ޚަބަރު

އަންހެނުންނަށް ޚާއްސަ 20 ފުރުޞަތާއެކު ބަސް ޑްރައިވަރުން ތަމްރީނުކުރަން ހުޅުވާލައިފި


އަންހެނުންނަށް ޚާއްސަ ފުރުސަތުތަކާއެކު އެމްޓީސީސީން ބަސް ޑްރައިވަރުންނާއި، ބަސް ކޮންޑަކްޓަރުން ތަމްރީނުކުރުމުގެ 40 ފުރުޞަތު ހުޅުވާލައިފިއެވެ. މިއީ ވަޒީފާގެ މައިދާނަށް ޒުވާނުން ތަމްރީންކުރުމަށް އެމްޓީސީށީން ފަށާފައިވާ "ހުނަވަރު" ޕްރޮގްރާމްގެ ދަށުން ހުޅުވާލި ފިރުޞަތެކެވެ.

"ހުނަވަރު ބަސް ޑްރައިވަރ ތަމްރީން ޕްރޮގްރާމް" އިފްތިތާޙުކުރީ އަންހެނުންގެ ދުވަހާ ގުޅިގެން އެމްޓީސީސީން ބޭއްވި ރަސްމިއްޔާތެއްގައެވެ. އެމްޓީސީސީން ފަށާފައިވާ ހުނަވަރު ޕްރޮގްރާމަކީ ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި ހުރި ފުރުޞަތުތަކަށް ދިވެހިން ތަމްރީންކޮށް، އެ ދާއިރާތަަކަށް ދިވެހިން ނެރުމަށް ފަށާފައިވާ މަސައްކަތެކެވެ.

މިފަހަރުގެ ޕްރޮގްރާމްގައި ބަސް ޑްރައިވަރުންނާއި ކޮންޑަކްޓަރުގެ ގޮތުގައި ތަމްރީންވުމަށް 40 ފުރުޞަތުވަނީ ހުޅުވާލާފައެވެ. މީގެތެރެއިން 20 ފުރުޞަތަކީ އަންހެނުންނަށްވެސް ބައިވެރިވެވޭގޮތަށް ހުޅުވާލާފައިވާ ފުރުޞަތެެވެ.

"ހުނަވަރު ބަސް ޑްރައިވަރ ތަމްރީން ޕްރޮގްރާމް" އިފްތިތާޙުކޮށްދެއްވީ އެމްޓީސީސީގެ ޗީފް އޮޕަރޭޓިންގް އޮފިސަރ ޝާހިދު ހުސައިން މޫސާއެވެ.

ޝާހިދު ވިދާޅުވީ އެމްޓީސީސީން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ފިރިހެނުންނެކޭ އެގޮތަށް އެއް ހަމައެއްގައި އަންހެނުންނަށްވެސް ފުރުޞަތު ފަހިކޮށްދީ ވަޒީފާގެ މައިދާނަށް ނެރުމަށްކަމަށެވެ. ޚާއްސަކޮށް ދެ ޖިންސުގެ ފަރަގު ކުޑަކޮށް، ޓެކްނިކަލް އެކިއެކި ދާއިރާގައިވެސް އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށްކަމަށެވެ.

"މިހާރު އެމްޓީސީސީގެ އިސް މަޤާމުގަތަކުގައި އަންހެނުންގެ ޙިއްސާ ބޮޑު. ޕްރޮޖެކްޓް މެނޭޖަރ، ސުޕަވައިޒަރ އަދި ސަރވޭތައް ކުރުމުގެ މަސައްކަތްތައްތައްވެސް އަންހެން މުވައްޒަފުން ކުރޭ." ޝާހިދު ވިދާޅުވިއެވެ.

އެމްޓީސީންވަނީ އެ ކުންފުނީގެ ފުރަތަމަ އަންހެން ބަސް ޑްރައިވަރު ސައުޝަން މުޙައްމަދަށް މަރުޙަބާ ކިޔާފައެވެ. މިފަދަ މަސައްކަތްތަކަކީ އަންހެނުންގެ ބައިވެރިވުން ނިސްބަތުން ކުޑަ މަސައްކަތްތަކެވެ.

ބަސް ޑްރައިވަރ އަދި ކޮންޑަކްޓަރ ޕްރޮގްރާމަކީ، ބަސް ދުއްވަން ދަސްކޮށްދީ އެއްގަމު ދަތުރުފަތުރުގެ ނިޒާމަށް އަންހެނުން ނެރުމާއި އަދި ޚިދުމަތް ދިނުމާ ގުޅޭ ތަމްރީންތައް ދިނުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. އަދި އެކަމަށް ބޭނުންވާ ލައިސަންސްތައް ނެގުން ހިމެނެއެވެ.

ތިންމަސްދުވަހުގެ ޓްރެއިނިންގް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު މިހާރުވަނީ ހުޅުވާލާފައެވެ. އެގޮތުން ވެބްސައިޓް މެދުވެރިކޮށް ޕްރޮގްރާމްގައި ބައިވެރިވާން ހުށަހެޅޭނެއެވެ. ޕްރޮގްރާމްގެ ބައިވެރިންނަށް އެލަވަންސްއެއްވެސް ދޭނެއެވެ.

މި ޕްރޮގްރާމްގެ ބައިވެރިންގެ ތެރެއިން، ވަކި ފެންވަރެއްގައި ކޯސް ފުރިހަމަކުރާ ފަރާތްތަކަށް އެމްޓީސީސީން ދާއިމީ ވަޒީފާގެ ފުރުޞަތުތައްވެސް ދިނުމަށްވަނީ ހަމަޖެހިފައެވެ.