ޚަބަރު

ސަރަޙައްދީ އިންތިޚާބުގައި ބީޖޭޕީއަށް ބޮޑު ކާމިޔާބެއް


އިންޑިޔާގެ ސުޓޭޓުތަކުގެ ޤާނޫނުހަދާ މަޖިލީހުގެ އިންތިޚާބުގައި އެ ޤައުމުގެ ވެރިކަންކުރާ ބީޖޭޕީން ބޮޑު ކާމިޔާބެއް ހޯދައިފިއެވެ.

2024ވަނަ އަހަރުގެ ތެރޭގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންޑިޔާގެ ޢާއްމު އިންތިޚާބުގެ ކުރިން ބޭއްވި ސަރަޙައްދީ އެންމެ ބޮޑު އިންތިޚާބުގައި ބީޖޭޕީންވަނީ އެ ޤައުމުގެ އެންމެ އާބާދީ ބޮޑު އުއްތަރު ޕުރަދޭޝުގެ ޤާނޫނުހަދާ މަޖިލީހުގެ އަޣްލަބިއްޔަތު ހޯދައިފައެވެ. ވަޤުތީ ނަތީޖާތަކުން ދައްކާ ގޮތުގައި ބީޖޭޕީންވަނީ އުއްތަރު ޕުރަދޭޝުގެ ޤާނޫނުހަދާ މަޖިލީހުގެ 403 ގޮނޑީގެ ތެރެއިން 255 ގޮނޑި ހޯދައިފައެވެ. އުއްތަރު ޕުރަދޭޝަކީ ކުރިންވެސް ބީޖޭޕީއަށް ތާޢީދު ބޮޑު ސަރަޙައްދެކެވެ.

ބީޖޭޕީން ހޯދި ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ޙަފުލާއެއްގައި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބައިވެރިވެވަޑައިގެން ދެއްވި ތަޤުރީރެއްގައި ވިދާޅުވީ 2019ގެ ޢާއްމު އިންތިޚާބު އެ ޕާޓީން ކާމިޔާބުކުރުމަށް 2017ވަނަ އަހަރުގެ ސުޓޭޓުތަކުގެ އިންތިޚާބު ބޮޑު ދަޢުރެއް އަދާކުރިކަމަށެވެ. އެ ގޮތުން އިންޑިޔާގެ ޢާއްމު އިންތިޚާބު ކާމިޔާބުކުރުމަށް ބޭނުންވާ މުޙިއްމު ފަސް ސުޓޭޓެއްގެ އަޣްލަބިއްޔަތު 2017ވަނަ އަހަރުގެ ސުޓޭޓުތަކުގެ އިންތިޚާބުގައި ބީޖޭޕީން ހޯދިކަމަށް މޯދީ ފާހަގަކުރެއްވިއެވެ. އެހެންކަމުން 2024ވަނަ އަހަރު ބާއްވައި ޢާއްމު އިންތިޚާބު ކާމިޔާބުކުރެވޭނެކަމުގެ ބޮޑު އުއްމީދެއް ބީޖޭޕީއަށް ލިބިފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އިންޑިޔާގެ އާބާދީގެ ފަސްބައިކުޅަ އެއްބައި ދިރިއުޅޭ އުއްތަރު ޕުރަދޭޝުގެ ޤާނޫނުހަދާ މަޖިލީހުގެ އަޣްލަބިއްޔަތުގެ އިތުރުން އުއްތަރުކަންދާއި މަނިޕޫރާއި ގޯއާގެ އަޣްލަބިއްޔަތުވެސް ހޯދާފައިވަނީ ބީޖޭޕީންނެވެ. ނަމަވެސް ޕަންޖާބުގެ އަޣްލަބިއްޔަތު ހޯދާފައިވަނީ އިންޑިޔާގެ ކުޑަ ޕާޓީއެއްކަމަށްވާ އޭއޭޕީންނެވެ. ފާއިތުވި މަސްދުވަހުގެ ތެރޭގައި އެ ޕާޓީންވަނީ އިންޑިޔާގެ ހަތަރު ކުޑަ ސުޓޭޓެއްގެ އަޣްލަބިއްޔަތުވެސް ހޯދައިފައެވެ. އަދި އިންޑިޔާގެ ވެރިކަންކުރާ ދިއްލީގެ އަޣްލަބިއްޔަތުވެސް އޮތީ އޭއޭޕީއަށެވެ. އެހެންކަމުން 2024ވަނަ އަހަރުގެ ޢާއްމު އިންތިޚާބުގައި ބީޖޭޕީއާ އެންމެ ބޮޑަށް ވާދަކުރާނީ އިދިކޮޅު ކޮންގުރެސް ޕާޓީގެ ބަދަލުގައި އޭއޭޕީކަމަށް ބެލެވެއެވެ.