު ގަންނަން ދެކުނު ކޮރެޔާއިން މަސައްކަތްކުރާނެކަމަށް އޭނާވަނީ ވިދާޅުވެފައެވެ.
2022ވަނަ އަހަރުގެ ފުރަތަމަ ދެ މަސްދުވަހުގެ ތެރޭގައި އުތުރު ކޮރެޔާއިންވަނީ ގިނަ ޢަދަދެއްގެ ޒަމާނީ ހަތިޔާރު ތަޖުރިބާކޮށްފައެވެ. އޭގެ ތެރޭގައި އައިސީބީއެމުގެ އިތުރުން ކުރު އަދި މެދު ރާސްތާއަށް ދަތުރުކުރާ މިސައިލާއި އަޑަށްވުރެ ބާރަށް ދަތުރުކުރާ ހައިޕަސޯނިކް މިސައިލު ހިމެނެއެވެ. އޭގެ އިތުރުން ޖާސޫސީ ސެޓަލައިޓު ބޭނުންކޮށްގެން އެމެރިކާއާއި އެ ޤައުމުގެ ބައިވެރިންގެ އަސްކަރީ ޙަރަކާތްތަކަށް ފާރަވެރިވާނެކަމަށްވެސް އުތުރު ކޮރެޔާއިންވަނީ ބުނެފައެވެ.