ޚަބަރު

ހައިކޯޓުން ނިންމި ނިންމުން އެގޮތުގައި ދެމި އޮތްކަމަށް ކަނޑައަޅައިފި


ހައިކޯޓުގެ އަމުރެއް ސަސްޕެންޑްކޮށް ރާއްޖެއަށް ޑްރަގް އެތެރެކުރުމުގައި ބައިވެރިވިކަމަށް ތުހުމަތު ކުރެވޭ މީހަކު އައްޑޫ ސިޓީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ދޫކޮށްލުމަށް ކުރި ހުކުމް، ބާޠިލްކޮށް ހައިކޯޓުގެ ހުކުމް އެކޯޓުން ދަމަހައްޓައިފިއެވެ.

ބަންދުގައި ހުރި އައްޑޫ ސިޓި ހިތަދޫ މަންދޫބުގެ، ރުޝާން އަހްމަދު ދީދީގެ ބަލި ހާލަތަށް ރިޔާއަތްކޮށް، ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ރަފީއުއްދީން އަހްމަދު ނެރުނު ހުކުމުގައި ވަނީ ހައިކޯޓުން ނެރެފައިވާ އަމުރެއް 90 ދުވަހަށް ސަސްޕެންޑްކުރުމަށްފަހު، ޝަރުތުތަކަކާ އެކު އޭނާ ދޫކޮށްލާފައެވެ.

ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް، މައްސަލާގައި ތުހުމަތުވާ މީހާ ދޫކޮށްލާފައިވަނީ ތިން މަސް ދުވަހުގައި ހެކިވެރިންނާ އެއްވެސް މުއާމަލާތެއް ނުކުރުމަށާއި، ރޭގަނޑު 12 އިން ފެށިގެން ހެނދުނު ހަޔަކަށް ގެއިން ނުނިކުތުމަށް ޝަރުތުކޮށްފައެވެ.

މިއާއެކު ޕްރިސެކިއުޓަރޖެނެރަލް ވަނީ އައްޑޫ ސިޓީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ޢަމުރު އިސްތިއުނާފްކުރުމަށް ހައި ކޯޓަށް ހުށައަޅާފައެވެ. ޕީޖީން އިސްތިއުނާފަށް ހުށައެޅި މި މައްސަލައާއި ގުޅިގެން ހައި ކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ ޕީޖީން އިސްތިއުނާފަށް ހުށައެޅި މައްސަލަ ބާޠިލްކޮށް ހައި ކޯޓުން ކުރިން ކޮށްފައިވާ ޙުކުމް އެގޮތުގައި ދެމިއޮތްކަމަށް ކަނޑައަޅާފައެވެ. އަދި ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ޢަމުރަކީވެސް ޤާނޫނާ ޚިލާފު ޢަމުރެއްކަމަށް ހައި ކޯޓުގެ ޙުކުމުގައިވެއެވެ.

ކޯޓުތަކާ ބެހޭ ގާނޫނުގައިވާ ގޮތުން މަތީ ކޯޓެއްގެ ނިންމުމެއް ބާތިލްކުރުމާއި ސަސްޕެންޑް ކުރުމުގެ ބާރަކީ ދަށު ކޯޓަށް ލިބިގެންވާ ބާރެއް ނޫނެވެ. ދަށު ކޯޓަށް އޮތް ގޮތަކީ މަތީ ކޯޓުގެ ނިންމުންތަކާ އެއްގޮތަށް އަމަލުކުރުމެވެ. މިމައްސަލާގައި އައްޑޫ ސިޓި ހިތަދޫ ކޯޓުގެ މެޖިސްޓްރޭޓް ރަފީއުދީން އަހްމަދު ޢަމަލުކުރި ގޮތާއި ގުޅިގެން އެ މެޖިސްޓްރޭޓްގެ މައްސަލަ ބެލުމަށް ޖުޑިޝަލް ސާވިސް ކޮމިޝަނުންވެސް ވަނީ ނިންމާފައެވެ.