ވިޔަފާރި

ބިންހިއްކުމުގެ މަޝްރޫޢުތަކަށް އިތުރު ޑްރެޖަރ އެއް ގެންނަނީ


ދެދުވަހުން ހެކްޓަރެއް ހިއްކޭ ވަރުގެ ޑްރެޖަރެއް އެމްޓީސީން މިއަހަރު ގެނެސް ބިންހިއްކުމުގެ މަޝްރޫޢު އިތުރަށް ފުޅާކުރުމަށް އެކުންފުނިން މަސައްކަތް ކުރަމުން އަންނަކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.ސަރުކާރު ހިއްސާވާ ކުންފުނި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮންޕެނީން މިއަހަރު ވަރަށް ގިނަ މަޝްރޫޢުތަކެއް ކުރިޔަށް ގެންދިއުމަށް ރާވާފައިވާ އަހަރެއްކަމަށް އެކުންފުނިންވަނީ ބުނެފައެވެ. އެގޮތުން މިއަހަރަކީ އެމްޓީސީސީން ކުރިޔަށްގެންދާ ބިންހިއްކުމުގެ މަޝްރޫޢަށް އިތުރު ކުރިއެރުމެއް ގެނެސްދޭނެ އަހަރެއްކަމަށް އެކުންފުނިން މަޢުލޫމާތުދެއެވެ.ބިންހިއްކުމުގެ މަޝްރޫޢުގެ މަސައްކަތުގެ ސްޕީޑް އަވަސްކޮށް މިމަސައްކަތަށް ކުރިއެރުން ގެނައުމަށް ދެ ދުވަސްތެރޭ ހެކްޓަރެއް ހިއްކާލެވޭނެ ޤާބިލްކަން ލިބިފައިވާ ޑްރެޖަރެއް މިއަހަރު ތެރޭގައި ގެނެސް މަސައްކަތްތައް ފެށުމަށް އެމްޓީސީން ދަނީ ތައްޔާރުވަމުންނެވެ. މިކަން ޙަޤީގަތަކަށް ހެދުމަށް ނެދަލޭންޑްސްގެ އައިއެޗްސީ ކުންފުނިން ޑްރެޖަރ ގެނައުމަށް އެޑްވާންސް ޕޭމަންޓުވެސް ނިމިފައިވާކަމަށް އެމްޓީސީގެ ސީއީއޯ އަބްދުއްރައްޒާގު ޙަލީމްވަނީ ވިދާޅުވެފައެވެ. ޑްރެޖަރު ލިބުމާއެކު ރާއްޖޭގައި ހިންގާ ބިން ހިއްކުމުގެ ތަފާތު ޕްރޮޖެކްޓްތައް އެ ކުންފުނިން ފުރިހަމަކަމާ އެކު ކުރިއަށްގެންދެވޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ. މި ޑްރެޖަރ ގެނެވުމުން އެމްޓީސީސީން މިހާރު ހިއްކަން ފަށާފައި ހުރި ބިންތަކާއި އަދި ކުރިއަށް ހުރި ޕްރޮޖެކްޓްތަކުގެ މަސައްކަތްވެސް ހަލުވިވެގެންދާނެކަމަށް އެކުންފުނިން މަޢުލޫމާތުދެއެވެ.  އެމްޓީސީގެ މަސައްކަތް މިހާރަށްވުރެ ފުޅާކޮށް، ބިންހިއްކުމުގެ މަޝްރޫޢުތައް އިތުރަށް ފުޅާކުރުމަށްވެސް އެމްޓީސީން ވަނީ އަމާޒު ހިފާފައެވެ.