ޔޫކްރެއިނަށް ޙަމަލާދޭން ފެށުމުން ރަޝިޔާއާ ދެކޮޅަށް ހަރުކަށި އިޤްތިޞާދީ ދަތިކުރުމުގެ ފިޔަވަޅުތަކެއް އެޅި ނަމަވެސް އެ ޤައުމު އޮތީ ވަރުގަދަކޮށްކަމަށާއި އެފަދަ ފިޔަވަޅުތަކުން އެންމެ ބޮޑު ގެއްލުމެއް ލިބޭނީ ހުޅަނގުގެ ބާރުތަކަށްކަމަށް ރަޝިޔާގެ ރައީސް ވުލަޑުމީރް ޕުޓިން ވިދާޅުވެއްޖެއެވެ.
ރަޝިޔާގެ ސަރުކާރުގެ އިސްވެރިންނާއެކު ބޭއްވެވި ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޕުޓިން ވިދާޅުވީ ހަނގުރާމައަށްފަހު އެ ޤައުމު ނުކުންނާނީ ކުރިއަށްވުރެވެސް ވަރުގަދަކޮށްކަމަށާއި އެ ޤައުމާ ދެކޮޅަށް އަޅަމުންދާ ދަތިކުރުމުގެ ފިޔަވަޅުތަކާ ޔޫކްރެއިނުގައި ކުރަމުންދާ ހަނގުރާމައާ ގުޅުމެއް ނެތްކަމަށެވެ. އެ ގޮތުން ޔޫކްރެއިނަށް ޙަމަލާ ނުދިން ނަމަވެސް ހުޅަނގުގެ ބާރުތަކުން ރަޝިޔާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަން ފާހަގަކުރައްވަމުން ޕުޓިން ވިދާޅުވީ އެފަދަ ފިޔަވަޅުތަކާ ކުރިމަތިލުމުގެ ޤާބިލުކަން ރަޝިޔާއަށް އެބައޮތްކަމަށެވެ. އަދި އެފަދަ ފިޔަވަޅުތައް އަޅައި ވަޤުތު އުނދަގޫތަކަކާ ކުރިމަތިލާން ޖެހުނު ނަމަވެސް މީގެ ކުރިއެކޭ އެއްގޮތަށް އެ ފިޔަވަޅުތަކުން އަރައިގަނެވޭނެކަމަށާއި ވިލާތުގައި ކާބޯތަކެއްޗާއި ތެލުގެ އަގު ބޮޑުވުމުން އެންމެ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހޭނީ ހުޅަނގުގެ ބާރުތަކަށްކަމަށް އޭނާ ވިދާޅުވިއެވެ.
ވިލާތުގެ ޤައުމުތަކަށް ބޭނުންވާ ގޭހުގެ %40 ފޯރުކޮށްދެނީ ރަޝިޔާއިންނެވެ. އެ ގޮތުން ރަޝިޔާއިން ވިއްކާ ގޭހުގެ %36 ގަންނަނީ ފަރަންސޭސިވިލާތާއި ޖަރުމަންވިލާތާއި އިޓަލީވިލާތުންނެވެ. އަދި ވިލާތުގެ ޤައުމުތައްކަމަށްވާ ފިންލޭންޑާއި އެސްތޯނިޔާއާއި މޮލްޑޯވާއާއި ނޯތު މެސަދޯނިޔާއާއި ބަލްގޭރިޔާއިން ރަޝިޔާ ނޫން ޤައުމަކުން ގޭހެއް ނުހޯދައެވެ. އެހެންކަމުން ވިލާތުގެ ޤައުމުތަކަށް ގޭސް ވިއްކައިގެން ދުވާލެއްގެ މައްޗަށް 700 މިލިޔަން އެމެރިކާ ޑޮލަރުގެ އާމުދަނީއެއް ރަޝިޔާއަށް ލިބެއެވެ. އަދި ރަޝިޔާ ނޫން ޤައުމަކުން ފަސޭހަކަމާއެކު ގޭސް ހޯދޭނެ ގޮތެއް ވިލާތުގެ ޤައުމުތަކަކަށް ނެތެވެ.
ތެލާއި ގޭހުގެ އިތުރުން ދުނިޔޭގެ ދަނޑުވެރިކަމުގެ ސިނާޢަތުގައި ބޭނުންކުރާ ގަސްކާނާގެ އެންމެ ބޮޑު ނިޞްބަތެއް ފޯރުކޯށްދެނީ ރަޝިޔާއިންނެވެ. އަދި ދުނިޔޭގެ ބާޒަރަށް ނެރޭ ގޮދަނުގެ ބާވަތްތަކުގެ %25 ފޯރުކޮށްދެނީ ރަޝިޔާއާއި ޔޫކްރެއިނުންނެވެ. އެހެންކަމުން ރަޝިޔާއަށް އަޅައި ދަތިކުރުމުގެ ފިޔަވަޅުތަކުގެ އަސަރު މުޅި ދުނިޔެއަށް ކުރާނެއެވެ.