ޚަބަރު

ރަޝިޔާގެ ޙަމަލާތަކުން ޔޫކްރެއިނަށް 10 ބިލިޔަން ޑޮލަރުގެ ގެއްލުމެއް


ފާއިތުވި ދެ ހަފުތާގެ ތެރޭގައި ރަޝިޔާއިން ދީފައިވާ ވަރުގަދަ ޙަމަލާތަކުގައި ޔޫކްރެއިނުގެ އުމުރާނީ ވަޞީލަތްތަކަށް 10 ބިލިޔަން އެމެރިކާ ޑޮލަރުގެ ގެއްލުމެއް ލިބިއްޖެއެވެ.

ޔޫކްރެއިނުގެ އުމުރާނީ ތަރައްޤީއާބެހޭ ވަޒީރު އޮލެކްސަންދަރު ކުބުރަކޯފް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހުނު ނަމަވެސް ބޭރުގެ އެހީއާއެކު އަހަރެއްހާ ދުވަހުގެ ތެރޭގައި ޤައުމު އާރާސްތުކުރެވޭނެކަމަށެވެ. އަދި އެންމެ ވަރުގަދައަށް ޙަމަލާބަދަލުކުރަމުންދާ ސަރަޙައްދުތަކުގެ ތެރޭގައި ހިމެނޭ ޔޫކްރެއިނުގެ ދެވަނައަށް އެންމެ ބޮޑު ރަށްކަމަށްވާ ކަރްކީވު ދޫކޮށް 40،000އަށްވުރެ ގިނަ މީހުން ގޮސްފައިވާކަމަށާއި އޭގެ ތެރެއިން އެންމެ ގިނަ ބަޔަކު ގޮސްފައިވަނީ ރަޝިޔާއަށްކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވެރިރަށް ކިޔޭވުގެ ރަށްބޭރުގައި ދިރިއުޅޭ 4،000އެއްހާ މީހުންވެސް އެ ސަރަޙައްދު ދޫކޮށް ދާން ބޭނުންވެފައިވާކަމަށާއި އެ ފުރުޞަތު ފަހިކޮށްދޭން ޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.

ޔޫކްރެއިނުގައި ބަދަލުކުރަމުންދާ ޙަމަލާތަކުގައި ފާއިތުވި ދެ ހަފުތާގެ ތެރޭގައި 500އަށްވުރެ ގިނަ މީހުން މަރުވެފައިވާކަމަށް އދންވަނީ އަންދާޒާކޮށްފައެވެ. އަދި އެ ޤައުމު ދޫކޮށް 1.5 މިލިޔަނަށްވުރެ ގިނަ މީހުން އަވަށްޓެރި ޤައުމުތަކަށް ގޮސްފައިވާކަމަށްވެސް އދންވަނީ ބުނެފައެވެ.