ޚަބަރު

ޗެއަރޕާސަން އިންތިހާބު ފަސްކުރަން ބޮޑު ތާއީދެއް


އެމްޑީޕީގެ ޗެއަރޕާސަން ހޮވުމަށް ބާއްވާ އިންތިހާބު އަންނަ މޭމަހުގެ 14 ވަނަ ދުވަހު ބޭއްވުމަށް އެޕާޓީގެ ޤައުމީ މަޖިލީހުން ފާސްކޮށްފިއެވެ. ކުރިން މި އިންތިޙާބު ބާއްވަން ނިންމާފައި އޮތީ އަންނަ މަހުގެ 16 ވަނަދުވަހުއެވެ.

އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިހާބު ރޯދަ މަހާއި ދިމާވާތީ އެ އިންތިހާބު ފަސްކުރުމަށް ޤައުމީ މަޖިލީހަށް ހުށައެޅީ އެޕާޓީގެ މަތި އުތުރު ޕްރޮވިންސްގެ ރައީސް އިބްރާހިމް ވަހީދެވެ. މި ހުށެއެޅުމަށް ތާއީދުކުރީ ރައްޔިތުން މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒުއެވެ.

ރޭ ބޭއްވި ޤައުމީ މަޖިލީހުގެ މެމްބަރުންގެ މެދުގައި ހިޔާލު ތަފާތުވެ ބަހުގެ ހަމަލާތައް ވަނީ ބަދަލުކޮށްފައެވެ. ޖަލްސާ ހޫނުވެ މެމްބަރުން ބަހުގެ ހަމަލާތައް ދޭން ދެށީ އިންތިހާބު ފަސްކުރަން އުޅެނީ އިންތިހާބަށް ނުފޫޒު ފޯރުވާ، ކޮރަޕްޝަންގެ އަމަލުތަކެއް ހިންގަމުންދާކަމަށް ރައްޔިތުން މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އަޒިމު ތުހުމަތުކުރައްވާ ވާހަކަދެއްކެވުމުންނެވެ.

ޗެއަރޕާސަންކަމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް އިންތިހާބު ފަސްކުރުމަށް ތާއިދުކުރެއްވި ނަމަވެސް އޭނާއާ ވާދަކުރައްވާ ރައްޔިތުން މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރުން އިމްތިޔާޒު ފަހުމީ އެކަމަށް ދެކޮޅު ހައްދަވައެވެ. އިންތިގެ ހުށައެޅުމަކީ މިހާރު ތާވަލުކޮށްފައިވާ ދުވަހު އިންތިހާބު ބޭއްވުން ނޫނީ ރޯދައިގެ ކުރިޔަށް އަވަސްކުރުމެވެ.

ރޭގެ ބައްދަވުމުގައި ވާހަކަދައްކަވަމުން ފައްޔާޒު ވިދާޅުވީ އޭނާ ހުންނެވީ ސަރުކާރާއި އެކުކަމަށާއި އަންނަ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ކާމިޔާބުކޮށްދެއްވަން މަސައްކަތް ކުރައްވާނެކަމަށެވެ. އަދި ސަރުކާރު ހިންގަން މަޖިލީހުގެ ތެރެއިން ހުރަސް އަޅުއްވަމުން ގެންދަވާ މަންޒަރު ފެންނަކަމަށްވެސް ފައްޔާޒު ވަނީ ވިދާޅުވެފައެވެ.

އިންތިހާބު ފަސްކުރުމަށް ތާއީދު ނުކުރައްވާކަން ހާމަކުރައްވަމުން އިންތިއަށް ތާއީދުކުރައްވާ ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އިވާ އަބްދުﷲ ވިދާޅުވީ ރޯދަ މަހާއި ދިމާވުމަކީ އިންތިހާބު ފަސްކުރަންޖެހޭ ކަމެއް ނޫންކަމަށެވެ. އަދި އެއީ އެމްޑީޕީގެ ސިޔާސަތާއި ބީރައްޓެހި ޕާޓީގެ ވިސްނުމާއި ދެކޮޅު ހުތުރުކަމެއްކަމަށް އީވާ ވިދާޅުވިއެވެ.

ރޭގެ ޤައުމީ މަޖްލީހުގައި 115 މެމްބަރުން ބައިވެރިވި އިރު އިންތިހާބު ފަސްކުރަން 100 މެމްބަރުން ވަނީ ވޯޓްދީފައެވެ. ފަސްކުރަން ނުފެންނަކަމަށް ވޯޓްދިނީ 15 މެމްބަރުންނެވެ.