ދާޢިމީ ޞުލްޙައެއް ޤާއިމުކުރުމަށް ޝަރުތުތަކަކާއެކު ޔޫކްރެއިނުގެ ރައީސް ވޮލޮދީމީރް ޒެލެންސްކީއާ ބައްދަލުކުރައްވަން ރަޝިޔާގެ ރައީސް ވުލަޑުމީރް ޕުޓިން ހުންނެވީ ތައްޔާރަށްކަމަށް އެ ޤައުމުން ބުނެފިއެވެ.
ތުރުކީވިލާތުގެ އަނަތާލިޔާގައި ޔޫކްރެއިނުގެ ޚާރިޖީ ވަޒީރު ދިމީތުރޯ ކުލެބާއާ ކުރެއްވި މަޝްވަރާތަކުގައި ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގައި ލަވުރޯފް ވިދާޅުވީ ޒެލެންސްކީއާ ބައްދަލުކުރައްވަން ޕުޓިން ހުންނެވީ ތައްޔާރަށްކަމަށާއި އެފަދަ ބައްދަލުވުމެއް ބާއްވަންވާނީ ދުރާލައި ތައްޔާރުވެގެންކަމަށެވެ. އަދި އެ ބައްދަލުވުން ވެގެންވާނީ ތާކުންތާކު ނުޖެހޭ ބައްދަލުވުމަކަށް ނޫންކަމަށާއި އެފަދަ ބައްދަލުވުމަކުން އުފެދިފައިވާ މައްސަލަތަކަށް އެދެވޭ ޙައްލެއް ހޯދެން ޖެހޭނެކަމަށް އޭނާ ވިދާޅުވިއެވެ.
ތުރުކީވިލާތުން މެދުވެރިއެއްގެ ދަޢުރު އަދާކޮށްގެން ކުލެބާއާ ކުރެއްވި މަޝްވަރާތަކުގައި ލަވުރޯފްވަނީ ހަނގުރާމަ ހުއްޓާލައި ޞުލްޙަ ޤާއިމުކުރުމަށް ރަޝިޔާއިން އެއްބަސްވާނެ ޝަރުތުތައް ހާމަކުރައްވައިފައެވެ. އަދި ކުލެބާއާ ކުރެއްވީ އުނދަގޫ މަޝްވަރާތަކެއްކަމަށާއި ރަޝިޔާއިން އޮތީ ޔޫކްރެއިނުން ދޭނެ ޖަވާބެއްގެ އިންތިޒާރެއްގައިކަމަށް ލަވުރޯފް ވިދާޅުވިއެވެ.
ޔޫކްރެއިނުގެ މައްސަލައަށް ޞުލްޙަވެރި ޙައްލެއް ގެނައުމަށް މީގެ ކުރިން ތިން ފަހަރެއްގެ މަތިން މަޝްވަރާ ބައްދަލުވުންތަކެއް ބޭއްވި ނަމަވެސް އެއްވެސް ކުރިއެރުމެއް ލިބިފައެއް ނުވެއެވެ. އެ ބައްދަލުވުންތަކުގައި ރަޝިޔާއިން އެދިފައިވަނީ ހުޅަނގުގެ އަސްކަރީ އިއްތިޙާދު، ނޭޓޯގެ މެންބަރުކަން ދުވަހަކުވެސް ނުހޯދާނެކަމަށް ޔޫކްރެއިނުގެ ޤާނޫނުއަސާސީގައި ހިމެނުމަށާއި 2014ވަނަ އަހަރުގެ ތެރޭގައި ރަޝިޔާގެ ބާރުގެ ދަށަށް ގެންގޮސްފައިވާ ޔޫކްރެއިނުގެ ކުރިމިޔާގެ މިލްކުވެރިކަމަށް ދަޢުވާ ނުކުރުމަށާއި އަމިއްލައަށް މިނިވަންކަން އިޢުލާންކޮށްފައިވާ ޔޫކްރެއިނުގެ އިރުމަތީގައި އޮންނަ ދޮންބާސްގެ ދެ ދަޢުލަތް ބަލައިގަތުމަށެވެ. އަދި އެ ޝަރުތުތަކަށް އެއްބަސްވެއްޖެނަމަ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ޔޫކްރެއިނަށް ދެމުންދާ ޙަމަލާތައް ރަޝިޔާއިން ހުއްޓާލާނެކަމުގެ ޔަޤީންކަން އެ ޤައުމުންވަނީ ދީފައެވެ. ނަމަވެސް ޔޫކްރެއިނުންވަނީ އެ ޝަރުރުތައް ބަލައިގަތުމަށް ދެކޮޅުހަދައިފައެވެ.
ހަނގުރާމަ ހުއްޓާލައި ދާޢީމީ ޞުލްޙައެއް ޤާއިމުކުރުމަށް ޕުޓިންނާ މަޝްވަރާކުރެއްވުމަށް ތައްޔާރަށް ހުންނެވިކަމަށް ޒެލެންސްކީވަނީ މީގެ ކުރިން ވިދާޅުވެފައެވެ. ޒެލެންސްކީ ވިދާޅުވެފައިވަނީ އަވަށްޓެރިންގެ ގޮތުގައި ރަޝިޔާއާއި ޔޫކްރެއިނުން މަޝްވަރާކުރަން ޖެހޭކަމަށެވެ. އަދި ފަރަންސޭސިވިލާތާއި ޖަރުމަންވިލާތުގެ އިސްވެރިންނާ ޕުޓިން ބައްދަލުކުރެއްވިފަދަ 30 ފޫޓުގެ ދިގު މޭޒެއްގައި އެފަދަ މަޝްވަރާތަކެއް ކުރުން މުޙިއްމު ނޫންކަމަށާއި ރަޝިޔާއާއި ޔޫކްރެއިނަކީ އެއަށްވުރެ ގާތް ދެ ޤައުމުކަމަށް ޒެލެންސްކީ ވިދާޅުވިއެވެ. ނަމަވެސް އޭނާވަނީ ހަނގުރާމަ ހުއްޓާލުމަށް ރަޝިޔާއިން ކުރިމަތިކޮށްފައިވާ ޝަރުތުތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ދެކޮޅުހައްދަވައިފައެވެ.