ބޭންކް އޮފް މޯލްޑިވްސްއިން މުޅި ރާއްޖެއަށް ބޭންކިންގ ހިދުމަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ތ. އަތޮޅު ހިރިލަންދޫގައި މިއަދު ސެލްފް ސަރވިސް ބޭންކިންގ އޭޓީއެމް ސެންޓަރެއް ހުޅުވައިފިއެވެ.
މި ހިދުމަތް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ފައިސާ ނެގުމުގެ އިތުރުން ފައިސާ ޖަމާކުރުމާއި، ޓްރާންސްފަރ ކުރުމުގެ ހިދުމަތް ލިބިގެންދާނެކަމަށް ބީއެމްއެލްއިން ބުނެއެވެ.
މިކަމާގުޅޭ ގޮތުން ބީއެމްއެލް ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ ސެލްފް ސަރވިސް ހިދުމަތް ފުޅާކޮށް ހިރިލަންދޫގައި އޭޓީއެމް ހިދުމަތް ފޯރުކޮށްދެވޭކަމީ ބޭންކަށް ލިބޭ ވަރަށް ބޮޑު އުފަލެއްކަމަށެވެ. އަދި އާންމު ފަރުދުންނާއި ވިޔަފާރިތަކަށް މިއޭޓީއެމްގެ ސަބަބުން ބޭންކިންގ ހިދުމަތް ހޯދުމަށް ލުއިފަސޭހަވެގެންދާނެކަމަށް އެނާ ވިދާޅުވިއެވެ.
މިއަދު ހިރިލަންދޫގައި ހުޅުވުނު އޭޓީއެމް ހިދުމަތާއެކު މިވަގުތު ތ. އަތޮޅު ގުރައިދޫ އަދި ވޭމަންޑޫގައި ސެލްފް ސަރވިސް ބޭންކިންގއާއެކު ގާއިމްކޮށްފައިވާ ބްރާންޗްތައް މެދުވެރިކޮށް ދަނީ ހިދުމަތް ފޯރުކޮށްދެމުންނެވެ. މީގެ އިތުރުން ތިމަރަފުށީގައި ސެލްފް ސަރވިސް ބޭންކިންގ އޭޓީއެމް ސެންޓަރެއް ވަނީ ގާއިމްކޮށްފައެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 35 ބްރާންޗް، 80 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 138 އޭޓީއެމް، 200 އަށްވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.