ހަރުކަށި ފިކުރުގެ ފަރާތްތަކުން ޖަލުތަކުން މީހުން ރެކްރޫޓްކުރަމުގެ ޢަމަލުތައް ހިންގަމުންދާކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު ވިދާޅުވެއްޖެއެވެ.
ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު މިހެން ވިދާޅުވީ ޤައިދީން ރިހެބިލިޓޭޓްކުރުމުގެ ގޮތުން މާފުށީ ޖަލުގައި ސްޕެޝަލް މެނޭޖްމަންޓް ޔުނިޓް (އެސްއެމްޔޫ) ޤާއިމުކޮށް، އެކަމުގެ ތަމްރީންތައް ފުރިހަމަކުރި އޮފިސަރުންނަށް ސެޓްފިކެޓްދިނުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ޕްރިޒަން އޮފިސަރުންނަށް ހިންގި “ޕްރިންސިޕަލްސް އެންޑް ކޮންސެޕްޓްސް އޮފް ކައުންޓަރިންގ ވަޔަލަންޓް އެކްސްޓްރީމިސްމް އެންޑް ހައި ސެކިއުރިޓީ ޕްރިޒަން އޮޕަރޭޝަންސް” ޕްރޮގްރާމްގައި 28 އޮފިސަރުން ވަނީ ބައިވެރިވެފައެވެ.
ޕްރޮގްރާމް ފުރިހަމަކުރި އޮފިސަރުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅުއެވެ.
މިއީ ޕްރޮގްރާމަކީ ޖަލުތަކުގައި ހަރުކަށި ފިކުރު ފެތުރުން ހުއްޓުވުމާއި ބެހޭގޮތުން ޕްރިޒަން އޮފިސަރުން ހޭލުންތެރިކޮށް އެކަމަށް ބޭނުންވާ ތަމްރީން ދިނުމަށް ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ. މި ޓްރޭނިންގ ޕްރޮގްރާމްގައި މާފުށީ ޖަލުގެ 28 އޮފިސަރުން ވަނީ ބައިވެރިވެފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު ވިދާޅުވީ، ދީނުގެ ނަމުގައި ހަރުކަށި ފިކުރު ފަތުރަމުންދިއުމަކީ މުޅި ދުނިޔަށް ކުރިމަތިވެފައިވާ ކަމެއްކަމުގައެވެ. ހަރުކަށި ފިކުރުގެ ފަރާތްތަކުން ޖަލުތަކުން މީހުން ރެކްރޫޓްކުރަމުންދާކަމަށާއި، ޖަލު ބަލަހައްޓާ ފަރާތުގެ ހައިޞިއްޔަތުން އެކަން ހުއްޓުވުމަށް އެމްސީއެސްއިން ހުށިޔާރު ވާންޖެހޭނެކަމަށް ސީޕީ ވިދާޅުވިއެވެ. ކޮމިޝަނަރ ވިދާޅުވީ ހަރުކަށި ފިކުރު ފެތުރުން ހުއްޓުވުމަށްޓަކައި ފަރުދީ ޒިންމާ އަދާކޮށް، މަސައްކަތު މާޙައުލުގައި މި ޓްރޭނިންއިން ލިބުނު ޢިލްމުގެ ޢަލީގައި، މަސައްކަތްކުރުން ވަރަށް މުހިންމުކަމަށެވެ.
މި ޓްރޭނިންގ ޕްރޮގްރާމްގެ ބައިވެރިންނަށް ކިޔަވައިދެއްވީ އެމެރިކާގެ ޑިޕަރޓްމަންޓް އޮފް ޖަސްޓިސްގެ އިންޓަނޭޝަނަލް ކްރިމިނަލް އިންވެސްޓިގޭޓިވް ޓްރޭނިންގ އެސިސްޓަންސް ޕްރޮގްރާމް (އައިސިޓަޕް) ގެ ކޮންސަލްޓަންޓް މރ. މައިކް ޕަނެކްއެވެ. އޭނާ ވިދާޅުވީ ހަރުކަށި ފިކުރުގެ ފަރާތްތައް ރިހެބިލިޓޭޓްކޮށް ބަދަލުކުރުވުމަކީ މިކަމަށް ލިބޭ ބޮޑު ކުރިއެރުމެއް ކަމަށެވެ.