ކުޅިވަރު

ރަޝިޔާ އާއެކު ހަދާފައިވާ ބްރޯޑްކާސްޓިންގ އެއްބަސްވުން ސަސްޕެންޑް


އިންގްލިޝް ޕްރިމިއަރ ލީގުން ރަޝިޔާ އާއެކު ހަދާފައިވާ ބްރޯޑްކާސްޓިންގ އެއްބަސްވުން ސަސްޕެންޑް ކޮށްފިއެވެ. ޕްރިމިއަރ ލިގުން މިގޮތަށް އަމަލު ކޮށްފައިވަނީ ރަޝިޔާއިން ޔޫކްރެއިނަށް އަރާ ހިންގަމުންދާ އުދުވާންތަކާއި ދެކޮޅުކަން ހާމަކުރުމުގެ ގޮތުންނެވެ.

އީޕީއެލްގެ މިނިންމުން ވަގުތުން ތަންފީޒު ކުރުމަށް އެ ލީގުންވަނީ ނިންމާފައެވެ. އަދި ބުރާސްފަތި ދުވަހުގެ ރޭ ކުޅޭ ހަތަރު މެޗު ވެސް ރަޝިޔާއަކުން ނުދައްކާނެއެވެ. މިކަމަަށްޓަކައި ބޭއްވި ބައްދަލުވުމެއްގައި މިކަން ފާސްކޮށްފައިވަނީ ލީގުގައި ހިމެނޭ 20 ކްލަބްގެ އިއްތިފާގުންނެވެ. އަދި ޕްރިމިއަރ ލީގުންވަނީ ޔޫކްރެއިންގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް އެއް މިލިއަން ޕައުންޑް ޑޮނޭޓް ކުރާނެކަން ވެސް ހާމަކޮށްފައެވެ. ޕްރިމިއަރ ލީގުގެ މެޗްތައް ދެއްކުމުގެ ރަޝިޔާގެ ރައިޓްސް އޮންނަނީ ރެމްބްލް ގްރޫޕް އަތުގައެވެ. އަދި މިއީ އެގްރޫޕާއެކު ހަދާފައިވާ ތިން އަހަރުގެ އެއްބަސްވުމުގެ ފަހު އަހަރެވެ.

މީގެއިތުރުން އިންގްލަންޑްގެ ފުޓްބޯލް އެސޯސިއޭޝަނުން ވެސް ވަނީ ރަޝިއާއެއެކު އޮތް ގުޅުން ނިމުމަކަށް ގެނެސްފައެވެ. މިނިންމުމާއެކު އިނގިރޭސި އެފްއޭ ކަޕްގެ ކުއާޓަރ ފައިނަލް މެޗްތައް ވެސް ރަޝިޔާއަކަށް ނުދެއްކޭނެއެވެ. ޕްރިމިއަރ ލީގުން މިނިމުނު ހަފްތާ ބަންދުގައި ކުޅުނު މެޗުތަކުގައިވަނީ ޔޫކްރެއިނާއެކު އެލީގު އޮތްކަން ހާމަކޮށްދިނުމުގެ ގޮތުން މެޗްތައް ގިނަ ކަންކަން ކުރިޔަށްގެންގިސްފައެވެ. ޕްރިމިއަރ ލީގުން ހާމަކޮށްފައިވަނީ، އެފަރާތުން އެކަން ކުރިއަށް ހުރި މެޗްތަކުގައި ތަކުރާރު ނުކުރާނެ ކަމަށާއި ކްލަބްތަކުން ބޭނުންނަމަ އެކްލަބް ތަކުން އަމިއްލަ ހަރަކާތްތައް މެޗް ފެށުމުގެ ކުރިން ކުރިއަށްގެންދިުމުގެ ހުރަހެއް ނޯންނާނެކަމަށެވެ.