ޚަބަރު

ހަނގުރާމައަށް ގޮސް ޙާލުގައި ޖެހުނު ދިވެހި ޢާއިލާއެއް ރާއްޖެ ގެނެސްފި


ރާއްޖެއިން ބޭރުގައި ހިނގަމުންދާ ހަނގުރާމަތަކުގެ ތެރެއިން ހަނގުރާމައެއްގައި ބައިވެރިވުމަށް ފިލައިގެން ދިއުމަށްފަހު ޙާލުގައި ޖެހިފައިވާ ދިވެހި އާއިލާއެއް މިއަދު ރާއްޖެ ގެނެސްފިއެވެ.

މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ހާމަކުރެއްވިގޮތުގައި މިއަދު މާލެ ގެނައި ޢާއިލާގައި ހިމެނެނީ ދިވެހި އަންހެނަކާއި އޭނާގެ 18 އަހަރު ނުފުރޭ 4 ދަރިންނެވެ.

ހޯމް މިނިސްޓްރީން ވިދާޅުވީ މީގެ އަހަރުތަކެއް ކުރިން ރާއްޖެއިން ބޭރުގެ ހަނގުރާމަވެރި ސަރަޙައްދުތަކަށް ދަތުރުކޮށްފައިވާ ދިވެހި ފިރިހެނުންނާއެކު ދަތުރުކުރި އެމީހުންގެ އަނބިންނާއި އެފަދަ އާއިލާތަކަށް ނިސްބަތްވާ ކުޑަކުދިން، ހަނގުރާމާގައި ހާލުގައި ޖެހިފައިވާ މީހުން ބަލަހައްޓާ ކޭމްޕުތަކާއި އެފަދަ އެހެންތަންތަނުގައި ހާލުގައި ޖެހި ފުރާނަޔަށް ނުރައްކާވާ ޙާލަތަށް ގޮސްފައިވާ ކަމުގެ ޝަކުވާ ދިވެހި ސަރުކާރަށް ލިބިފައިވާކަމަށެވެ. އެފަދަ މީހުން ނިސްބަތްވާ އާއިލާތަކުގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ އަރިހަށާއި ސަރުކާރުގެ ކަމާގުޅުންހުރި ތަފާތު އިދާރާތަކަށް އެފަދަ ޝަކުވާ ކުރަމުންދާކަމަށް އެމިނިސްޓްރީން ވިދާޅުވެއެވެ. މިފަދަ މައްސަލަތަކަށް އެކަށީގެންވާ ޙައްލެއް ހޯދުމަކީ ސަރުކާރުގެ ރިޔާސީ ވަޢުދަކަށް ވާތީ ވޭތުވެދިޔަ ދުވަސްތަކުގައި މި މައްސަލަ ޙައްލުކުރުމަށް ސަރުކާރުން މުހިންމު ގިނަ މަސައްކަތްތަކެއް ކޮށްފައިވާނެކަމަށްވެސް ހޯމްމިނިސްޓްރީން ވިދާޅުވެއެވެ.

މިއަދު ރާއްޖެ ގެނައި ޢާއިލާގެ އިތުރު އެއްވެސް ތަފްސީލެއް ސަރުކާރުން ނުދެއްވައެވެ. ހޯމް މިނިސްޓްރީން ވިދާޅުވީ ކުޑަކުދިންނާއި އަނިޔާއަށް ހުށަހެޅިފައިވާ އަންހެނުންނަކީ ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ދިވެހިރާއްޖެ ބައިވެރިވާ ބައިނަލްއަޤުވާމީ މުޢާހަދާތަކުން ޚާއްސަ ސަލާމަތާއި ރައްކާތެރިކަން ދީފައިވާ ބަޔެއްކަމަށެވެ. އެހެންކަމުން، އެފަދަ ފަރާތްތަކުގެ އައިޑެންޓިޓީ ހާމަކޮށް ޒާތީމައުލޫމާތު އާންމުކޮށް ފެތުރުމަކީ އެފަދަ ފަރާތްތަކުގެ އިންސާނީ ކަރާމަތަށް އުނިކަންލިބޭ، ޤާނޫނީގޮތުން މަނާކަމެއްކަން އެމިނިސްޓްރީން ފާހަގަކުރައްވައެވެ.

މިފަދަ ޢާއިލާތައް ރާއްޖެގެނައުމުގައި ސަރުކާރުން އެންމެ ބޮޑު އިސްކަމެއްދެނީ ދިވެހިރާއްޖޭގެ ދާޚިލީސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ދިވެހިރައްޔިތުންގެ އަސާސީ އިންސާނީ ޙައްޤުތައް ކަށަވަރުކުރުމަށްކަމަށްވެސް ހޯމް މިނިސްޓްރީން ވިދާޅުވެއެވެ. އެކިސަބަބުތަކާހުރެ މުޖުތަމަޢުން ހަވާސާވެފައިވާ ފަރާތްތައް ޤާނޫނުތަކާއި ބައިނަލްއަޤުވާމީ މިންގަނޑުތަކާ އެއްގޮތްވާގޮތުގެ މަތިން، އިސްލާހުކޮށް ޒިންމާދާރު ރައްޔިތުންގެ ގޮތުގައި އަނބުރާ މުޖުތަމަޢަށް ގެނައުމަކީ ސަރުކާރުގެ އަމާޒެއްކަމަށް ހޯމް މިނިސްޓްރީން ވިދާޅުވެއެވެ.