ކުޅިވަރު

ޗެލްސީ ވިއްކާލުމުގެ މަސައްކަތަކަށް ހުއްޓުމެއް


އިންގްލިޝް ޕްރިމިއަރ ލީގުގެ ޗެލްސީގެ ވެރިޔާ ރަޝިޔާގެ މަހުޖަނު ރޯމަން އަބްރަމޮވިޗް އާއި ދެކޮޅަށް އިނގިރޭސިވިލާތުގެ ސަރުކާރުން އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އެކްލަބް ވިއްކާލުމަށް އޭނާ ކުރަމުންދިޔަ މަސައްކަތް މެދުކަނޑާލަން ޖެހިއްޖެއެވެ. އަދި މީގެއިތުރުން ކްލަބުގެ މުސްތަގްބަލާމެދު މިހާރުވަނީ ސުވާލު އުފެދިފައެވެ.

އިނގިރޭސިވިލާތުގެ ސަރުކާރުން އަބްރަމޮވިޗްއާއި ދެކޮޅަށް ފިޔަވަޅު އަޅާފައިވަނީ ރަޝިޔާއިން ޔޫކްރެއިންއަށް އަރާ މިހާރު ހިންގަމުންދާ އުދުވާންތަކާއި ގުޅިގެންނެވެ. ބުނެވޭގޮތުގައި އަބްރަމޮވިޗަކީ ރަޝިޔާގެ ރައީސް ވްލަޑްމިއަރ ޕޫޓިންގއާއި ގާތް ގުޅުމެއް އޮންނަ ބޭފުޅެކެވެ. ނަމަވެސް އަބްރަމޮވިޗް އަބަދުވެސް އަންނަނީ މިކަން ދޮގުކުރަމުންނެވެ. އަބްރަމޮވިޗް ޗެލްސީ ވިއްކާލަން ނިންމީ ރަޝިޔާ އާއި ޔޫކްރެއިންގެ ހަމަނުޖެހުންތަކުގެ ތެރޭގައި އޭނާ އާއި ދެކޮޅަށް ފިޔަވަލު އަޅާފާނެކަމުގެ އިންޒާރު ލިބެން ފެށުމާއެކުގައެވެ. އަދި ޗެލްސީ ވިއްކާލުމުގެ މަސައްކަތް އެމެރިކާގެ އިންވެސްޓްމަންޓް ފަރމެއް ކަމުގައިވާ ރެއިން ގްރޫޕް އާއި ހަވާލުކޮށްގެން އެކަންދިޔައީ ކުރިއަށެވެ. މިގޮތުން 20 ވަރަކަށް ފަރާތުން ޗެލްސީ ގަތުމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވާކަމަށް މަޢުލޫމާތުލިބެއެވެ. ނަމަވެސް އިނގިރޭސި ސަރުކާރުގެ މިފިޔަވަލުތަކާއި ގުޅިގެން ދެން ވާންޖެހޭ ގޮތެއްގެ ސުވާލު އުފެދުމާއެކު ރެއިން ގްރޫޕުން ކުރަމުންދިޔަ މަސައްކަތްވެސް މިހާރުވަނީ މެދުކަނޑާލާފައެވެ.

އިނގިރޭސި ސަރުކާރުގެ މިފިޔަވަޅުގެ ސަބަބުން އަބްރަމޮވިޗްގެ ހުރިހާ މުދަލެއް މިހާރުވަނީ ހިފެހެއްޓިފައެވެ. އަދި ޗެލްސިއަކި އޭނާގެ ކްލަބެއް ކަމުން އެކްލަބްގެ މާލީ ހުރިހާ ހަރަކާތްތަކެއްވެސް ހުއްޓާލަން ސަރުކާރުންވަނީ އަންގާފައެވެ. ސަރުކާރުގެ މިނިންމުމުގެ އެންމެ ބޮޑު ބޭނުމަކަށް ވެފައިވަނީ އަބްރަމޮވިޗަށް ޗެލްސީ މެދުވެރިކޮށްވެސް އެއްވެސް މާލީ ފައިދާއެއް ލިބުނަ ނުދިނުމެވެ. މިއާއެކު އިނގިރޭސި ސަރުކާރުން މިހާރުވަނީ ޗެލސީގެ ދުވަހުން ދުވަހުގެ ކަންތައްތައް ކުރިއަށް ގެންދިއުމަށް ހާއްސަ ލައިސަންސެއް ދީފައެވެ. މިގޮތުން ޗެލްސީ ކުޅެންޖެހޭ ހުރިހާ މެޗެއް މިހާރުވެސް ރޭވިފައިވާގޮތަށް ކުރިއަށް ގެންދިއުމުގެ ހުއްދަވަނީ ދީފައެވެ. ހުރިހާ މުވައްޒަފުންނަށް މުސާރަ ދިނުމާއި މިހާރު ޓިކެޓް ގަނެފައިވާ ހުރިހާ ފަރާތްތަކަށް މެޗް ބަލަން ވަނުމުގެ ހުއްދަވެސް ވަނީ ދީފައެވެ. ޗެލްސީއިން ބުނީ ސަރުކާރުން ދީފައިވާ ޚާއްސަ ލައިސަންސްގެ ދަށުން ކްލަބްގެ ކަންތައްތައް ވީހާވެސް އޮމާންކޮށް ގެންދެވޭނެ ގޮތްތަކެއް ހޯދުމަށްޓަކައި ސަރުކާރާއެކު މަޝްވަރާ ކުރާނެކަމަށެވެ.

އަބްރަމޮވިޗާއި ދެކޮޅަށް އެޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ޗެލްސީއަށް ގިނަ ކަންތައްތަކެއްގައި މައްސަލަ ދިމާވާނެކަމަށް ވަނީ ބެލެވިފައެވެ. މިގޮތުން ޗެލްސީ ކުޅޭ މެޗުތަކުގެ ޓިކެޓް ވިއްކުން ވަނީ ފިޔަވަޅު އެޅުމާއެކު ހުއްޓާލަން ޖެހިފައެވެ. އެހެންކަމުން މިހާރު ޓިކެޓް ވިއްކާފައިވާ ފަރާތްތައް ފިޔަވައި އެހެން ބަޔަކަށް ޓިކެޓް ވިއްކުމުގެ ހުއްދަ އެއް ޗެލްސީއަކަށް ނެތެވެ. ހަމައެއާއެކު އެކްލަބުން އެއްވެސް ކުޅުންތެރިއެއް ގަނެ އަދި ވިއްކުމުގެ ފުރުސަތުވެސް ނޯންނާނެއެވެ. އަދި މިހާރު ކޮންޓްރެކްޓްގައި ތިބި ކުޅުންތެރިންނަށް އާކޮންޓްރެކްޓެއް ހުށަހެޅުމުގެ ފުރުސަތުވެސް ނޯންނާނެއެވެ. ނަމަވެސް މިހާރު ލޯން އެއްބަސްވުމުގެ ދަށުންއެހެން ކްލަބްތަކުގައި ކުޅެމުންދާ ކުޅުންތެރިންނަށް އެކްލަބްތަކަށް ކުޅުމުގެ ފުރުސަތު އެބައޮތެވެ. ސަރުކާރުގެ މިނިންމުމާއެކު ޗެލްސީގެ ޖަރޒީ ސްޕޮންސަރ ކޮށްފައިވާ ޓެލެކޮމިއުނިކޭޝަން ކުންފުނި ކަމަށްވާ ތްރީ އިން މިހާރުވަނީ އެކުންފުނީގެ ސްޕޮންސަރ ވަގުތީ ގޮތުން މެދު ކަނޑާލަން އެކްލަބްގައި އެދިފައެވެ. މިގޮތުން ވަކިގޮތަކަށް އަންގަންދެން ކްލަބްގެ ޖަރޒީ އާއި ސްޓޭޑިއަމްގައި ޖަހާފައިވާ އެކުންފުނީގެ ބްރޭންޑް ނެގުމަށް ވަނީ އަންގާފައެވެ. އެކުންފުނިން ބުނީ މިކަމުގެ ސަބަބުން ކްލަބަށް ދިމާވާނެ ދަތިތައް އެނގޭކަމަށާއި ނަމަވެސް ސަރުކާރުން ފިޔަވަޅު އަޅާފައިވާ މިދަނޑިވަޅުގައި މިއީ ކުރުން އެންމެ ރަނގަޅު ކަންތައްކަމުގައި އެކުންފުނިން ބުނެއެވެ. މީގެއިތުރުން ލަންޑަންގައި ހުންނަ ޗެލްސީގެ ފިހާރަވެސް މިހާރުވަނީ ބަންދުކޮށްފައެވެ.

މައުލޫމާތު ލިބޭގޮތުގައި އިނގިރޭސި ސަރުކާރުން އޮތީ މިހާރު ދީފައިވާ ޚާއްސަ ލައިސަންސަށް އިތުރު ބަދަލު ގެނެސްދިނުމުގެ ހިޔާލަށް ފުރުސަތު ދޭގޮތަށެވެ. މީގެތެރޭގައި ކްލަބް ވިއްކާލުމުގެ ބައިވެސް ހިމެނޭކަމަށް ހަބަރުލިބެއެވެ. ނަމަވެސް އިނގިރޭސި ސަރުކާރުން އެކަމަށް އެއްބަސްވާން އޮތީ ކްލަބް ވިއްކާލައިގެން ލިބޭ ފައިސާގެ އެއްވެސް ވަރެއް އަބްރަމޮވިޗަށް ނުލިބޭގޮތަށް ހަމަޖައްސާނަމައެވެ. އަބްރަމޮވިޗް ކުރިން ބުނީ ޗެލްސީ ވިއްކާލައިގެން ލިބޭ ފައިސާ ހަދިޔާ ކުރާނީ ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަރާތްކަށް އެހީތެރިވުމަށެވެ. ކަލްޗަރ ސެކްރެޓަރީ ނަޑީން ޑޯރީސް ހާމަކުރެއްވިގޮތުގައި ސަރުކާރުން އޮތީ ކްލަބްގެ ކަންތައްތައް ހިމާޔަތް ކޮށްދިނުމަށް ފުރިހަމައަށް ތައްޔާރަށެވެ. އަދި ކްލަބްތަކަކީ އިނގިރޭސި ސަގާފީ ތަރިކަ ތަކެއް ކަމަށާއި އަދި އާންމު ރައްޔިތުންގެ ދިރުއުޅުމާއި ގުޅިފައިވާ ކަމެއްކަމަށެވެ. އަދި މިވަގުތު ޗެލްސީއަށް ދަތިތަކެއް ހުރިކަން ގަބޫލްފުޅު ކުރައްވާކަމަށާއި ނަމަވެސް އެކަންކަމަށް ވިހާވެސް ރަނގަޅު ހައްލުތަކެއް ހޯދޭތޯ ސަރުކާރުން ޕްރިމިއަރ ލީގާއި ފުޓްބޯޅަ އެސޯސިއޭޝަނާއެކު މަޝްވަރާ ކުރައްވާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެހެންކަމުން މިވަގުތު ޗެލްސީއަށް ދަތިތަކެއް ކުރިމަތިވީ ނަމަވެސް މިކަންތައްތަކަށް އަވަސް ހައްލުތަކެއް އައިސް ކްލަބް އަލުން އާންމު އުސޫލަށް ރުޖޫއަވެވޭނެއެވެ.